ރާއްޖޭން ބޭރުން އައި ދިވެއްސަކު ހިމަބިއްސަށް (މީސްލްސްއަށް) ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ، މާލެ ސަރަހަށްދުން މިމަހުގެ 25 ވަނަ ދުވަހު ދިވެއްސަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާކަމަށެވެ. މި ކޭސްއާއި ގުޅޭގޮތުން ބެލި ބެލުމުން، އޭނައަށް ބަލިޖެހިފައިވަނީ ރާއްޖޭން ބޭރުންކަމަށް އެނގިފައިވާކަމަށް އެއެޖެންސީން މައުލޫމާތުދެއެވެ.
ބަލި ޖެހުނު މީހާގެ ސިއްހީ ހާލަތު ހުރިގޮތުން އޭނައަށް ހޮސްޕިޓަލުގައި އެޑްމެޓްކޮށްގެން ފަރުވާދެމުންދާކަމަށާއި، މިވަގުތު ހާލަތު ރަނގަޅުވަމުން އަންނަކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މިއީ މީސްލްސް ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާ ފަރާތެއްކަމަށް އެ އެޖެންސީން މައުލޫމާތުދެއެވެ.
މީސްލްސް ވެކްސިންގެ ދެޑޯޒް ފުރިހަމަވެފައިވުމުން ބަލި ޖެހުމުގެ ރިސްކް 97 އިންސައްތަ ކުޑަކޮށްދެއެވެ. ނަމަވެސް މީސްލްސްއަކީ އެންމެ ހަލުވިކޮށް ފެތުރޭ އެއް ބަލިކަމަށްވުމާއެކު، ބައެއް މީހުން ބައްޔަށް ހުށައެޅިއްޖެނަމަ ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.
ހިމަބިއްސަކީ ރާއްޖޭން ނައްތާލެވިފައިވާ ބައްޔަކަށް ވުމާއެކު، ކޭސްއެއް ފެނުމުން އަމަލުކުރަން ކަނޑައެޅިފައިވާ އުސޫލުގެ މަތިން ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ބައެއް ކޮންޓެކްޓުންނަށް އެކަން އަންގައި އޭގެތެރެއިން ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށް ވެކްސިން ދީފައިވާކަމަށް އެ އެޖެންސީން ބުނެއެވެ.
އެޗްޕީއޭއިން ބުނީ، ބަލި ޖެހިފައިވާ މީހާ، އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނަ މުއްދަތުގެ ތެރޭގައި ދަތުރުކޮށްފައިވާކަމަށާއި، އެހެންކަމުން ދަތުރުމަތީގަޔާއި، ގެއާއި ހޮސްޕިޓަލުގައި އޭނައަށް ކޮންޓެކްޓްވި މީހުންގެ މައުލޫމާތު މިހާރު އެއްކުރަމުންދާކަމަށެވެ. މި ފަރާތްތައް ދެނެގަނެ، އަމަލުކުރަންވީގޮތުގެ އިރުޝާދުދީ، އޭގެތެރެއިން މީސްލްސް ވެކްސިންގެ ޑޯޒްތައް ފުރިހަަމަ ނުވެތިބި ފަރާތްތަކަށް ވެކްސިން ޖެހުން ކުރިޔަށް ގެންދާނެއެވެ. އަދި ކަނޑައެޅިފައިވާ އުސޫލުގެ މަތިން، ބަލިލޖެހުނު މީހާ ދިރިއުޅޭ ސަރަހަށްދުގައި ރިންގް ވެކްސިނޭޝަން ކުރިޔަށް ގެންދެވޭނެކަމަށް އެވްޕީއޭއިން މައުލޫމާތުދެއެވެ.
ހިމަބިއްސަކީ މީސްލްސް ވައިރަސްގެ ސަބަބުންޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. މިބަލި ފެތުރެނީ ނޭވާލުމުގެ ޒަރީޢާއިން (ކެއްސާ ކިނބިހި އެޅުމުގެ ތެރޭގައި) މިބަލި ޖައްސާ ވައިރަސް ސަލާމަތުން ހުރި މީހެއްގެ ހަށިގަނޑަށް ވާސިލްވުމުންނެވެ.
ހިމަބިހި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ނޭފަތުން އަރިދަފުސް އަދި ފެން ފޭބުން، ލޮލުރޯގާޖެހުން، އަދި އަނގައިގެތެރޭގައި ރަތް ކުލައަކަށް ހުންނަ ތިކިތަކެއް ނުވަތަ ފޮޅުތަކެއް ފާޅުވުން ފަދަ ކަންތައްތައް ހިމެނެއެވެ.
ހިމަބިހި ޖެހޭތާ ހަތަރުވަރަކަށް ދުވަހުގެ ތެރޭގައި ހަށިގަނޑުން ތުނި ބިހި، ނުވަތަ ފެންބިހި ތަކެއް ފާޅުވާން ފަށައެވެ. މި ފެންބިހިތައް ފުރަތަމަ ފާޅުވަނީ މޫނު މަތީގައެވެ. އެއަށްފަހު އަތްފަޔާއި ބުރަކައްޓާއި މޭމަތީގައި މިބިހިތައް ނަގަން ފަށައެވެ. ގާތްގަނޑަކަށް ފަސްދުވަސް ވަންދެން މި ބިހިތައް ދެމިހުރެއެވެ.
ހިމަބިހިން ރައްކާތެރިވުމަށް ކުޑަކުދިންގެ އުމުރުން ނުވަމަހުގައި މީސްލްސް ވެކްސިން ދިނުމަކީ މުހިންމު ކަމެކެވެ.