ޕްރިމިއަރ ލީގުގެ ގަދަބާރު، ލިވަޕޫލުގެ ކެޕްޓަންގެ ގޮތުގައި ފެނިގެންދިޔަ ޖޯޑަން ހެންޑާސަން، ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދާ ގުޅިއްޖެއެވެ.

އިނގިރޭސި ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ އުމުރުން 34 އަހަރުގެ މިޑްފީލްޑަރު އަލް އިއްތިހާދަށް ސޮއިކޮށްފައިވަނީ، 12 މިލިއަން ޕައުންޑުގެ ޑީލެއްގެ ދަށުންނެވެ. މީގެއިތުރުން، އިތުރު އެޑްއޮންސް ވެސް މި ޑީލުގެ ދަށުން ލިބޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ލިވަޕޫލުގައި 12 އަހަރު ހޭދަކުރުމަށްފަހު ހެންޑަސަން އަލް އިއްތިހާދަށް ސޮއިކުރިއިރު، އަލް އިއްތިހާދުގެ ކޯޗަކީ ކުރިން ލިވަޕޫލަށް ކުޅެފައިވާ އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ސްޓީވަން ޖެރާޑެވެ. ސައުދީގެ އަލް އިއްތިހާދާއެކު ހެދި އެއްބަސްވުމުގެ ދަށުން ހެންޑާސަން އެ ކުލަބުގައި 2026 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރާނެއެވެ.

ހެންޑަސަން ލިވަޕޫލާ ގުޅުނީ 2011 ވަނަ އަހަރުގެ ހޫނުމޫސުމުގެ ޓްރާންސްފަރ ވިންޑޯގައި 20 މިލިއަން ޕައުންޑުގެ ޓްރާންސްފަރ ފީއެއްގެ ދަށުން، ސަންޑާލޭންޑުންނެވެ.

ލިވަޕޫލްގެ ޖާޒީގައި އޭނާ 492 މެޗު ކުޅެފައިވާއިރު، 33 ލަނޑު ޖަހައިދީ 57 އެސިސްޓުކޮށްދީފައިވެއެވެ. ލިވަޕޫލާއެކު ހަތް މޭޖަރ ޓްރޮފީއެއް ހެންޑާސަން އުފުލާލާފައިވެއެވެ.

ލިވަޕޫލްގެ ކެޕްޓަނެއްގެ ގޮތުގައި ހެންޑަސަން އައްޔަނުކުރީ 2015 ވަނަ އަހަރުއެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން ލިވަޕޫލުން ވަނީ 2019 ވަނަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި އެ އަހަރުގެ ޔޫއެފާ ސުޕާ ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް، ލިވަޕޫލުން ކާމިޔާބުކުރީ ވެސް އޭނާގެ ކެޕްޓަން ކަމުގެ ދަށުންނެވެ.

ސައުދީ ލީގުން ޔޫރަޕު ފުޓުބޯޅައިގެ ގިނަ ތަރިންތަކެއްގެ ސޮއި ހޯދަމުން އަންނައިރު، ގިނަ ކުޅުންތެރިންތަކެއް ސައުދީ ލީގާ ގުޅުނީ ބޮޑު މުސާރައެއްގައެވެ. އެގޮތުން އެންމެފުރަތަމަ ސައުދީ ލީގާ ގުޅުނު ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އަލް ނަސްރާ ގުޅުނީ އަހަރަކު 200 މިލިއަން ޑޮލަރު ލިބޭ އެއްބަސްވުމެއްގެ ދަށުން، ދެ އަހަރާ ބައިގެ މުއްދަތަކަށް މަޑުކުރާ ގޮތަށެވެ.

އެފަހުން ރެއާލް މެޑްރިޑުގެ ކުރީގެ ކެޕްޓަން ކަރިމް ބެންޒެމާ އާއި، މެންޗަސްޓަރ ސިޓީގެ ރިޔާދް މަހްރޭޒް އަދި ޗެލްސީގެ އެންގޮލޯ ކާންޓޭ ފަދަ ކުޅުންތެރިން ސައުދީ ލީގުގެ ކުލަބުތަކަކަށް ސޮއިކޮށްފައިވެއެވެ.