ހޮޑުލުމާއި ބޭރަށް ހިންގުމުގެ ކޭސްތައް މާލެ ސަރަހައްދުގައި ކުއްލިއަކަށް އިތުރުވީ ކާ އެއްޗެއްގެ ސަބަބަކުން ނޫންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް މިދިޔަ ދެހަފުތާގެ ތެރޭގައި ފެތުރޭވަރު އިތުރު ކަމަށާއި ނަމަވެސް ރެއިން ފެށިގެން ކުއްލިއަކަށް އާދަޔާ ހިލާފަށް ކޭސްތައް އިތުރުވެފައިވާ ކަމަށެވެ.

ސޯޝަލްމީޑިއާގައި އަދި ބައެއް ނޫސް ރިޕޯޓުތަކުގައި ތުހުމަތުކުރީ އެއީ މިނިވަން ދުވަހާ ގުޅުވައިގެން މާލޭގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ފުޅަނދުބުރުގައި ބެހި މެޓައެއް ކައިގެން ކުޑަކުދިންނަށް ދިމާވި ކަމެއް ގޮތުގައެވެ.

އެކަމާ ގުޅިގެން އެޗްޕީއޭ އިން މިހާރު ވަނީ ސާމްޕަލްތައް ނަގައި ތަހުލީލުތައް ހަދަން ފަށައިފައެވެ.

ޕްލިމިނަރީ ރިޕޯޓުތަކާ ހަވާލާދީ، އެޗްޕީއޭއިން ބުނީ، ހޮޑުލައި ބޭރަށްހިންގުން ކުއްލިއަކަށް އިތުރުވީ، ވައިރަހެއްގެ ސަބަބުން ކަމަށާއި އެއީ ވަކި ކާއެއްޗަކާ ގުޅިގެން ވީ ކަމެއް ނޫން ކަމަށެވެ.

ބަލި ކުއްލިއަކަށް އިތުރުވި ސަބަބުން ދެނެގަތުމަށް އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ބަލިމީހުން ކުއްލިއަކަށް ގިނަވުމުން އެކަމުގެ ކަންބޮޑު ފާޅުކުރައްވައި އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފް ވަނީ އާންމު ހޮޑުލެވޭތީ އަދި މީހުން ބޭރަށްހިންގާތީ އީއާރްއަށް ދައްކާ މީހުންގެ އަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށެވެ. އަދި ބޯފެނަކީ ސާފު ފެންކަން ޔަގީން ކުރެއްވުމަށްފަހު ބޭނުންކުރުމަށް އެދިވަޑައިގެންފައި ވެއެވެ.

ފެން ކައްކައި، ހިހޫކޮށްގެން ބުއިން އަދި ފިލްޓަރުކޮށްފައި ހުންނަ ފެނަކީ މިދުވަސްވަރު ރައްކާތެރި ގޮތެއްކަމަށް ޑރ. ނިޔާފް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން، ކަންބޮޑުވުން ފާޅުކުރައްވައި އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލްވެސް ވަނީ އަތްދޮވެގެން ނޫނީ ނުކެއުމަށާއި އަވަސްއަވަހަށް އަތް ދޮވެލަން އާދަކުރަން ހަނދާންކޮށްދީފައެވެ. މީގެއިތުރުން އަވަސްއަވަހަށް ދިޔާއެއްޗެހިދީ ހަށިގަނޑުން ފެންމަދުވިޔަ ނުދީވޭތޯ ބެލުމަށް ފައިސަލްވަނީ ނަސޭހަތްތެރިވެފައެވެ.

މައުލޫމާތު ލިބޭގޮތުން އޭޑީކޭއާއި އައިޖީއެމްއެޗްގެ އިތުރުން ސެނެހިޔާއަށް އަދި ވިލިމާލޭ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލަށްވެސް ގިނަ ބަޔަކު ދަނީ ފަރުވާ ހޯދުމަށް ދަމުންނެވެ. އޭގެތެރެއިން ގިނައީ ކުޑަކުދިން ކަމަށްވެސް މައުލޫމާތު ލިބެއެވެ.