މާލެ ސަރަހައްދުގައި މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިހެން ބުނީ އެ އޭޖެންސީން މިއަދު އާންމުކުރި މެސެޖެއްގައެވެ.
ސޯޝަލްމީޑިއާގައި އަދި ބައެއް ނޫސް ރިޕޯޓުތަކުގައި ތުހުމަތުކުރީ އެއީ މިނިވަން ދުވަހާ ގުޅުވައިގެން މާލޭގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ފުޅަނދުބުރުގައި ބެހި މެޓައެއް ކައިގެން ކުޑަކުދިންނަށް ދިމާވި ކަމެއް ގޮތުގައެވެ.
އެކަމާ ގުޅިގެން އެޗްޕީއޭއިން ވަނީ ސާމްޕަލްތައް ނަގައި ތަހުލީލުތައް ހަދަން ފަށައިފައެވެ. ތަހުލީލުތަކަށް ފަހު އާންމުކުރި މެސެޖުގައި ބުނީ، މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށެވެ.
ނޯރޯވައިރަސްއަކީ ވަރަށް ހަލުއިކަމާއެކު ފެތުރޭ ވައިރަހެކެވެ. މިވައިރަސް ޖެހުމުން ހޮޑުލުމާއި ބޭރަށް ހިންގުމުގެ މައްސަލަ ދިމާވެއެވެ. ޚާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށް ފާހަގަކުރެވެއެވެ.
މިރޯގާއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:
- ގިނަ ގިނައިން އަތް ދޮވުންހޭންޑް ސެނިޓައިޒަރ އެކަނި ބޭނުންކުރުމުން ނޯރޯވައިރަސްއިން ރައްކާތެރި ނުކޮށްދޭ، ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވުން.
- ހޮޑު ނުވަތަ ބޮޑުކަމުދާ ތަކެތި އެޅިފައިވާ ތަންތަން ސާފުކުރާއިރު ސަމާލުވުން.
- ޓިޝޫ/ޕޭޕަރ ޓަވަލްއިން ސާފުކޮށް، ރައްކާތެރިގޮތުގައި އުކާލުމަށްފަހު، ބްލީޗް އަޅާފައި ފަސްމިނެޓް ބަހައްޓަވާ، އަދި އެއަށްފަހު ބްލީޗް ސާފުކުރުމަށްފަހު ސައިބޯނި/ދޮންނަ ސޮލިއުޝަން ލައިގެން ސާފުކުރައްވާ.
- ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، ބަލީގެ އަލާމާތްތައް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިނުވުން.
- މީހުން ގިނަ ތަންތަނަށް ނުދިއުން.
ބަލިމީހުން ކުއްލިއަކަށް ގިނަވުމުން އެކަމުގެ ކަންބޮޑު ފާޅުކުރައްވައި އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފްވަނީ އާންމު ހޮޑުލެވޭތީ އަދި މީހުން ބޭރަށްހިންގާތީ އީއާރްއަށް ދައްކާ މީހުންގެ އަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށެވެ. އަދި ބޯފެނަކީ ސާފު ފެންކަން ޔަގީން ކުރެއްވުމަށްފަހު ބޭނުންކުރުމަށް އެދިވަޑައިގެންފައި ވެއެވެ.
ފެން ކައްކައި، ހިހޫކޮށްގެން ބުއިން އަދި ފިލްޓަރުކޮށްފައި ހުންނަ ފެނަކީ މިދުވަސްވަރު ރައްކާތެރި ގޮތެއްކަމަށް ޑރ. ނިޔާފް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން، ކަންބޮޑުވުން ފާޅުކުރައްވައި އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލްވެސް ވަނީ އަތްދޮވެގެން ނޫނީ ނުކެއުމަށާއި އަވަސްއަވަހަށް އަތް ދޮވެލަން އާދަކުރަން ހަނދާންކޮށްދީފައެވެ. މީގެއިތުރުން އަވަސްއަވަހަށް ދިޔާއެއްޗެހިދީ ހަށިގަނޑުން ފެންމަދުވިޔަ ނުދީވޭތޯ ބެލުމަށް ފައިސަލްވަނީ ނަސޭހަތްތެރިވެފައެވެ.
މައުލޫމާތު ލިބޭގޮތުން އޭޑީކޭއާއި އައިޖީއެމްއެޗްގެ އިތުރުން ސެނެހިޔާއަށް އަދި ވިލިމާލޭ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލަށްވެސް ގިނަ ބަޔަކު ދަނީ ފަރުވާ ހޯދުމަށް ދަމުންނެވެ. އޭގެތެރެއިން ގިނައީ ކުޑަކުދިން ކަމަށްވެސް މައުލޫމާތު ލިބެއެވެ.