ރާއްޖޭގައި ދިރިއުޅޭ މޫނުބުރުގާ އަޅާ ޓީޗަރުންތަކެއްގެ ހައްގުތަކެއް ނިގުޅައިގެންފައިވާކަމަށް ބުނެ، އެ ކަނބަލުންގެ ހައްގުގައި އިހުތިޖާޖު ކޮށްފިއެވެ.
އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި މި އިހުތިޖާޖަކީ، މުދައްރިސުންގެ އައު ސުލޫކީ މިންގަނޑުގައި މޫނުބުރުގާ އަޅައިގެން ކިޔަވައިނުދެވޭ ގޮތަށް ބަޔާންކޮށްފައިވާތީ، "އައި ސްޓޭންޑް ވިތު ނިގާބް" ގެ ނަމުގައި އާންމުންގެ ބަޔަކު އިންތިޒާމްކުރި އިހުތިޖާޖެކެވެ.
މޫނު ބުރުގާ އަޅައިގެން ތައުލީމީ ދާއިރާގައި ހަރަކާތްތެރިވުމާއި، ތައުލީމް ދިނުމަށް ހުރަސް އެޅިދާނެ ގޮތަށް ދެ މާނަ ދޭހަވާ ގޮތަށް ގާނޫނުގައި އޮތް މާއްދާ އުވާލައި، ސާފު ނައްސުން މޫނު ބުރުގާ އަޅައިގެން ތައުލީމީ ދާއިރާގައި ހަރަކާތްތެރި ވެވޭނެ ކަމާއި ތައުލީމް ދެވޭނެކަމަށް އުސޫލުގައި ބަޔާންކުރުމަށް އިހުތިޖާޖުގެ ބައިވެރިންވަނީ ގޮވާލާފައެވެ.
ވީނިއުސްއާ ވާހަކަދައްކަވަމުން އިހުތިޖާޖުގެ ބައިވެރިއަކު ވަނީ، މޫނު ބުރުގާ އަޅައިގެން ތައުލީމީ އިލްމީ ބޭފުޅުން ތިބިކަން ފާހަގަކޮށް، އެ ހެދުމުގައި ކިޔަވައިދިނުމަކުން ސަރުކާރުން ބުނާފަދައިން، ދަރިވަރުން ބިރުގަތުން ނުވަތަ ދަރިވަރުންނަށް ފިލާވަޅު އޮޅުން ނުފިލުމެއް ނެތްކަމަށް ބުނެފައެވެ.
އޭނާގެ ވާހަކައިގައިވަނީ، މި އިހުތިޖާޖުގެ ސަބަބުންވެސް އެތައް ބަޔަކު އިހުތިޖާޖުގެ ބައިވެރިންނަށް ފުރައްސާރަކުރަމުން ގެންދާކަމަށާއި އެހެންނަމަވެސް މޫނުބުރުގާ އަޅާ އުޚުތުންގެ ހައްގުގައި ފަސްޖެހުމެއްނެތްކަމަށް ބުނެފައެވެ.
ވީނިއުސްއާ ވާހަކަ ދެއްކެވި އިތުރު ބައިވެރިއަކު ބުނީ، މޫނުބުރުގާއަކީ މީހެއްގެ ހުނަރު ވަންހަނާވުމަށް އޮތް ސަބަބެއްނޫންކަމަށެވެ.
ތައުލީމުގެ ގާނޫނުގެ ދަށުން އާއްމުކުރި ސުލޫކީ މިންގަނޑުގެ މި އުސޫލުގައި ބުނެފައިވާގޮތުން، އެ އުސޫލުގެ ބޭނުމަކީ ޓީޗަރުންގެ ފަންނީ އަހުލާގާއި އިޖުތިމާއީ ސުލޫކު ހަރުދަނާކުރުމާ އެކު، ޒަމާނުއްސުރެ ރާއްޖޭގައި ތައުލީމީ ދާއިރާއަށް އޮންނަ ގަދަރާއި އިހުތިރާމް އިތުރުކޮށް، ދެމެހެއްޓުން ކަމަށެވެ.
ހަމައެހެންމެ ކިޔަވައިދިނުމުގެ މާހައުލަކީ ބިރުދެއްކުންތަކާއި ތަފާތުކުރުންތަކާއި ބުލީކުރުން ފަދަ ނޭދެވޭ އަސަރުކުރާ ކަންތައްތަކުން ދަރިވަރުންނާއި މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަކީވެސް އުސޫލުގެ ބޭނުމެއް ކަމަށް ބުނެފައި ވެއެވެ.
ޓީޗަރުންގެ ސުލޫކީ މިންގަނޑު ބިނާވަނީ މައިގަނޑު ހަތް އަސާސަށެވެ.
މި އަސާސްތަކުގެ ތެރެއިން ފަންނީ ގުޅުމާއި ރަސްމީ ގުޅުން ދެމެހެއްޓުމަށް ކޮންމެ މުދައްރިސަކު ވެސް ކުރަންޖެހޭ ކަންކަމުގެ ތެރޭގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން (ބ) ގައި ބަޔާން ކޮށްފައިވާ ގޮތުން، ޓީޗަރާއި އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނާއި ބެލެނިވެރީންނާ މުޢާމަލާތުކުރުމުގައި އެ ޓީޗަރަކު ހުންނަންވާނީ ތިމާއަކީ ކާކުކަން އެނގޭގޮތަށ،ް ސްޓާފް ކާޑު އަޅައިގެން ކަމަށެވެ. އަދި އޭގެ (ޅ) ގައި ވާގޮތުން އުނގަންނައިދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދާ އިރު، އަދި ދަރިވަރުންނާ މުޢާމަލާތް ކުރާއިރު އެ ޓީޗަރަކު ހުންނަންވާނީ ތިމާއަކީ ކާކުކަން އެނގޭ ގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.
މޫނުބުރުގާ އަޅައިގެން ތިބި ނަމަވެސް ވަޒީފާ އަދާކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވަނީ ވައުދުވެވަޑައިގެންފައެވެ.
މީގެކުރިންވެސް އެކި ފަހަރުގެ މަތިން މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުން މަނާކުރިއެވެ. އެކަމަކު އާންމުންނާއި އިލްމުވެރިންގެ ޕްރެޝަރާ ހެދި ކޮންމެ ފަހަރަކުވެސް އެ ފުރުސަތު ދެނީއެވެ.