ޖުމުހޫރީ ޕާޓީގެ ހުޅުމާލޭ ދެކުނު ކެމްޕެއިން އޮފީސް ހުޅުވައިފިއެވެ.
މި އޮފީސް ހުޅުވައިދެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ އަދި "ޤާސިމް 2023" ރިޔާސީ ކެމްޕެއިން ހަރަކާތުގެ ދެކުނުގެ ކެމްޕެއިން މެނޭޖަރ، އިލްހާމް އަޙުމަދުއެވެ.
މި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާއި، ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެމްބަރުން ބައިވެރިވިއެވެ.
މިއޮފީހަކީ ދެކުނު ކެމްޕެއިން ހަރަކާތްތައް ފުޅާކޮށް، ވަރުގަދަކުރުމަށާއި ވަކިން ހާއްސަކޮށް ހުޅުމާލޭގައި އެ ޕާޓީގެ ހަރަކާތްތައް ފުޅާކޮށް އަޑުހަރުކުރުމަށް ހުޅުވި އޮފީހެކެވެ. މި އޮފީސް ހުޅުވި، ހަރަކާތްތައް އިތުރުވުމުން، ހުޅުމާލޭން ޖުމްހޫރީ ޕާޓީއާ ގުޅޭ މެމްބަރުންގެ އަދަދުވެސް އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.
ޖުމްހޫރީ ޕާޓީގެ ދެކުނު ކެމްޕެއިން މެނޭޖަރ އިލްހާމް އަހުމަދުގެ އިސްނެންގެވުމުގެ މަތިން، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކާއި މާލޭ ސަރަހައްދުގައިވެސް އެޕާޓީގެ ކެންޕެއިން ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ. މިގޮތުން، ދޮރުންދޮރަށް ހިނގުމުގެ ހަރަކާތްތަކާއި ކެމްޕެއިން ބައްދަލުވުންތައް އަންނަނީ ބާއްވަމުންނެވެ.
އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްގެ ކެމްޕެއިން މެނޭޖަރ އިލްހާމްއާ ހަވާލުކުރައްވާފައިވާ އަތޮޅުތަކަކީ ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅާއި އައްޑޫ ސިޓީއެވެ. އަދި މާލޭގައިވެސް ކެމްޕެއިން ހިންގަވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއް ސަރަހައްދުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވަނީ އިލްހާމްއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޑޯޓުޑޯ ހަރަކާތްތަކާއި ކެމްޕެއިން ބައްދަލުވުންތަކުގެ ތެރެއިން، ޖުމްހޫރީ ޕާޓީއަށް ގުޅެން ޝައުގުވެރިވެފައި ތިބި އެތައް ބަޔަކު އަންނަނީ އެ ޕާޓީއަށް ސޮއިކުރަމުންނެވެ. އެކަމަކު މިއީ މެމްބަރޝިޕް ޑްރައިވްއަކަށް ނުވާތީ، ފޯކަސް ހުރީ ޖޭޕީގެ ސިޔާސަތުތަކާއި މެނިފެސްޓޯގައި ހުރި ކަންކަން އާންމުންނަށް އޮޅުންފިލުވައިދިނުމަށެވެ.
ޖޭޕީގެ ޓީމުތަކުން ކުރަމުން އަންނަ މަސައްކަތަކީ އާންމުންގެ ގިނަ ބަޔަކު ކުރަމުން އަންނަ "ކީއްވެ ޤާސިމް؟" މި ސުވާލުގެ ޖަވާބު ތިލަކޮށްދިނުމެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން މެމްބަރުން ޕާޓީއަށް ވަންނަމުން ދާތީ، މިހާތަނަށް ވަކިވަކި ތަންތަނުން ސޮއިކުރި މީހުންގެ ސީދާ އަދަދު މިވަގުތު ބުނަން އުނދަގޫ ކަމަށް އެ ޕާޓީން ބުނެއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނީ އެމަނިކުފާނުކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވަނީ މީގެކުރިން "ވީނިއުސް" އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައެވެ.
ޤާސިމް ވިދާޅުވީ، ކޮންމެ ކަމެއްގައި އިސްނެގުމަކީ މޮޅުވުމެއްވެސް ނޫންކަމަށާއި، މޮޅުކަމަކަށް ވާނީ ވިސްނުންތެރިކަމާއެކު ކަމެއް ކުރީމައި ކަމަށެވެ. އެހެންކަމުން އިރާދަކުރެއްވިއްޔާ މި އިންތިހާބު ޖޭޕީން ކާމިޔާބުކުރައްވާނެ ކަމަށް ޤާސިމް ވިދާޅުވިއެެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ގާސިމް އިބްރާހީމް ވިދާޅުވެފައިވާއިރު، ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަތުމަށްފަހު، ދަރުބާރުގެ ހާޒިރިންނާ މުހާތަބުކުރައްވައި ޤާސިމް އިބްރާހީމް ވިދާޅުވީ، އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ކަށަވަރުކޮށްދޭނެކަމަށް ވައުދުވެ ދެއްވި ޔަގީންކަމުގެ މައްޗަށް ޖުމްހޫރީ ޕާޓީގެ ހިއްސާއާއެކު ގާއިމްވި ސަރުކާރުގެ ސަބަބުން ގައުމަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވައި ރައްޔިތުންގެ އިސްލާހީ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތުމުގެ އަޒުމުގައި ކަމަށެވެ.
"ވަޢުދު ނާމާ" އިއްވަވަމުން އެމަނިކުފާނު ވަނީ، ދިވެހިންގެ މާތްވެގެންވާ ދީނާއި އަދުލު އިންސާފާއި ގައުމީ ސަލާމަތާއި، ސަލާމަތީ ބާރުތަކާއި ޑިމޮކްރެސީއާއި މިނިވަންކަމާއި ދިވެހިންގެ ގައުމިއްޔަތާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައު އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކާއި ބޯހިޔާވަހިކަމާއި ދަރަނިވެރިކަމުން ސަލާމަތްވާނެ އައު ވިސްނުންތަކާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި ވިޔަފާރިއާއި އިޤްތިޞާދު ހަރުދަނާކުރެވޭނެ ގޮތްތަކާއި ސިއްހަތާއި ތައުލީމާއި މަސްތުވާތަކެތީގެ ވަބާއި ސަލާމަތްވެފައިވާ ރާއްޖެއެއް ހޯދުމާއި ވަކި އަތަކަށް ބުރަނުވާ "ދިވެހިން ފުރަތަމަ" އަށް އަންނަ ޚާރިޖީ ސިޔާސަތާއި ތިމާވެށި ހިމާޔަތްކުރުމާއި އާޓިފިޝަލް އިންޓެލިޖަންސަށް އަހުލުވެރި ރާއްޖެއެއް އުފަންކުރުމާއި އިންފޮމޭޝަން ޓެކްނޮލޮޖީ ހަރުދަނާކުރުމަށް ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.