ރާއްޖޭގައި މިފަހުން ފެތުރެން ފެށި، ނޯރޯވައިރަސްގެ ރޯގާ ފެތުރުން ކޮންޓްރޯލްނުވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވީ އިއްޔެ އެކަނިވެސް އެތައް ސަތޭކަ މީހުންނެއް މިބައްޔަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލްތަކަށް ދިއުމުންނެވެ.
މިގޮތުން، ތަފާސްހިސާބުތަކަށް ބަލާއިރު، ރޯގާއާ ގުޅިގެން ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކަން ދިޔަ މީހުންގެ އަދަދު 500 އަށް ވުރެ ގިނައެވެ. ހޮޑުލުމާއި ބޭރަށްހިންގުމުގެ މައްސަލަ ދިމާވެގެން، މާލޭ ސަރަހައްދުގައި ހުރި އެންމެ ބޮޑު އެއް ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭއަށްވެސް 300 އާ ގާތްކުރާ އަދަދަކަށް މީހުން ޑޮކްޓަރަށް ދައްކަން ދިޔައެވެ. ހުޅުމާލޭ ހޮސްޕިޓަލަށް މިބައްޔަށް ފަރުވާ ހޯދަން ހޮނިހިރު ދުވަހު 260 އާ ގާތްކުރާ އަދަކަށް މީހުން ދިޔަކަމަށް މައުލޫމާތު ލިބެއެވެ.
އަދަދުތައް ސާފުނުވި ނަމަވެސް އެނގިފައިވާ ގޮތުގައި، ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލްގެ އިތުރުން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލް އަދި މާލޭ ސަރަހައްދުގެ ކްލިނިކްތަކަށްވެސް އިއްޔެ ގިނަ އަދަދެއްގެ މީހުންވަނީ ރޯގާއަށް ފަރުވާ ހޯދަން ގޮސްފައެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންކަން ފާހަގަކޮށްލެވެއެވެ.
ކޮންޓްރޯލްނުވެ ބަލި އިތުރަށް ފެތުރެމުންދާތީ މިކަމަށް އާންމުން ސަމާލުވުމަކީ އެދެވޭ ކަމެކެވެ.
އާދަޔާ ޚިލާފަށް ހަލުއިކަމާއެކު ރޯގާ ފެތުރެން ފެށުމުން ސޯޝަލްމީޑިއާގައި ބައެއް އާންމުން އަދި ބައެއް ނޫސް ރިޕޯޓުތަކުގައި ތުހުމަތުކުރީ އެއީ މިނިވަން ދުވަހާ ގުޅުވައިގެން މާލޭގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ފުޅަނދުބުރުގައި ބެހި މެޓައެއް ކައިގެން ކުޑަކުދިންނަށް ދިމާވި ކަމެއް ގޮތުގައެވެ.
އެކަމާ ގުޅިގެން އެޗްޕީއޭއިން ވަނީ ސާމްޕަލްތައް ނަގައި ތަހުލީލުތައް ހަދަން ފަށައިފައެވެ. ތަހުލީލުތަކަށް ފަހު އާންމުކުރި މެސެޖެއްގައި ބުނީ، މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށެވެ.
ނޯރޯވައިރަސްއަކީ ވަރަށް ހަލުއިކަމާއެކު ފެތުރޭ ވައިރަހެކެވެ. މިވައިރަސް ޖެހުމުން ހޮޑުލުމާއި ބޭރަށް ހިންގުމުގެ މައްސަލަ ދިމާވެއެވެ. ޚާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަމީހުން އެއްވެ އުޅޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭކަމަށް ފާހަގަކުރެވެއެވެ.
މިރޯގާއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:
- ގިނަ ގިނައިން ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވުން.
- ހޮޑު ނުވަތަ ބޮޑުކަމުދާ ތަކެތި އެޅިފައިވާ ތަންތަން ސާފުކުރާއިރު ސަމާލުވުން.
- ޓިޝޫ/ޕޭޕަރ ޓަވަލްއިން ސާފުކޮށް، ރައްކާތެރިގޮތުގައި އުކާލުން.
- ބަލީގެ އަލާމާތްތައް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިނުވުން.
- މީހުން ގިނަ ތަންތަނަށް ނުދިއުން.
ބަލިމީހުން ކުއްލިއަކަށް ގިނަވުމުން އެކަމުގެ ކަންބޮޑު ފާޅުކުރައްވައި އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފް ވިދާޅުވީ، ހޮޑުލެވޭތީ އަދި ބޭރަށްހިންގާތީ އީއާރްއަށް ދައްކާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށެވެ. އަދި ބޯފެނަކީ ސާފު ފެންކަން ޔަގީން ކުރެއްވުމަށްފަހު ބޭނުންކުރުމަށް އެދިވަޑައިގެންފައިވެއެވެ. ފެން ކައްކައި، ހިހޫކޮށްގެން ބުއިން އަދި ފިލްޓަރުކޮށްފައި ހުންނަ ފެނަކީ މިދުވަސްވަރު ރައްކާތެރި ގޮތެއްކަމަށް ޑރ. ނިޔާފް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން، ކަންބޮޑުވުން ފާޅުކުރައްވައި އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލްވެސް ވަނީ އަތްދޮވެގެން ނޫނީ ނުކެއުމަށާއި އަވަސްއަވަހަށް އަތް ދޮންނަން އާދަކުރަން ހަނދާންކޮށްދީފައެވެ. މީގެއިތުރުން ހަށިގަނޑުން ފެން މަދުވިޔަ ނުދީވޭތޯ ބެލުމަށް ފައިސަލްވަނީ ނަސޭހަތްތެރިވެފައެވެ.