މިއަހަރުގެ އިންޑިއަން އޯޝަން އައިލެންްޑް ގޭމްސް (އައިއޯއައިޖީ) އަށް ދާ ރާއްޖޭގެ ހޭންޑްބޯޅް ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފިއެވެ.

ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މާފަންނު އިޖުތިމާއީ މަރުކަޒުގައެވެ.

މަޑަގަސްކަރާގައި އޮންނަ އިންޑިއަން އޯޝަން އައިލެންްޑް ގޭމްސްއަށްދާ ރާއްޖޭގެ އަންހެން އައި ފިރިހެން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފްއެވެ.

"ވީނިއުސް" އަށް މައުލޫމާތު ދެއްވަމުން ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ ވިދާޅުވީ، އިންޑިއަން އޯޝަން އައިލެންްޑް ގޭމްސް ރާއްޖޭގެ ގައުމީ ޓީމުތަކުން ތައްޔާރުވަމުން އަންނައިރު، މުބާރާތުގެ ތަމްރީންއަށް ތައިލޭންޑުގައި ކޭމްޕުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ކޭމްޕަށް އޯގަސްޓް މަހުގެ ހަތަރުވަނަ ދުވަހު ހޭންޑްބޯލް ކުޅުންތެރިން ތައިލެންޑަށް ފުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ. މި ތަމްރީންތައް ނިންމާ ކުޅުންތެރިން އެނބުރި ގައުމަށް އަންނާނީ 18 ގައެވެ.

އަހުމަދު މުޖުތަބާ ވިދާޅުވީ، އިންޑިއަން އޯޝަން އައިލެންްޑް ގޭމްސްއަށް ފުރުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 23 ގައި ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މުބާރާތަށް ތައްޔާރުވުމަށް ކުޅުންތެރިން ފަރިތަކުރުންތައް ކުރިއަށްގެންދާތާ ދެމަސްދުވަސް މިވަނީ ވެފައެވެ.

ރާއްޖޭން ބޭރުން ފިޒިކަލް ޓްރެއިނަރެއް ގެނެސްގެން ފިޒިކަލް ޓްރެއިންތަކެއް ފުރިހަމަކޮށްފައިވާ ކަމަށާއި ޓީމުތައް މިހާރު ފަރިތަކުރަމުންދަނީ ސާބިއާގެ ކޯޗަކާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

ތައިލެންޑަށްދަނީ އިންޑޯ ފަރިތަކުރުންތަކަކަށްކަން ފާހަކޮށް އޭނާ އިތުރަށް ވިދާޅުވީ ކޭމްޕުގެ ތެރެއިން ތައިލޭންޑުގެ ޓިމުތަކާއެކު އެކުވެރިކަމުގެ މެޗުތަކެއް ވެސް ކުޅޭނެ ކަމަށެވެ.

މިއަހަރުގެ އިންޑިއަން އޯޝަން އައިލެންްޑް ގޭމްސް ބޭއްވުމުގެ ބިޑު ފުރަތަމަ ކާމިޔާބުކުރީ ރާއްޖޭންނެވެ. އެހެން ނަމަވެސް، އެކަމަށް ތައްޔާރުވެވެން ނެތުމުން ރާއްޖެއަށް ޖެހުނީ ފުރުސަތު މަޑަގަސްކަރާއަށް ދޫކޮށްލާށެވެ.