އަނިޔާވެރިކަން ދެކެން ބޭނުން ނުވާކަން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުން ދިވެހިން ދެއްކި ކަމަށާއި ބިރުވެރިކަމުގެ ތެރެއަށް އެނބުރި ދާން ދިވެހިން ބޭނުންނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ށ. އަތޮޅުގެ ރަށްތަަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަނޑިތީމަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ށ. އަތޮޅަކީ މީގެކުރީގެ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައި އޮތް އަތޮޅެއް ކަަމަށެވެ. ކުރީގެ ދެ ސަރުކާރަށް ބަލާއިރު އަތޮޅުގައި ހިންގާފައިހުރި މަޝްރޫއުތައް އެހާމެ މަދުކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މުޅި ށ. އަތޮޅަށް އަމާޒުކޮށް 2009 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާއި ހަމައަށް ހިންގިފައިވަނީ 19 މަޝްރޫއު ކަމަށާއި އަދި 2014 އިން 2018 އަށް އަތޮޅުގައި ހިންގިފައިވަނީ 56 މަޝްރޫއުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްވަނީ ކުރީ ސަރުކާރުތަކާއި ހިލާފަށް މި ދައުރުގައި މިހާތަަނަށް 159 މަޝްރޫއު އެ އަތޮޅުގައި ހިންގިއްޖެކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ސަރުކާރަށް އައިސް އެބޭފުޅުން މަސައްކަތް ފަށައިގަތީ، އޭގެކުރިން ސަރުކާރުތަކުން ތަރައްގީގެ މަޝްރޫއުތައް ނުހިންގާ ހުރި ރަށްރަށަށް ދާއިރާތަކަށް އިސްކަން ދީގެން ކަމަށެވެ.

ރައީސްވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ފުންކޮށް ވިސްނުމަށާއި ކުރިން ތަހައްމަލުކުރި އަނިޔާވެރިކަމުގެ ތެރެއަށް އެނބުރިދާން ރައްޔިތުން ބޭނުންނުވާކަން އެމަނިކުފާނަށް ޔަގީންކަމަށް ވިދާޅުވެފައެވެ.

" އެ އަނިޔާވެރިކަން ދެން ދެކެން ބޭނުން ނުވާ ވާހަކަ ވަރަށް ސާފުކޮށް ހާމަކޮށްދިން ވޯޓުން. މިއަދު މުޅި ރާއްޖޭގައި ގާއިމްކޮށްދެނީ އެ ސުލްހަވެރިކަމާއި ހަމަޖެހުން. މި ދާއިރާގެ ރައްޔިތުންވެސް ދެން އެނބުރި އެ އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް ދާކަށް ބޭނުމެއް ނުވޭ. "
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް

ރިޔާސީ އިންތިހާބު ކުޑަތަންވެފައި ވާއިރު، ކޯލިޝަން އެމްޑީއޭ އާއި އަދާލަތު ޕާޓީއާއެކު ވެރިކަމުގެ ދެވަނަ ދައުރެއް ހޯދުމަށް ކެމްޕެއިން ފަށާފައިވާ ރައީސް ސާލިހް އަންނަނީ ކެމްޕެއިން ޖަލްސާތަކުގައި ގިނަ ވައުދުތަކެއް ރައްޔިތުންނަށް ވަމުންނެވެ.

"އުފާވެރި އަމާން ރާއްޖެ" މި ޝިޔާރުގެ ދަށުން ކުރިއަށް ގެންދާ ކެމްޕެއިން ހަރަކާތްތަކަށް އެހެން ރަށްރަށުގެ ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ގެންދާކަމަށްބުނެ ގިނަ ފާޑުކިޔުންތަކެއްވަނީ އަމާޒުވެފައެވެ.