ޤައުމުގައި ސުލްޙަމަސަލަސްކަން ޤާއިމުކުރުމަކީ ޔުނީފޯމުގައި ތިބޭ ބަޔަކު އެކަނި ކުރަންޖެހޭ މަސައްކަތެއްކަމަށް ނުދެކި، ޤައުމުގައި ތަރައްޤީއާ އަމާންކަމާ ތަހުޒީބު ބޭނުންވާނަމަ ކޮންމެ މީހެއްގެ ވެސް ވާޖިބެއް އޮންނަކަން ޤަބޫލުކޮށް، ޤައުމުގެ ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށް އެންމެން މަސައްކަތް ކުރަންޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 35 ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިންގ ކޯހުގެ ބައިވެރިން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތު ކުރިއަށްދިޔައީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ޤައުމެއްގައި ފުލުހުންގެ ޚިދުމަތް މުހިންމުވާނެ މިންވަރާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ، ޤައުމެއްގައި ދިރިއުޅޭ ރައްޔިތަކަށް އެންމެ ބޭނުންވާނީ އަމާންކަމާ، ހުރިހާ ރައްޔިތުން ޙިމާޔަތްކުރެވިފައިވާ ވެށްޓެއް ޤާއިމުވެފައި އޮތުންކަން ފާހަގަކުރައްވައި އެކަން ކުރުމުގައި ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރަނީ ފުލުހުން ކަމުގައި ފާހަގަކުރައްވާފައެވެ.

ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަދި ރައްޔިތުންގެ އިތުބާރު ހޯދައި ފުލުހުންގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށްވެސް ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން ޒަމާނީ ވަޞީލަތްތައް ހޯދައި ޒަމާނާ އެެއްގޮތަށް ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާ އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މިއަދު ޒުވާނުން އިސްކަންދޭންވީ ޤައުމަށް ޙިދުމަތްކުރަންކަމަށާއި، ޤައުމަށް ޚިދުމަތްކުރުމަކީ ފަޚުރެއްކަމަށް ހަދަންޖެހޭކަމަށެވެ. އަދި އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރެއިން މަސައްކަތްތައް ބައްޓަންކުރުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ސެޓްފިކެޓާއި ޕްލާކް ޙަވާލުކޮށްދެއްވާފައެވެ.

ޕޮލިސް އިނިޝިއަލް ޓްރެއިނިންގ ކޯހަކީ ފުލުހުންގެ ޚިދުމަތާ ގުޅޭ މީހުންްގެ ތެރެއިން ޔުނީފޯމުގައި މަސައްކަތްކުރާ ކޮންމެ ޕޮލިސް އޮފިސަރަކު ފުރިހަމަ ކުރަންޖެހޭ ފުލުހުންގެ އަސާސީ ތަމްރީނެކެވެ. ޕޮލިސް އިނިޝިއަލް ޓްރޭނިންގ ކޯހުގެ މުއްދަތު ބެހިގެންވަނީ ކެމްޕަސް ޓްރެއިނިންގ 4 މަސްދުވަސް އަދި ޕްރޮބޭޝަނަރީ ޓްރެއިނިންގް 2 މަސްދުވަސް ހިމެނޭގޮތަށް ޖުމްލަ 6 މަސްދުވަހުގެ މުއްދަތަށެވެ. 35 ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިނގް ކޯހުގައި ބައިވެރިވި 220 މީހުންގެ ތެރެއިން ކޯހުން ކަނޑައަޅާފައިވާ މިންގަޑަށް ފާސްވެފައިވަނީ 192 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 37 އަންހެނުންނާ 155 ފިރިހެނުންނެވެ.