މިމަހުގެ 5 ވަނަ ދުވަހު، ރާއްޖޭން ހިމަބިއްސަށް (މީސަލްސްއަށް) ޕޮޒިޓިވް ކޭސްއެއް ފެނިފައިވާކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެ އޭޖެންސީން ހާމަކުރިގޮތުގައި، އެ ކޭސް ފެނިފައިވަނީ، އިއްޔެ ކަމަށްވާއިރު، އެއީ ރާއްޖޭން ބޭރުން ބަލިޖެހިގެން ރިޕޯޓުކުރެވިފައިވާ ފަރާތެކެވެ.
އެޗްޕީއޭއިން ބުނީ، މި ކޭސް ފެނުމާ ގުޅިގެން ކުރީ ފަހަރުތަކެކޭ އެއްފަދައިން ބަލި ފެތުރުމުގެ ފުރުޞަތު ދެނެގަތުމާއި ބަލިޖެހިފައިވާ މީހާއާ ކޮންޓެކްޓުވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް އެ އޭޖެންސީއިން ކުރަމުންގެންދާ ކަމަށެވެ.
އަދި މި ކޭސް މޮނިޓަރކޮށް މީސަލްސް ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށް އަދި ބަލިޖެހުނު ފަރާތް ދިރިއުޅޭ ސަރަހައްދުގައި ރިންގް ވެކްސިން ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދާނެކަމަށް ވެސް އެޗްޕީއޭއިން މައުލޫމަތުދިނެއެވެ.
އެޗްޕީއޭއިން ބުނިގޮތުގައި، މި ކޭސްއާ މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ފެނިފައިވާ މީސަލްސް ކޭސްއާ ގުޅުމެއް ހުރިކަމަށް މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައެއް ނެތެވެ.
ހިމަބިހީގެ އަލާމާތެއް ރާއްޖޭން ނުފެންނަތާ ތިން އަހަރު ވުމުން މި ސަރަހައްދުން މީސްލްސް ނައްތާލެވިފައިވާ ފުރަތަމަ ގައުމުގެ ލަގަބު ރަސްމީކޮށް ހޯދަން ހެލްތު މިނިސްޓްރީން މަސައްކަތް ފެށީ، ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އަދި ޖޫން 2017 ގައި ރާއްޖެއިން ހިމަބިހި ނައްތާލާފައިވާކަމަށް ކަނޑައަޅާ އެކަމުގެ ލިޔުން ދީފައިވެއެވެ.
ނަމަވެސް ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަމަށް 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ހެލްތު މިނިސްޓްރީން އިއުލާނު ކުރިއެވެ. އެ ފަހަރު ކުޑަކުދީންތަކަކަށް އެ ބަލި ޖެހި، ވެކްސިން ކެމްޕެއިން ވަރަށް ފުޅާކޮށް ހިންގިއެވެ. އެ ކެމްޕެއިނަށް ހުރަސް އެޅުނީ ކޮވިޑް ބަލި ހަލުވިކޮށް ފެތުރެން ފެށުމުންނެވެ.
ހިމަބިއްސަކީ ވަރަށް ހަލުވިކޮށް ފެތުރޭ، ބަލިޖެހޭ ކުޑަކުދިންގެ ފުރާނައަށް ވެސް ނުރައްކާ ކުރާ ބައްޔެކެވެ. ރާއްޖޭގައި މި ބައްޔަށް ވެކްސިން ދޭންފެށީ 1981 ވަނަ އަހަރުއެވެ. ވެކްސިންގެ ދެ ޑޯޒް ހަމަކޮށް ވެކްސިން ދޭން ފެށީ 2007 ވަނަ އަހަރުއެވެ.