އަންނަ މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ ނުވަ ބޭފުޅެކެވެ.
ރާއްޖެއަށް މަލްޓިޕާޓީ ނިޒާމު ތައާރަފުވީ ފަހުން ބާއްވާ ހަތަރުވަނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެ ކޮމިޝަނުން ފުރުސަތު ހުޅުވާލީ މިދިޔަ ޖުލައި 23 ވަނަ ދުވަހުއެވެ. އެ ފުރުސަތު ހަމަވީ އޯގަސްޓު މަހުގެ ހަތެއްވީ، ހޯމަދުވަހުގެ މެންދުރުފަހު 14:00 އަށެވެ.
މި އިންތިޚާބުގައި ވާދަކުރުމަށް 6 ސިޔާސީ ޕާޓީއަކުން 6 ބޭފުޅުންނާއި އަމިއްލަ ގޮތުން 3 ބޭފުޅުން ފޯމުވަނީ ހުށަހަޅާފައެވެ.
އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅުއްވި ބޭފުޅުން:
- އެމްޑީޕީގެ ފަރާތުން އެޕާޓީގެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
- ޕީޕީއެމްގެ ފަރާތުން، އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
- ޕީއެންސީގެ ފަރާތުން އެޕާޓީގެ މެމްބަރު އަދި މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު
- އެމްއެންޕީގެ ފަރާތުން، އެޕާޓީގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމު
- ދަ ޑިމޮކްރެޓްސް ފަރާތުން، އެޕާޓީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
- ޖުމްހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް
- އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
- އަމިއްލަ ގޮތުން ވާދަކުރައްވާ، އަހުމަދު ފާރިސް މައުމޫން
- އަމިއްލަ ގޮތުން ވާދަކުރައްވާ ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު
މި ބޭފުޅުންގެ ތެރެއިން، އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވާތީ ޕީޕީއެމްގެ ފަރާތުން ފޯމު ހުށަހެޅުއްވި ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައެވެ.
ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން، ބަލައި ޗެކުކުރިއިރު، ޤާނޫނުގައިވާގޮތުގެ މަތީން، ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާތީ، ރައީސް ޔާމީން ފިޔަވައި ދެން ހުށަހެޅުއްވި ހުރިހާ ހުށަހެޅުއްވުމެއް އިލެކްޝަންސް ކޮމިޝަނުންވަނީ ގަބޫލުކޮށްފައެވެ.
އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތަޢާރަފް ޚުލާސާކޮށް
އިބްރާހީމް މުޙައްމަދު ޞާލިޙް
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ދިވެހި ރައްޔިތުންފެ ޑިމޮކްރެޓިކް ޕާޓީގެ އިސްލީޑަރެވެ. ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސްއެވެ. އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ހަތްވަނަ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވައި ކުރައްވާފައިވަނީ 17 ނޮވެންބަރު 2018 ގައެވެ.
ޅ. ހިންނަވަރަށް ނިސްބަތްވެވަޑައިގަންނަވާ ރައީސް ޞާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ އެޕާޓީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމުންނެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ އޮތީ ޖެނުއަރީމަހުގެ 28 ވަނަ ދުވަހުއެވެ. މިއިންތިޚާބުގައި ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދަވައި، ރައީސް ޞާލިޙް ކާމިޔާބު ހޯއްދެވީ ބޮޑު ތަފާތަކުންނެވެ.
ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު އެމަނިކުފާނު ހޭދަކުރެއްވިއެވެ.
ޤާސިމް އިބްރާހީމް
ގާސިމް އިބްރާހިމްއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރެވެ. ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރަކަށް ހުންނެވި ގާސިމް އިބްރާހިމްއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި "ވިލާ" ގެ ބާނީ އަދި ޗެއާމަނެވެ. ފެހި ޤާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްކަން އެމަނިކުފާނު ކުރެއްވިއެވެ. ސިޔާސީ އިސްލާހީ ގިނަ މަސައްކަތްތަކެއް ކުރެއްވި ޤާސިމްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި، ދިވެހި ދައުލުގެ ގަވަރުނަރުކަމާއި، ދިވެހި ސަރުކާރުގެ މާލީ ވަޒީރުކަމާއި، ދާހިލީ ވަޒީރުކަމާއި، އދ. އަތޮޅާއި، މާމިގިލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ގަވަރުނަރުކަމާއި، ވޯލްޑް ބޭންކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ގަވަރުނަރުކަންވެސް ކުރައްވައިފައެވެ.
ވިޔަފާރީގެ ތަފާތު ދާއިރާތަކުގައި ރާއްޖޭގައި އެންމެ ބިޔަ އިންވެސްޓްމަންޓްތަކެއް ކުރައްވާފައިވާ އަމިއްލަ ފަރުދުންގެ ތެރޭގައި ޤާސިމް ހިމެނިވަޑައިގަންނަވައެވެ. ސިމެންތިއާއި ގޭހާއި އަދި މަތިންދާ ބޯޓު ދަތުރުފަދަ ވިޔަފާރިތައް ވާދަވެރި ވިޔަފާރިތަކަކަށްވެ، އަގުހެޔޮވެގެން ދިޔައީ، މިފަދަ ވިޔަފާރިތަކުގައި ޤާސިމް ކުރެއްވި އިންވެސްޓްމަންޓްތަކުގެ ސަބަބުންނެވެ. ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލޯން ލިބެންފެށީ، ޤާސިމް އެކަމަށް އިސްނެންގެވި ހިސާބުންނެވެ.
ވިޔަފާރި ކުރިއެރުވުމާއި އިންސާނިއްޔަތަށް އެހީތެރިވުމުގައި ޤާސިމް ހޯއްދަވާފައިވާ ބޮޑެތި ކާމިޔާބީ ވަޒަންކޮށް، މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީއިން އެމަނިކުފާނަށް ވަނީ އޮނަރަރީ ޕީ.އެޗް.ޑީ އަރުވާފައެވެ. އަދި، ތަޢުލީމަށްޓަކައި ޤާސިމް ކުރެއްވި އަގުހުރި ޚިދުމަތުގެ އަގުވަޒަންކޮށް ވާރލްޑް އެޑިޔުކޭޝަން ފޯރަމުގެ ފަރާތުން ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް، އެމަނިކުފާނަށް އަރުވާފައެވެ. ޤައުމީ ޚިދުމަތުގެ ތަފާތު އެކި ދާއިރާތަކުން ހިތްވަރުދިނުމުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު، އެންމެ ގިނަ އަދަދަކަށް ހާސިލު ކުރައްވާފައިވާ އެއްބޭފުޅަކީ ޤާސިމް އިބްރާހީމްކަންވެސް ފާހަގަކުރެވެއެވެ.
ޑރ. މުޙައްމަދު މުއިއްޒު
މިހާރު މާލެ ސިޓީގެ މޭޔަރެވެ.
ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ހަޔާތް ފެއްޓެވީ 2005 ވަނަ އަހަރު އަދާލަތު ޕާޓީންނެވެ. އެކަމަކު، އޭރު އޮތް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ އުފެދުނު، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސަރުކާރުގެ ހައުސިން މިނިސްޓަރުގެ މަގާމު އެމަނިކުފާނު އަދާކުރެއްވެވިއެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑރ. މުއިއްޒު ހައުސިން މިނިސްޓަރުކަން އަދާކުރެއްވީ ކޯލިޝަން ޕާޓްނަރ އެމްޑީއޭގެ މެމްބަރެއްގެ ގޮތުގައެވެ. ނަމަވެސް ވެރިކަމުގެ ދައުރު ނިމުގެ ކުރިން އެމްޑީއޭއިން ވަކިވެވަޑައިގެން ޕީޕީއެމްއާ ގުޅިވަޑައިގަތެވެ.
ޕީޕީއެމްގެ ނައިބު ރައީސްކަން ކުރެއްވިއެވެ.
މުޙައްމަދު ނާޒިމް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސްއެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާ ތަމްސީލް ކުރައްވާ މެމްބަރެވެ. ނާޒިމްވަނީ ދިވެހި އަސްކަރިއްޔާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. އަސްކަރިއްޔާގެ ހިދުމަތުން ރިޓަޔާ ކުރެއްވީ 2011 ވަނަ އަހަރުގައެވެ. އޭރު އޮތް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުން، ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ޑިފެންސް މިނިސްޓަރަކަށް ވެވަޑައިގަތެވެ. އަދި, 2013 ވަނަ އަހަރު އިންތިހާބުވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ޑިފެންސް މިނިސްޓަރަކީ ވެސް ނާޒިމެވެ.
މިހާރު އުޅުއްވަނީ ސިޔާސީ އިސްލާހީ މަސައްކަތުގައެވެ.
އިލްޔާސް ލަބީބު
އިލްޔާސް ލަބީބަކީ މަޝްހޫރު މެގަޗިޕް ކޮމްޕިއުޓާސް ހިންގެވުމުގައި އުޅުއްވި ބޭފުޅެކެވެ. އިލްޔާސް ތައުލީމު ހާސިލުކުރެއްވީ އިނގިރޭސިވިލާތުންނެވެ. އޭނާވަނީ ޔޫކޭގެ ކޮންވެންޓްރީ ޔުނިވާސިޓީން ބެޗްލާ އޮފް ކޮމްޕިއުޓާ ސައިންސް ހައްދަވާފައެވެ.
އޭނާއަކީ 17 ވަނަ ރައްޔިތުންގެ މަޖިލިސް އަދި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެކެވެ.
ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ޒުވާން އެއް ބޭފުޅާއެވެ.
އުމަރު ނަސީރު
ޢުމަރު ނަޞީރަކީ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވާ އެއް ކެންޑިޑޭޓެވެ. އުމަރު ނަޞީރު ވަނީ ދިވެހި އަސަކަރިއްޔާއަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. މިލިޓަރީ ތަމްރީން ހޯއްދެވީ ގިރިފުށީ ޓްރޭނިންގް ކޭމްޕްގައި އިނގިރޭސި ސިފައިންގެ އެހީގައެވެ. އަދި ފުލުހުންގެ ތަމްރީން ހޯއްދެވީ ޖަޕާނުންނާއި އިނގިރޭސިވިލާތުގެ ވެސްޓް ޔޯކްޝަޔަރ ޕޮލިސް ޓްރޭނިންގް ސެންޓަރުގައެވެ.
ތަޢުލީމީ ދައުރު ނިންމެވުމަށްފަހު ޤާނޫނުގައިވާ ގޮތުގެ މަތިން ސަރުކާރުގެ ޚިދުމަތަށް ނެރުއްވިއެވެ. ޚިދުމަތަށް ނުކުމެވަޑައިގަތުމަށްފަހު ސަރުކާރުން ހަމަޖެއްސެވީ ސިފައިންގެ މީހެއްގެ ގޮތުގައެވެ. ސިފައިންގެ ތެރެއިން އަމިއްލައަށް ވަކިވެވަޑައިގެން 90،000 ރުފިޔާއިން ފެއްޓެވި ވިޔާފާރި 10 އަހަރު ދުވަހުގެ ތެރޭ 50 މިލިއަން ރުފިޔާއަށްވުރެ ބޮޑު ވިޔަފާރިއަކަށް ބަދަލު ކުރެއްވެވިއެވެ. އެލާރމްސް ޕްރައިވެޓް ލިމިޓެޑް އުފައްދަވާ ދިވެހިރާއްޖެއަށް މުޅިން އަލަށް ސިކިއުރިޓީއާއި ފަޔަރ ސޭފްޓީގެ ޕްރައިވެޓް ޚިދުމަތް ތަޢާރަފްކުރެއްވިއެވެ. މުޅިރާއްޖެ ސިއްސުވާލެއްވުމަށްފަހު ދުނިޔޭގައިވާ ފަތުރުވެރިން އުފުލާ ސަބްމެރީންތަކުގެ ތެރެއިން އެންމެ ގިނަމީހުން އެންމެ ފުނަށް ގެންދެވޭ ސަބްމެރީން ރާއްޖެެ ގެންނަވާ ކާމިޔާބުކަމާއެކު ހިންގަވަމުން ގެންދަވައެވެ.
އޭނާ އެންމެ ފަހުން އަދާކުރެއްވި ދައުލަތުގެ ވަޒީފާއަކީ ހޯމް މިނިސްޓަރުކަމެވެ.
އަހުމަދު ފާރިސް މައުމޫން
އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވާ ފާރިސްއަކީ ކުރީގެ ރައީސް މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުންނެވެ. ޕީޕީއެމްގައި އުޅުއްވައި، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރުކަން ކުރެއްވިއެވެ.
19 ވަނަ މަޖިލީހަށް ފާރިސް ވާދަކުރެއްވިއެވެ. ނަމަވެސް ކާމިޔާބު ނުވިއެވެ. މިހާރު ފާރިސްއަކީ އިލެކްޝަންސް ކޮމިޝަންސްއިން އުވާލަން ނިންމާފައިވާ އެމްއާރުއެމްގެ ރައީސްއެވެ.
ހަސަން ޒަމީލު
އަމިއްލަ ގޮތުން ވާދަކުރައްވާ ޒަމީލަކީ ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރެވެ. ޒަމީލްގެ ރަނިންމޭޓަކީ އަނބިކަނބަލުން މަރިޔަމް އަލީމް އަދި ރަސްމީ އިންތިޚާބީ އޭޖެންޓަކީ ދަރިކަލުން އަހުމަދު މަހުރާން ޒަމީލެވެ. ޒަމީލު ވަނީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުވެސް އަދާކުރައްވާފައެވެ.