ބަޖެޓް ސަޕޯޓުގެ ގޮތުގައި ބޭރުގެ އަމިއްލަ ފަރާތެއްގެ އަތުން 50 މިލިއަން ޔޫރޯ (844 މިލިއަން ރުފިޔާ)ގެ ލޯނެއް ސަރުކާރުން ނަގައިފި އެވެ.

ދައުލަތުގެ މާލީ ވުޒާރާއިން އާންމުކޮށްފައިވާ ދައުލަތުގެ ދަރަނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި ލޯނު ނެގީ ހުސްވި ޖުލައި މަހުގެ 18ވަނަ ދުވަހުއެވެ. އެހެންނަމަވެސް މި ތަފާސްހިސާބުތަކުގައި އެ މުއާމަލާތާ ބެހޭ އިތުރު އެއްވެސް ތަފްސީލުތަކެއް ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ސަރުކާރުންވަނީ ވޯލްޑް ބޭންކްގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަނުން ދެ ލޯނެއް ނަގާފައެވެ. އެހެންކަމުން މި އަހަރުގެ މިހާތަނަށް ސަރުކާރުން ނެގި ލޯނުތަކުގެ އަގު ވަނީ 1.3 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ރާއްޖޭގެ މާލީ ހާލަތާއި ދަރަނީގެ މައްސަލަތައްވެސް ކުރީގެ ހާލަތަށްވުރެ ގޯސްވެފައިވާ ކަމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން އަންނަނީ ބުނަމުންނެވެ. އެ އިދާރާތަކުން ބުނާގޮތުން ރާއްޖޭގެ މުއައްސަސާތަކުގެ ގާބިލުކަން ކުޑަވުމުންނާއި އިދާރާތަކުގެ މެދުގައި އެކުގައި މަސައްކަތްކުރުމުގެ ގާބިލުކަން ކުޑަވުމުގެ ސަަބަބުން ހަރަދުކުޑަކުރުމަށް ރާއްޖޭގައި ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް އެކަށީގެންވާ ބާރު މިނެއްގައި ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ.

ސަރުކާރުގެ އާމްދަނީއަށްވުރެ ހަރަދު ބޮޑުތަނުން އިތުރުވެ، އިގްތިސާދީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ދައުލަތުގެ ހަރަދު ބޮޑުވެ އިތުރު ވަޒީފާތަކަށް މީހުން ނުނެގުމަށްވެސް މީގެކުރިން ރާއްޖޭގެ މާލީ ވުޒާރާއިންވަނީ އަންގާފައެވެ.

ސަރުކާރުގެ ދަރަނި ބޮޑުވެފައިވާއިރުވެސް އިތުރަށް ދަރަނި ނަގަމުން ދާތީ ގިިނަ ސިޔާސީ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ދައުލަތުގެ ދަރަނީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ވަގުތު ދައުލަތުން އަނބުރާ ދައްކަން ޖެގޭ "އެކްޓިވް" 134 ލޯނެއް އެބައޮތެވެ. މި ދަރަނީގެ ޖުމްލަ އަގަކީ 65.2 ބިލިއަން ރުފިޔާއެވެ.