އެއް ޖިންސުން ގުޅުންހިންގުން ޕްރޮމޯޓްކުރާ "ބާބީ" ފިލްމު ރާއްޖޭގައި ދައްކާއިރު އިދާރާތަކުން ފިޔަވަޅެއް އެޅުމެއްނެތި، ހަނުތިބޭތީ އާންމުން ކަންބޮޑުވުންފާޅުކުރަން ފަށައިފިއެވެ.
"ވީނިއުސް"އަށް ކަށަވަރުކުރެވިފައިވާ ގޮތުގައި، "ބާބީ" ފިލްމުގެ ޝޯވތަކެއް ޝެޑިއުލްކޮށްގެން ރާއްޖޭގެ ބައެއް ސިނަމާތަކުގައިވަނީ ދައްކާފައެވެ. އަދިވެސް އިތުރު ޝޯވތައް ބޭއްވުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.
"ބާބީ" ފިލްމަކީ އެއް ޖިންސުން ގުޅުން ހިންގުން ފަދަ މުޖުތަމައުގެ ހަމަތަކާއި، އާންމު އުސޫލުތަކާ ޚިލާފް ވިސްނުންތައް ޕްރޮމޯޓްކުރާ ފިލްމަކަށްވާތީ ބައެއް އިސްލާމީ ގައުމުތަކުގައި މިހާރުވަނީ މިފިލްމު ދެއްކުން މަނާކޮށްފައެވެ.
މިގޮތުން، "ބާބީ" ފިލްމު ކުވައިތުގައި ދެއްކުން ކުވައިތު ސަރުކާރުންވަނީ މިފަހުން މަނާކޮށްފައެވެ.
ކުވައިތު ސަރުކާރުން އެ ފިލްމު، އެގައުމުގައި ދެއްކުން މަނާކުރީ ކުވައިތުގެ "އާންމު އަޚުލާގާއި، އިޖުތިމާއީ ޘަގާފަތް" ރައްކާތެރިކުރުމުގެ ގޮތުން ކަމަށް ބުނެފައި ވެއެވެ. ކުވައިތު ސަރުކާރުގެ މިނިސްޓްރީ އޮފް އިންފޮމޭޝަންގެ ތަރުޖަމާނު ވިދާޅުވީ "ބާބީ" ފިލްމަކީ، ކުވައިތުގެ މުޖުތަމައުގެ ހަމަތަކާއި، އާންމު އުސޫލުތަކާ ޚިލާފް ވިސްނުންތައް ޕްރޮމޯޓްކުރާ ފިލްމެއް ކަމަށެވެ.
ވޯރނަރ ބްރަދަރސްއިން އުފައްދައި އެންމެފަހުން ނެރުނު "ބާބީ" ފިލްމު މިހާރުއޮތީ ބޮކްސް އޮފީހުގެ އެއްވަނައިގައެވެ. ފިލްމު ރިލީޒްކުރިފަހުން މިހާތަނަށް އެއްބިލިއަނަށްވުރެ ގިނަ ޑޮލަރުގެ އާމްދަނީ ލިބިފައި ވެއެވެ.
މިފިލްމު ކުވައިތުގައި ދެއްކުން މަނާކުރިއިރު، މިފިލްމު ލުބުނާނުގައި ދެއްކުން މަނާކުރުމަށް ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ލުބުނާން ސަރުކާރުގެ ކަލްޗަރ މިނިސްޓަރ މުހައްމަދު މުރްތަޟާޗެސްވަނީ، ދާޚިލީ ވުޒާރާއަށް ގޮވާލައްވާފައެވެ. މުރްތަޟާ ވިދާޅުވީ "ބާބީ" ފިލްމަކީ އެއްޖިންސުން ގުޅުންހިންގުން ޕްރޮމޯޓްކުރާ ފިލްމެއް ކަމަށެވެ. އަދި އާއިލާއެއްގައި ބައްޕައެއްގެ މަގާމާ ދެކޮޅު ހެދުމާއި، މަންމައެއްގެ ދައުރަށް ފުރައްސާރަކޮށް، ކައިވެންޏާއި، އާއިލާއެއްގެ މުހިންމުކަމާމެދު ފިލްމުގައި ސުވާލު އުފައްދާ ކަމަށް މުރްތަޟާ ވިދާޅުވިއެވެ.
ކަލްޗަރ މިނިސްޓަރ މުހައްމަދު މުރްތަޟާގެ ގޮވާލެއްވުމާ ގުޅިގެން ލުބުނާނުގެ ދާޚިލީ ވަޒީރު ބައްސާމް މައުލަވީވަނީ "ބާބީ" ފިލްމު ރިވިއުކޮށް ނިންމާގޮތެއް އެންގުމަށް ލުބުނާނުގެ ސެންސަރ ކޮމިޓީއަށް އަންގަވާފައެވެ.
"ބާބީ" ފިލްމު ލުބުނާނުގައި ދައްކަން ފަށަން ހަމަޖެހިފައިވަނީ އޮގަސްޓްމަހުގެ 31 ވަނަ ދުވަހުއެވެ. އެކަމަކު، އެގައުމުގައި ފިލްމު ދެން އަޅުވާނީ ސެންސަރު ބޯޑުން ނިންމާ ގޮތަކުންނެވެ.
"ބާބީ" ފިލްމު ކުވައިތުގައި ދެއްކުން މަނާކޮށް، ލުބުނާނުގައި ކަންބޮޑުވުން އުފެދިގެންދިޔައިރު، މިފިލްމު ވިއެޓްނާމުގައި ދެއްކުން ވިއެޓްނާމް ސަރުކާރުންވެސް ވަނީ މަނާކޮށްފައެވެ.
ވިއެޓްނާމުން މިފިލްމު ދެއްކުން މަނާކުރީ، މިލްކުވެރިކަމުގެ މައްސަލަ ޖެހިފައިވާ ދެކުނު ޗައިނާ ކަނޑުގެ ޗާޓާ ގުޅޭގޮތުން ފިލްމުގައި ދައްކާ މަންޒަރަކާ މެދު ހިތްހަމަނުޖެހިގެންނެވެ. މައްސަލަ ޖެހިފައިވާ ދެކުނު ޗައިނާ ކަނޑުގެ ޗާޓު ދައްކާ މަންޒަރު ކަނޑާލާފައި މިފިލްމު ދެއްކުމަށް ފިލިޕީންސް ސަރުކާރުން ވަނީ ހުއްދަދީފައެވެ.
"ބާބީ" ފިލްމު ޕާކިސްތާނުގެ ޕަބްޖާބްގައި ރިލީޒްކުރަން ހަމަޖެހިފައިވަނިކޮށް، ފިލްމުގައި ހިމެނޭ ކޮންޓެންޓެއްގެ މައްސަލަޖެހި ފިލްމު ރިލީޒްކުރުންވަނީ ފަސްކޮށްފައެވެ.
އިސްލާމީ ގައުމުތަކުން މިފިލްމާ ދެކޮޅަށް ފިޔަވަޅުތައް އެޅިއިރު ސަައްތައިންސައްތަ އިސްލާމީ ގައުމެއް ކަމަށްވާ ރާއްޖޭގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އާންމުންގެ ނުރުހުންވަނީ އިދާރާތަކަށް އަމާޒުވެފައެވެ.
ފޯނަށް ޖަވާބު ދީފައި ނުވާތީ، މިކަމާ ގުޅިގެން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ބަހެއް ހޯދުމަށް "ވީނިއުސް" އިން ކުރި މަސައްކަތް މިހާތަނަށް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
ޚަބަރު ލިޔުން ނޫސްވެރިޔާ މިކަން ސަމާލުކަމަށް ގެނައީތީ ޝުކުރިއްޔާ. ލިޔުންތެރިޔާގެ ނަން ފެންނަން ނެތަތީ ތިޔައީ ކާކުގެ ލިޔުމެއް ކަމެއް ނޭނގުނު. އެކަމަކުވެސް އެނގިގެން މިދިޔައީ ފިލްމު ބަލަން ނުދާ ވަރުގެ މައުލޫމާތެއް. ޝުކުރިއްޔާ ވީޓީވީ.