އިންޑިއާއާ ހަވާލުކޮށްގެން ހިންގާ ތަރައްގީގެ ބޮޑު ޕްރޮޖެކްޓް، ތިލަމާލެ ބްރިޖް އެޅުމުގައި، ކޮންކްރީޓް އުފުލަން ދޮލަނގު ބޭނުންކުރުމުން ސަރުކާރަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އިންޑިއާގެ މަސައްކަތްތެރިން ސައިޓުތަކުގައި ހަރަކާތްތެރިވާ ވީޑިއޯތައް މީސްމީޑީއާގައި އާންމުވެފައިވާއިރު، ސިޔާސީ ފަރާތްތަކާއި އާންމުންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެގޮތުން މިހަފުތާގެ ތެރޭގައި އާންމުވި އެއް ވީޑިއޯއިން، ސަރުކާރުގެ ތަރައްގީގެ އެންމެ ބޮޑު ވައުދުކަމަށްވާ ތިލަމާލެ ބުރިޖް، މާލެ އިން ފެށޭ ހިސާބުގެ ކޮންކްރިޓް މަސައްކަތް ކުރުމަށް ކޮންކްރިޓް ޑެކް އެޅުމުގައި އިންޑިއާގެ މަސައްކަތްތެރިން ދޮލަނގަށް ސިމެންތި އަޅައިގެން، ބްރިޖުގެ ޑެކް އެޅުމުގެ މަސައްކަތް ކުރާ މަންޒަރު ވަނީ ފެނިފައެވެ.

އޭގެފަހުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ސޯޝަލް މީޑިއާގައި ވީޑިއޯއާއެކު ހިއްސާކުރެއްވި މެސެޖެއްގައި ވަނީ، 136 މިލިއަން ޑޮލަރުން ދިވެހިން ޒިންމާވާ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކޮށްފައިވާ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތްކުރިއަަށްދަނީ ވެސް މަށަންދައްޗާއި ފަކީރާ އަދި ދޮލަނގު ޓެކްނޮލޮޖީ ބޭނުންކޮށްގެންކަމަށް ބުނެ ފާޑުކިޔާފައެވެ.

މީގެކުރިން ވެސް ބްރިޖުގެ މަސައްކަތާއި އިންޑިއާއިން ރާއްޖޭގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ ފެންވަރާމެދު ސުވާލުއުފެދޭ އެތައް ކަމެއް ވަނީ ހިނގާފައެވެ. މި ވީޑިއޯތަކާއި ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އަންނައިރު ޕްލޭނިން މިނިސްޓްރީން މިހާތަނަށް އެއްވެސް އެޗެއް ބުނެފައެއް ނުވެއެވެ.

އިންޑިއާގެ ލޯނު އެހީގައި ހިންގާ ބްރިޖުގެ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވާކަމަށް ސަރުކާރުން ފުރަތަމަ ބުނިއިރު، މަސައްކަތް އަވަސް ކުރުމަށް ފަހުން ދިން ފައިސާ އާއިއެކު މިހާރު ބްރިޖަށް ކުރަން ޖެހޭ ހޭދަ 700 މިލިއަން ޑޮލަރަށް އަރާ ކަމަށް މައުލޫމާތު ލިބެއެވެ.

މިއަހަރަށް މަސައްކަތް ނިންމަން ސަރުކާރުން ބުނިނަމަވެސް ފަހުންވަނީ މުއްދަތު ދަންމާލާފައެވެ.

ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުން މިހާރު ވިދާޅުވަމުން އަންނަނީ، އެހެން ސަރުކާރެއް އަތުވެއްޖެނަމަ ތަރައްގީ ހުއްޓޭނެކަމަށާއި މިހާރު ފަށާފައިވާ މަޝްރޫއުތައް ނިންމަން މި ސަރުކާރު ހޮވަންޖެހޭކަމަށެވެ. އެހެންނަމަވެސް މިހާރު ހުރި ބޮޑެތި ޕްރޮޖެކްޓްތައްވެސް ނުނިންމައި އަލުން ތަރައްގީގެ އައު ވައުދުތަކެއް ވަމުން އަންނާތީވެސް ރައްޔިތުން ވަނީ ފާޑުކިޔާފައެވެ.