އޮސްޓްރޭލިއާގެ ސިޑްނީން ފުރައިގެން މެލޭޝިޔާގެ ކުއާލަލަމްޕޫރަށް ދަތުރުފެށި ފްލައިޓެއްގައި ދަތުރުކުރި ފަސިންޖަރެއްގެ އުނދަގޫ ބޮޑުވެގެން ފްލައިޓް އަނބުރާ ސިޑްނީ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސައިފިއެވެ.
ފްލައިޓް އެމްއެޗް122 މިއަދު ފުރީ އޮސްޓްރޭލިއާ ގަޑިން މެންދުރު އެކެއް ޖެހިއިރު ކަމަށާއި، ފްލައިޓް އަނބުރާ ޖެއްސީ 3:45 ގައި ކަމަށް އޮސްޓްރޭލިއާގެ މީޑިއާއިން ބުނެފައި ވެއެވެ.
މަތިންދާ ބޯޓުގައި ދަތުރުކުރި ފަސިންޖަރު، އެހެން ފަސިންޖަރުންނަށާއި، ކްރޫއިންނަށް ބިރުދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވެއެވެ. މި ވީޑިއޯ ނަގާފައިވަނީ ފަސިންޖަރެކެވެ.
މެލޭޝިއަން އެއަރލައިންސްގެ ތަރުޖަމާނާ ހަވާލާދީ 9 ނިއުސް ޗެނަލުން ބުނެފައިވަނީ، ބޯޑު އަނބުރާ ސިޑްނީއަށް ޖެއްސުމަށް ފްލައިޓް ކޮމާންޑަރު ނިންމީ، ފަސިންޖަރުންގެ ސަލާމަތާއި ރައްކާރެރިކަމަށްޓަކައި ކަމަށެވެ.
ބޯޓު، ރައްކާތެރިކަމާއެކު އަނބުރާ ޖެއްސިއިރު، އޭގައި 194 ފަސިންޖަރުންނާއި، 5 ކްރޫއިން ތިއްބެވެ.
ސިޑްނީ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޯޓު ޖެއްސުމަށްފަހު، ރަނވޭ ކޮޅުގައި ބޯޓު އެތައް އިރެއް ވަންދެން އޮތެވެ. އޭގެ ވަށައިގެން އިމަޖެންސީ ވެހިކަލްތައް ހަރަކާތްތެރިވަމުން ދިޔައެވެ.
މަތިންދާ ބޯޓުގައި އެހެން ފަސިންޖަރުންނަށާއި، ކްރޫއިންނަށް ބިރުދެއްކި މީހާ، އޮސްޓްރޭލިއަން ފެޑެރަލް ފުލުހުންވަނީ ބޯޓަށް އަރައި ހައްޔަރު ކޮށްފައެވެ. އެއީ، އުމުރުން 45 އަހަރުގެ ފިރިހެނެކެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި އެމީހާ ހުރީ ބެކްޕެކެއް އަޅައިގެންނެވެ. ނަމަވެސް، އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެއެވެ.
އަދި އެމީހާ، ރުޅިއައިސް އެހެން ފަސިންޖަރުންނަށާއި، ބޯޓުގެ ސްޓާފުންނަށް ބިރުދެއްކީ ކީއްވެގެން ކަމެއްވެސް ހާމައެއް ނުކުރެއެވެ.
ސިޑްނީ މޯނިންގ ހެރަލްޑުން ބުނީ، މިހާދިސާއާ ގުޅިގެން ސިޑްނީ އެއަރޕޯޓުގެ ތިން ރަންވޭ ބަންދުކުރަން ޖެހުނު ކަމަށެވެ.
ނަތީޖާއެއްގެގޮތުން 30 ޑޮމެސްޓިކް ފްލައިޓް ކެންސަލްކޮށް، އެތައް ފްލައިޓެއްގެ ދަތުރު ޑިލޭ ކުރަން ޖެހުނު ކަމަށެވެ.