ދުނިޔޭގެ އެންމެ ނުފޫޒުގަދަ ފުޓުބޯޅަ ލީގުތައް އޮންނަ ޔޫރަޕު ދޫކޮށް، ކުރިއަރަމުން އަންނަ ސައުދީ ފުޓުބޯޅަ ލީގުގެ ކުލަބަކާ ގުޅެން، ޕީއެސްޖީ އަދި ބްރެޒިލްގެ ގައުމީ ފުޓުބޯޅަ ޓީމުގެ ތަރި، ނޭމާ ނިންމައިފިއެވެ.

222 މިލިއަން ޔޫރޯގެ ރެކޯޑު ޓްރާންސްފަރ ފީއެއްގައި 2017 ވަނަ އަހަރު ބާސެލޯނާއިން ފްރާންސްގެ ޕީއެސްޖީއާ ގުޅުނު ނޭމާ، މި ފެށުނު ސީޒަނުގައި ޕީއެސްޖީން ކުޅުނު ފުރަތަމަ މެޗުގައި ފެނިގެން ނުދެއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ޕީއެސްޖީގެ އައު ކޯޗު، ލުއިސް އެންރީކޭގެ ޓީމް ޕްލޭނުގައި ނޭމާ ނުހިމެނެއެވެ.

2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕީއެސްޖީއާއެކު ނޭމާގެ ކޮންޓްރެކްޓެއް އެބައޮތެވެ. އެހެންނަމަވެސް، އަނިޔާގެ މައްސަލަތަކުގެ ސަބަބުން ނޭމާއަށް ޕީއެސްޖީގައި މުހިންމު ގިނަ މެޗުތަކެއް ގެއްލިފައިވާއިރު، ޕީއެސްޖީގެ ބައެއް ސަޕޯޓަރުން އަންނަނީ ނޭމާ އެކުލަބު ދޫކޮށްލުމަށް ގޮވައިލައި، މެޗުތަކުގައި ވެސް އޭނާއަށް ފުރައްސާރަކުރަމުންނެވެ. އަދި ޕެރިސްގައި ނޭމާ ދިރިއުޅޭ ގެ ކައިރިއަށް އެއްވެ، ޕީއެސްޖީގެ ބައެއް ސަޕޯޓަރުން ނުރުހުން ފާޅުކޮށް، އެ ޓީމު ދޫކޮށްލުމަށް ނޭމާއަށް ގޮވާލާފައިވެއެވެ.

ޕީއެސްޖީގެ ސަޕޯޓަރުން ބުނާގޮތުގައި ނޭމާއަކީ އެ ޓީމަށް "އެސެޓަކަށް" ވުރެ ބޮޑަށް "ލައިބިލިޓީ" އެކެވެ. އަނިޔާގެ ސަބަބުން މުހިންމު މެޗުތަކެއް ނޭމާއަށް ގެއްލޭއިރު، ކުޅޭ މެޗުތަކުގައި ވެސް ނޭމާގެ ފަރާތުން މޮޅު ކުޅުމެއް ނުފެންނަކަމަށާއި، ނޭމާގެ ކުޅުމުގެ ފެންވަރާ އަޅާ ބަލާއިރު އޭނާއަށް ޕީއެސްޖީން ދޭ މުސާރަ މާ ބޮޑުކަމަށް ވެސް އެފަރާތްތަކުން ބުނެއެވެ. ރިޕޯޓުތައް ބުނާގޮތުން އަހަރެއްގެ މައްޗަށް ޕީއެސްޖީން ނޭމާއަށް މުސާރައިގެ ގޮތުގައި 25 މިލިއަން ޔޫރޯ ދެއެވެ.

ޓީމުގެ ސަޕޯޓަރުން ނޭމާއާ މެދު ހިތްހަމަނުޖެހި، އޭނާ އެކުލަބުން ދިއުމަށް ގޮވާލަމުން ދިޔައިރު، މި އަހަރުގެ ޖެނުއަރީ ޓްރާންސްފަރ ވިންޑޯގައި ވެސް ނޭމާ ޕީއެސްޖީ ދޫކޮށްލަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ. އަދި ހޫނު މޫސުމުގެ ޓްރާންސްފަރ ފެށުނުއިރު ވެސް އޭނާއާއި ސްޕެއިންގެ ބާސެލޯނާއާ ގުޅުވައިގެން "ޓްރާންސްފަރ ރޫމަރ" ތަކެއް ފެތުރިފައިވެއެވެ.

ނޭމާ އެނބުރި ބާސާއަށް ދާން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށް، ފަހަކަށް އައިސް ބޮޑު އަގުގައި ޔޫރަޕުގެ ޓޮޕް ކުޅުންތެރިންގެ ސޮއި ހޯދަމުން އަންނަ ސައުދީ ލީގުގެ ކުލަބުތަކުން ނޭމާގެ ސޮއި ހޯދަން އުޅޭކަމުގެ އަޑުތަކެއް ފެތުރުނެވެ.

މި މަސައްކަތުގައި ކާމިޔާބީއާ ހަމައަށް ވާސިލްވެ، ސައުދީގެ އަލް ހިލާލުން މިވަނީ ނޭމާ އެޓީމަށް ގެނެސްފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަލް ހިލާލުގައި ނޭމާ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މަޑުކުރާނެއެވެ. އަދި ޓްރާންސްފަރ ފީއެއްގެ ގޮތުގައި އަލް ހިލާލުން ޕީއެސްޖީއަށް 100 މިލިއަން ޔޫރޯ ދޭނެއެވެ.

އަލް ހިލާލުގެ ކުޅުންތެރިއެއްގެ ގޮތުގައި، މި ހަފްތާގެ ފަހުކޮޅު ނޭމާ ޕްރެޒެންޓު ކުރާނެއެވެ.

ޔޫރަޕުގެ އެންމެ ވިދުންގަދަ އެއްތަރި، ނޭމާ އަލް ހިލާލަށް ބަދަލުވާއިރު، މި އަހަރު ފެށުނުފަހުން ސައުދީ ލީގުގެ އެކި ކުލަބުތަކުން އަންނަނީ މިފަދަ އެތައް ކުޅުންތެރިންތަކެއްގެ ސޮއި ހޯދަމުންނެވެ.

މިކަން ފެށިފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، ސައުދީގެ އަލް ނަސްރުން، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި ހޯދި ހިސާބުންނެވެ.

އެފަހުން، އެންމެފަހުގެ ބެލަންޑޯ އެވޯޑު ހާސިލްކުރި ކަރިމް ބެންޒީމާއާއި، ފްރާންސާއި ޗެލްސީގެ މިޑްފީލްޑަރު އެންގޮލޯ ކާންޓޭގެ އިތުރުން ލިވަޕޫލްގެ ޖޯޑަން ހެންޑާސަން އާއި ލިވަޕޫލާއި ބަޔާން މިއުނިކަށް ކުޅުނު ސަޑިއޯ މާނޭ އަދި ރޮބާޓޯ ފިރްމީނޯ ފަދަ ކުޅުންތެރިން ވަނީ ސައުދީ ލީގުގެ ކުލަބުތަކަށް ބަދަލުވެފައެވެ.