އަންވާރުލް ހައްގު ކާކަރް، ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރުކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.

އަންވާރުލް ހައްގު ކާކަރް، މަގާމުގެ ހުވާ ކުރެއްވީ ޕާކިސްތާނުގެ ރައީސް އާރިފް އަލްވީގެ ކުރިފުޅުމަތީގައެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ އިސްލާމްއާބާދުގެ އައިވާނޭ ސަދްރްގައި މިއަދު ހެނދުނުއެވެ.

އަންވާރުލް ހައްގު ކާކަރް، ވަގުތީ ބޮޑުވަޒީރުކަމުގެ ހުވާ މި ކުރެއްވީ، ޕާކިސްތާނުގައި މިއަދު ފާހަގަކުރަމުންދާ މިނިވަންދުވަހާ ދިމާކޮށެވެ.

ވަގުތީ ބޮޑުވަޒީރު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި މަގާމުން ވަކިވެވަޑައި ގެންނެވި ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި، ޕާކިސްތާނުގެ އެއްގަމާއި، ކަނޑާއި ވައިގެ ސިފައިންގެ ވެރިންނާއި، ސެނޭޓާއި، ޕާލަމެންޓުގެ ކުރީގެ ވެރިންނާއި، ޕްރޮވިންސްތަކުގެ ވެރިން ބައިވެރިވެވަޑައި ގެންނެވިއެވެ.

އާންމު އިންތިޚާބާ ގާތްކޮށްފަ ޕާލަމެންޓް ރޫޅާލައި، ވަކި ފަރާތަކަށްނުޖެހޭ ވަގުތީ ސަރުކާރަކާ ވެރިކަން ހަވާލުކޮށް އެ ސަރުކާރުގެ ބެލުމުގެ ދަށުން އިންތިޚާބު ބޭއްވުމަކީ ޕާކިސްތާނުގައި ދުސްތޫރީ ހަމަތަކުގެ މަތިން ހިނގަމުންދާ ކަމެކެވެ.

ޕާކިސްތާނުގެ ރައީސް އާރިފް އަލްވީ، އެގައުމުގެ ޕާލަމެންޓް ރޫޅާލެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޕާލަމެންޓް ރޫޅާލާތާ ތިންދުވަހުގެ ތެރޭގައި ވަގުތީ ބޮޑުވަޒީރަކު އައްޔަން ކުރަންޖެހެއެވެ. އަދި 90 ދުވަހުގެ ތެރޭގައި އާންމު އިންތިޚާބު ބާއްވަން ޖެހެއެވެ.

ވަގުތީ ބޮޑުވަޒީރު އަންވާރުލް ހައްގު ކާކަރްގެ ފުރަތަމަ މަސައްކަތްޕުޅަކަށް ވާނީ، ގައުމު ހިންގެވުމަށާއި، އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދެވުމަށް ކެބިނެޓެއް އެކުލަވާލެއްވުމެވެ.

އަންވާރުލް ހައްގު ކާކަރް، ވަގުތީ ބޮޑުވަޒީރުގެ މަގާމަށް ކަނޑައެޅުނީ، މަގާމުން ވަކިވެވަޑައިގެންނެވި ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި، އަދި އިދިކޮޅު ލީޑަރުންނާ ދެމެދު ކުރެވުނު ހޫނު މަޝްވަރާތަކަށް ފަހުގައެވެ.

ޝަހްބާޒް ޝަރީފް ވިދާޅުވެފައިވަނީ، އަންވާރުލް ހައްގު ކާކަރްއަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށާއި، އަދި އޭނާގެ ބެއްލެވުމުގެ ދަށުން މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވޭނޭކަމުގެ ޔަގީންކަންވެސް އެބައޮތް ކަމަށެވެ.

ވަގުތީ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައި ގަތުމުގެގޮތުން އަންވާރުލް ހައްގު ކާކަރްވަނީ އޭނާ އަދާކުރައްވަމުން ގެންދެވި، ޕާކިސްތާނު ޕާލަމެންޓް މަތިގޭގެ ގޮނޑިންނާއި، އަދި އޭނާ އުފައްދަވައި ހިންގަވަމުން ގެންދަވާ ބަލޮޗިސްތާން އަވާމީ ޕާޓީންވެސް އިސްތިއުފާ ދެއްވާފައެވެ.

މަގާމުތަކުން އިސްތިއުފާ ދެއްވީ، މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ވަގުތީ ބޮޑުވަޒީރުގެ ޒިންމާ އަދާކުރެއްވުމަށާއި، އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދެވުމުގައި އެއްވެސް ނުފޫޒެއްގެ ދަށުނުވެ އިލެކްޝަން ކޮމިޝަން އޮފް ޕާކިސްތާނަށް އެއްބާރުލެއްވުން ދެއްވުމުގެ ގޮތުން ކަމަށް އަންވާރުލް ހައްގު ވިދާޅުވެފައި ވެއެވެ.