ދިވެހި ފަންނުވެރިންގެ މަސައްކަތްތައް ދައްކައިދޭ "އަންވެއިލިން ވިޝަންސް" ގެ 2023 ވަނަ އަހަރުގެ މައުރަޒު ކުރިއަށް އެބަދެއެވެ.
އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ މިއީ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (މެކް)ގެ ހަ ވަނަ 'އަންވެއިލިން ވިޝަންސް' އާޓް މައުރަޒެވެ. އަހަރަކު އެއް ފަހަރު ބާއްވަމުން އައި މިމައުރަޒު މިދިޔަ އަހަރު ނުބޭއްވީ ޒަމާނީ ފެންވަރަށް މިހާރު ތަރައްގީކޮށްފައިވާ އާޓް ގެލެރީގެ މަރާމާތުގެ މަސައްކަތަށް އެތަން ބަންދުކޮށްފައި ވާތީއެވެ.
މެކްއިން ބުނާ ގޮތުގައި މިއަހަރުގެ މައުރަޒަށް ބޮޑު ތަރުޚީބެއް ލިބިގެންދިޔައެވެ. ގިނަ ހުށަހެޅުންތަކެއް ލިބިގެންދިޔައިރު މައުރަޒުގައި 84 ހުށަހެޅުމެއް ޑިސްޕްލޭކޮށްފައިވާނެ ކަމަށް މެކްއިން މައުލޫމާތު ދެއެވެ. މިމައުރަޒު ހުޅުވައިދެއްވާފައިވަނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ. މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިއާޓް މައުރަޒަކީ މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް އަންވެއިލިން ވިޝަންސް މަރުރަޒެވެ.
މިމައުރަޒައް ވަނުމަށްޓަކައި 25 ރުފިޔާގެ ފީއެއް ނަގާނެއެވެ. ނަމަވެސް ކުޑަކުދިންނާއި ޔުނީފޯމްގައި ތިބޭ ސްކޫލްތަކުގެ ދަރިވަރުންނަށް ފީއަކާ ނުލައި ވަދެވޭނެއެވެ. މި މައުރަޒު ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 10:00 ގެ ނިޔަލަށެވެ.
"ވީނިއުސް"ގެ ލެންސުން ބައެއް ފަންނުވެރިންގެ ކުރެހުންތައް
މިހާރު ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ "އަންވެއިލިން ވިޝަންސް 2023" ޒިޔާރަތްކޮށް "ވީނީއުސް"އިން ވާނީ މައުރަޒުގައި ހުރި ފަންނުވެރި އުފެއްދުންތައް ބަލާލައި، ބައެއް އާޓިސްޓުންނާ ވާހަކަދައްކައި އެއުފެއްދުންތަކާ ގުޅޭ މައުލޫމާތު ހޯދާފައެވެ.
މިގޮތުން "ވީނިއުސް"އިން ވާހަކަދެއްކި ބައެއް ފަންނުވެރިންނާއި އެމީހުންގެ އުފެއްދުންތަކުގެ މަައުލޫމާތާއި ފޮޓޯ ހިއްސާކޮށްލާނަމެވެ.
ބަރްޝާގެ "ހޯމް"
"އަންވެއިލިން ވިޝަންސް 2023" އަށް ޒިޔާރަތްކުރި ގިނަ ބައެއްގެ ލޮލުގައި އަޅައިގެން އެއް ކުރެހުމަކީ މަރިޔަމް ބަރްޝާ މުޙައްމަދުގެ "ހޯމް" އާޓްވޯކްއެވެ. މިއީ ރާއްޖޭގެ ނަން މަޝްހޫރު ފުވައްމުލަކު ތޫނޑުގެ ފޮޓޯއެއް އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ އެކްރިލިކް ޕެއިންޓިންއެކެވެ. އެކްރިލިކް ޕެއިންޓުން ކުދިކުދި ތިކި ޖަހައިގެން ތިން ހަފުތާއިން ނިންމި މިމަސައްކަތުގައި އަސްލަކަށް ބޭނުންކޮށްފައިވަނީ ޖާދުﷲ އިސްމާއިލް ނަގާފައިވާ ފޮޓޯއެކެވެ.
އިންސްޓަރގްރާމްގައި "މާހުޅުނބު އާޓްސް" ގެ ނަމުގައި ގިނަ ބަޔަކަށް އެނގޭ ބަރްޝާ މިފަދަ މައުރަޒުތަކުގައި އޭނާގެ ފަންނުވެރިކަމުގެ އުފެއްދުންތައް ދައްކަން ފެށީ 2019 އަހަރުއެވެ. އެއީ އެއަހަރު އޮތް "އަންވެއިލިން ވިޝަންސް" މައުރަޒުންނެވެ. މިއަހަރު ހުށަހެޅި އުފެއްދުމަކީ ނުބޭއްވުނު މިދިޔަ އަހަރުގެ "އަންވެއިލިން ވިޝަންސް" މައުރަޒަށް އޭނާ ތައްޔާރުކުރި ކެންވަސް ޕެއިންޓިންއެކެވެ.
ޖައިޝްގެ އަރަބިކް ކެލިގްރަފީ
ކެލިގްރަފިކް އާޓަށް ޝައުގުވެރިކަން ހުންނަ އިސްމާއިލް ޖައިޝް ޖަލާލްގެ "ދަ ރިލިޖިއަން އޮފް ﷲ" އަކީވެސް "އަންވެއިލިން ވިޝަންސް" މައުރަޒުން ފާހަގަވާނެ އުފެއްދުމެކެވެ.
އާންމުކޮށް އިންކް އަދި އެކްރިލިކް މީޑިއަމްއަކަށް ބޭނުންކުރާ ޖައިޝް ގިނަ ބަޔަކު ދަންނާނީ ކެލިގްރަފީއަށް މޮޅު އާޓިސްޓެއްގެ ގޮތުގައެވެ. މިއަހަރުގެ މައުރަޒަށް އޭނާ ހުށަހެޅި އުފެއްދުމަކީ ހަތަރު ދުވަހުގެ މަސައްކަތެކެވެ.
ކެލިގްރަފީގެ އިތުރުން އޭނާގެ އާޓްވޯކްގައި ކުރީގެ އިސްލާމިކް ޑިޒައިނެއްވެސް ވަނީ ހިމަނާފައެވެ. އިންސްޓަރގްރާމްގައި "ޖައިޝް އާޓްސް" ހޯދައި ބަލާލުމުން މިނޫނަސް އޭނާގެ ތަފާތު މިފަދަ މަސައްކަތްތައް ފެނިގެންދާނެއެވެ.
"ވީނިއުސް"އާ ވާހަކަދައްކަމުން ޖައިޝް ބުނީ ކެލިގްރަފީ ހަދާތާ މިހާރު ތިން ވަރަކަށް އަހަރު ވެދާނެ ކަމަށެވެ. އަބަދުވެސް އަތުލިޔުން ރީތި ކަމަށް މީހުން ފާހަގަކުރާ ޖައިޝް އިތުރަށް ބުނި ގޮތުގައި "އަންވެއިލިން ވިޝަންސް 2023"އަކީ އޭނާ ބައިވެރިވާ ދެ ވަނަ މައުރަޒު ކަމަށެވެ.
މުސްޠަފާގެ "ގޮނޑުވުން"؛ ކިޔައިދިނީ މާލެއަކީ މައްސަލަތަކުން ފުރެމުންދާ ގޮނޑެއް ކަމަށް
ސޯޝަލްމީޑިއާގައި މަޝްހޫރު "ކުލަ ފިހި" މުސްޠަފާ މުޙައްމަދަަކީ މިފަދަ މައުރަޒުތަކަށް އަބަދުވެސް ތަފާތު ހުށަހެލުންތައް ހުށަހަޅާ ފަންނުވެރިއެކެވެ. އޭނާގެ ކުރެހުންތަކާއި ޕެއިންޓިންތަކުން ގިނައިން ބުނެދީފައި ހުންނަނީ އިޖުތިމާއީ ބޮޑެތި މައްސަލައެވެ.
ކެންވަސްއެއްގައި އޮއިލް ޕެއިންޓުން މިއަހަރުގެ "އަންވެއިލިން ވިޝަންސް"ގައި މުސްޠަފާ ހުށަހެޅީ މާލެއަށް ދިމާވެފައިވާ މައްސަލަތަކެވެ. "މާލެއަކީ ތިން ކޮތަޅު ލެވޭހާ ކުޑަ ތަނަކަށް ވާއިރު މިއީ ކުލީގެ ވެއްޓެއްކަން އޭނާގެ ޕެއިންޓިންނުން ބުނެދެއެވެ. ރައީސް ޔާމީންގެ ސަރުކާރުގައި މާލޭގައި އެޅި ހޮޅިތަކުން ފެށިގެން ނުނިމުނު ބުރިޖާއި އުފުލެމުންދާ އަގުތަކުގެ ވާހަކަވެސް ބުނެދެއެވެ. ތިން ބާރުގެ ވެރިން ފިތިފައި ތިބޭ ވާހަކައާއި ހައްލު ނުވެ އޮތް ކުނީގެ މައްސަލައެވެ. މިގޮތައް ކިޔާ ނަމަ އެތައް މައްސަލައަކުން ބަރާވެފައިވާ މާލެއަކީ މުސްޠަފާ ސިފަކުރާ ގޮތުގައި "މައްސަލަތަކުން ގޮނޑުވަމުންދާ" ކުޑަކުޑަ ސިޓީއެކެވެ.
އެންމެ ކުޑައިރުންސުރެވެސް ކުރެހުމުގެ ތެރޭގައި އުޅެމުން އަންނަ މުސްޠަފާ "ވީނިއުސް" އަށް ބުނި ގޮތުގައި، އޭނާގެ ޕެއިންޓިން މެދުވެރިކޮށް އެވާހަކަތައް ބުނެދިނުމުގެ ބޭނުމަކީ އެ މައްސަލަތަކަށް ހައްލު ހޯދުމަށް ބާރު އެޅުމެވެ.
ޒުއްކޮގެ "ކަނބުލޮ"
"ވީނިއުސް"އިން ވާހަކަދެއްކި ޢާޓިސްޓުންގެ ތެރެއިން ޒުހާ ނަސީރު (ޒުއްކޮ) ބުނެދިނީ މިއަދު އެތައް ބަޔަކު ތަހައްމަލުކުރަމުންދާ ބަލިމަޑުކަމެއްގެ ވާހަކައެކެވެ. އެކަމުން ސަލާމާތްވުމަށް ކުރަމުން އަންނަ އުނދަގޫ ދަތުރުގެ ވާހަކައެކެވެ.
އިންސްޓަރގްރާމްގައި "ފިހި އާޓްސް"ގެ ނަމުގައި އާންމުން ދަންނަ، ޒުއްކޮ ކެންވަސްއެއްގައި އެކްރިލިކްއިން ކުލަޖެއްސި ތަސްވަރަކީ އެތަކެއް ނައްސި ޚިޔާލުތަކާއި މާޔޫސްކަމާއި މޮޅިވެރިކަމުން ދުރަށްދާން ބޭނުންވެފައި ހުރި އަންހެން ކުއްޖެކެވެ. އެތަސްވީރުން ފެންނަނީ "ކަނބުލޮ"ގެ ނަން ދީފައިވާ އަންހެން ކުއްޖާ ޖަންގައްޔެއްގެ ތެރޭގައި ހިނގާފައިދާ މަންޒަރެވެ.
ޒުހާ ބުނި ގޮތުގައި، މުޅި މިޕެއިންޓިން މެދުވެރިކޮށް އޭނާ ބުނެދޭން ބޭނުންވީ ދުނިޔޭގެ ކެހިވެރިކަމާއި މޮޅުވެރިކަމާއި އަދި ހުރިހާ ނައްސި ކަންތައްތަކުން ދުރަށް ގޮސް، ޖަންގަލީގެ ހަމަހިމޭން މާހައުލުގައި ފެހި ރުއްތަކާއި ގަސްތަކުގެ "ނެށުން" ބަލާލަން ހުންނައިރު އެލިބޭ ފަދަ އިހުސާސްއެއް ކުރަން ކޮންމެ މީހަކުވެސް ބޭނުންވާނެ ވާހަކައެވެ.
ޒައިނާގެ ހުށަހެޅުން ހާއްސަކުރީ މަންމައިންނަށް
48 އިންސި 30 އިންޗީގެ ކެންވަސްއެއްގައި ތަފާތު މީޑިއަމްތައް ބޭނުންކޮށްގެން އައިމިނަތު ޒައިނާ އާޒިމް ކުލަޖެއްސި ތަސްވީރަކީ މަންމައިންނަށް ދިން ޓްރިބިއުޓްއެކެވެ. ޒައިނާ ބުނި ގޮތުގައި، ރާއްޖޭން ވަރަށް ނުފެންނަ ކިއުބިޒަމް ސްޓައިލް މީގައި ބޭނުންކުރީ ތަފާތުކޮށްލުމަށެވެ.
އިންންސްޓަރގްރާމްގައި "އައިމިނަތު ޒައިނާ" ސާޗްކޮށްލުން އޭނާގެ ތަފާތު މަސައްކަތްތައް ހިއްސާކުރާ ޕްރޮފައިލް ފެންނާނެއެވެ. ވަރަށް ގިނަ ކުލަތައް ބޭނުންކޮށްފައިވާ "މަަދަރ" ޕެއިންޓިންގައިވާ ކޮންމެ ކުލަޔަކުން ބުނެދެނީ މައިން އުފުލާ ބުރައާއި ވޭނާ، އެ މީހުންގެ އުފާވެރިކަމާއި ހިތްދަތިކަމާއި ރުޅިވެރިކަމާއި ދޭ ލޯތްބާއި ކުލުނެއެވެ.
މީނޫނަސް ތަފާތު އެތައް ހުށަހެޅުމެއް މިއަހަރުގެ "އަންވެއިލިން ވިޝަންސް"އިން ފެނިގެންދާނެއެވެ. ޒިޔާރަތްކޮށްލުމަަށް މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއިން އެދެއެވެ.