މިއަހަރުގެ މިހާތަނަށް އިސްރާއީލުގެ އުދުވާންތަކުގައި ޝަހީދުވި ފަލަސްތީން މީހުންގެ އަދަދު 216 އަށް އަރައިފިއެވެ.

މިއަދަދު 216 އަށް އަރާފައިވަނީ އިސްރާއީލުގެ ނިރުބަވެރި އަސްކަރީ ބާރުތަކުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ބަޑިޖަހައި ދެ ޒުވާނަކު ޝަހީދުކޮށްލުމުންނެވެ.

ޖެރީކޯ ސިޓީގެ ރެފިއުޖީ ކޭމްޕެއް ރެއިޑްކޮށް އިސްރާއީލު ސިފައިން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދިން ފަލަސްތީނުގެ މެޑިކަލް އޮފިޝަލުން ވަނީ ބުނެފައެވެ.

ޖެރީކޯ ހޮސްޕިޓަލުގެ ޑައިރެކްޓަރު ރޮއިޓާސްއަށް އަންގާރަ ދުވަހު ވިދާޅުވީ ދެ ޒުވާނެއްގެ މެއަށް ބަޑި ޖެހުމުގެ ސަބަބުން، ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި ފަރުވާ ދެމުންދަނިކޮށް އެ ދެ މީހުންވެސް މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އުމުރުން 16 އަހަރުގެ ކުސޭ އަލް ވާލާޖީ އާއި މުހައްމަދު ނުޖޫމް، 25، ގެ މެއަށް އިސްރާއީލު ސިފައިން ބަޑި ޖަހާފައި ވަނީ އަންގާރަ ދުވަހުގެ ފަތިހު ކަމަށެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނެފައިވާ ގޮތުގައި ފަތިހުގެ ވަގުތު އިސްރާޢިލު ސިފައިންނާއި އާންމުންގެ ބަޔަކު ކުރިމަތިލައި ހަމަނުޖެހުމެއް ހިންގާފައި ވެެއެވެ. ނަމަވެސް ޝަހީދުވި ދެ މީހުންނަކީ އެކަމުގައި ބައިވެރިވި ދެ މީހުން ކަމެއް ނޭނގެއެވެ.

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިނގަމުންދާ ހަމަނުޖެހުންތައް ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އިތުރަށް ގޯސްވެފައި ވަނީ އެ ސަރަހައްދުގައި ހުރި ރެފިއުޖީ ކޭމްޕްތަކަށް އިސްރާއީލުން ހަމަލާދިނުމާއި، ފަލަސްތީނުގެ އަވަށްތަކަށް ޔަހޫދީ ވަޒަންވެރިން ދިން ނުރައްކާތެރި ހަމަލާތަކާއި ފަލަސްތީނުގެ މަގުތަކުގައި އިސްރާއީލު ސިފައިން ދެމުން ގެންދާ ހަމަލާތަކާ ގުޅިގެންނެވެ.

ފްރާންސްގެ ނިއުސް އެޖެންސީ އޭއެފްޕީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖެރީކޯގައި ޝަހީދުވި ދެ މީހުންނާ އެކު މި އަހަރުގެ މިހާތަނަށް އިސްރާއީލު ސިފައިން ޝަހީދުކޮށްލި ފަލަސްތީނުގެ މީހުންގެ އަދަދު ވަނީ 216 އަށް އަރާފައެވެ.

މީގެ އިތުރުން އިސްރާއީލުގެ 28 މީހަކާއި ޔޫކްރެއިންގެ މީހަކާއި އިޓަލީގެ ރައްޔިތަކުވެސް އިސްރާއީލުގެ ހަމަލާތަކުގައި ދުނިޔެ ދޫކޮށްފައިވާ ކަމަށް ރަސްމީ މަސްދަރުތަކާ ހަވާލާދީ އޭއެފްޕީއިން ރިޕޯޓުކޮށްފައި ވެއެވެ.

މިކަމާ ގުޅިގެން އިސްރާއީލު ސިފައިން އަދި ވަކި އެއްޗެއް ނުބުނެއެވެ.