މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ މައްޗަށް އުފުލާފައިވާ، މަގާމުގެ ނާޖާއިޒް ބާރުގެ ބޭނުން ކުރެއްވިކަމުގެ ދައުވާތައް މެލޭޝިޔާގެ ހައި ކޯޓުން ބާތިލްކޮށްފިއެވެ.
ހައި ކޯޓުންވަނީ، ބޮޑުވަޒީރުކަމުގެ މަގާމުގެ ނުފޫޒު ބޭނުން ކުރެއްވިކަމަށް އުފުލުނު ހަތަރު ދައުވާއެއް ބާތިލްކޮށްފައެވެ. މި ދައުވާތަކުގެ ތެރޭގައި 50 މިލިއަން އެމެރިކާ ޑޮލަރުގެ މުއާމަލާތެއްވެސް ހިމެނެއެވެ.
މި މައްސަލައިގެ ހުކުމް އިއްވަމުން މެލޭޝިޔާގެ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ޖަމީލް ހުސައިން ވިދާޅުވީ، ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންއާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަތަކަކީ ކުށް ސާފުނުވާ، ބަލިކަށި، ހެކި ފެންނަންނެތް ދައުވާތަކެއް ކަމަށެވެ.
ސަބަބެއް ކަމަށް ވިދާޅުވީ، މުހްޔިއްދީން ޔާސީން ކުރެއްވި ކުށެއްގެ ތަފްސީލުތައް، ދައުވާގައި ބަޔާންކޮށްފައި ނެތުމެވެ.
އެހެންވެ، މުހްޔިއްދީން ޔާސީންގެ މައްޗަށް އުފުލިފައިވާ ދައުވާތައް ބާތިލްކޮށް އޭނާއަކީ މިނިވަނެއް ކަމަށް ހައި ކޯޓުގެ ފަނޑިޔާރު ވަނީ ކަނޑައަޅައި ހުކުމްކޮށްފައެވެ.
ހައި ކޯޓުގެ ހުކުމާ ގުޅިގެން, ކޯޓުގެ ބޭރުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މުހްޔިއްދީން ޔާސީން ވިދާޅުވީ، އޭނާގެ މައްޗަށް އުފުލިފައިވާ ދައުވާތަކަކީ، ސިޔާސީ ބޭނުމެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށް އަބަދުވެސް ގަބޫލުކުރެއްވި ކަމަށެވެ.
ބޮޑުވަޒީރުކަމުގައި ހުންނެވިއިރު، މަގާމުގެ ނާޖާއިޒް ނުފޫޒުގެ ބޭނުން ކުރެއްވިކަމަށް އުފުލުނު ހަތަރު ދައުވާއިން މުހްޔިއްދީން ޔާސީން ބަރީއަވި ނަމަވެސް އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ އިތުރު ތިން ދައުވާއެއް އުފުލާފައި ވެއެވެ.
މުހްޔިއްދީން ޔާސީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާތަކުގައި 200 މިލިއަން މެލޭޝިއަން ރިންގިޓްގެ މުއާމަލާތް ހިމެނެއެވެ.
މި ދައުވާތަކަށްވެސް މުހްޔިއްދީން ޔާސީންވަނީ އިންކާރު ކުރައްވާފައެވެ.
މެލޭޝިޔާގެ 8 ވަނަ ބޮޑުވަޒީރުގެ ހައިސއްޔަތުން މުހްޔިއްދީން ޔާސީން މަގާމު ފުރުއްވާފައިވަނީ 2020 ވަނަ އަހަރުގެ މާޗްމަހުން ފެށިގެން 2021 ވަނަ އަހަރުގެ އޮގަސްޓާ ހަމައަށެވެ.
މުހްޔިއްދީން ޔާސީން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ، އޭރު ވެރިކަމުގައި އޮތް ކޯލިޝަންގެ ތެރޭގައި އުފެދުނު ކޯޅުންތަކެއްގައި، ކޯލިޝަން ރޫޅި، ބޮޑުވަޒީރުކަމުގައި ހުންނެވި ޑރ. މަހާތީރު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.