ގާނޫނު އަސާސީ އާއި ގާނޫނަށް ބޯނުލަނބާ މީހަކަށް ދެވަނަ ދައުރެއް ދޭން ވޯޓު ލުމަކީ ޖަރީމާއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ "ދަރުމަވެރިންނާއި، ކުޅުންތެރިންނާއި، ކްލަބު ޖަމިއްޔާތަކާއި، އެސޯސިއޭޝަންތަކާއި، ސަޕޯޓަރުންގެ ހައްލަކީ ޤައުމީ ކެންޑިޑޭޓް ގާސިމް އިބްރާހިމް" މިނަމުގައި ހޮޓެލް ޖެންގައި ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުޅިވަރު އެސޯސިއޭޝަންތަކަށް މީހުން އިންތިހާބުކުރުމުގައި އޭރަކު ރައީސަކަށް ހުންނަ މީހާގެ ނުފޫޒު އޮތްކަމަށް ބުނެ ޖޭޕީގެ ވެރިކަމެއްގައި އެސޯސިއޭޝަންތައް ކިހާވަރަކަށް މިނިވަންވާނެތޯ އާންމު މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ސުވާލުގެ ޖަވާބު ދެވިފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ރައްޔިތަކީ މިނިވަނެއްކަން ގާސިމް ފާހަގަކުރެއްވިއެވެ.

"އެމީހަކަށް އެނގޭނީ އެމީހަކު ކަންކުރަންޖެހޭގޮތް. ބޮޑު ޕާޓީއަކަށް ކުޑަ ޕާޓީއަކަށް ނޫން ބަލަންވީ. އެންެމެ ރަނގަޅު ކެންޑިޑޭޓަކަަށް ބަލާނީ. އެގޮތް ބަލާނީ މާޒީގައި ކަންކޮށްފައިވާގޮތުގެ މައްޗަށް. ނުފޫޒާއި ބާރުވެރިކަން ފޯރުވަން އުޅޭނަމަ އެކަން ކުރާކަށް ނުޖެހޭނެ. އަދި ގާނޫނު އަސާސީ އާއި ގާނޫނަށް ބޯނުލަނބާ މީހަކަށް ދެވަނަ ދައުރެއް ދޭން ވޯޓު ލުމަކީ ޖަރީމާއެއް."
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮންރަބަލް ގާސިމް އިބްރާހިމް

ގާސިމްވަނީ މިކަހަލަ ކޮންމެ ރެއަކީ އަމަލީ މަސައްކަތުގެ ރެއެއްކަން ފާހަގަކުރައްވައި ޖޭޕީގެ ވެރިކަމެއްގައި ވައުދުތައް ފުއްދުމަށް އުސޫލުތަކެއް ކަނޑައަޅައިގެން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފަށައި ޕާޓީގެ މެނިފެސްޓޯވެސް މިހާރު އާއްމުކޮށްފައިވާއިރު ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިންނާއި ދަރުމަވެރިންނަށް މެނިފެސްޓޯގައި އުންމީދީ ވައުދުތަކެއް ވަނީ ވެފައެވެ.

އެގޮތުން ކުޅުންތެރިން އިންޝުއާ ކުރުމާއި ކުޅިވަރު އެސޯޝިއޭޝަންތަކަށް ބިން މިލްކު ކުރެވުމާއި މަދަނީ ޖަމިއްޔާ ބިލްޑިންގ ގާއިމްކޮށް ދަރުމަވެރިންގެ ހައްގު ކަށަވަރުކުރުން ހިމެނެއެވެ.

މީގެ އިތުރުން ކުޅިވަރުގެ ގާނޫނު އިސްލާހު ކުރުމާއި އައު އީޖާދީ ވިސްނުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ކަށަވަރުކުރުންވެސް މެނިފެނސްޓޯގައި ހިމަނާފައިވެއެވެ. އަދި ރާއްޖޭގައި އޮލިމްޕިކްސް ސްޓޭޑިއަމެއް އަޅައި އާޓިސްޓުންނަށް ހާއްސަ ރަށެއް ގާއިމްކޮށްދިނުމަކީވެސް ޖޭޕީގެ ކުޅިވަރުގެ ވައުދެކެވެ.