ދިވެހިރާއްޖޭގެ އެންމެ ބޮޑު މުނިފޫހިފިލުވުމުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނި މީޑިއާނެޓުގެ ޚިދުމަތް މުޅި ދުނިޔެއަށް ފުޅާކޮށްފިއެވެ.

އަވަށްޓެރި ގައުމުތަކުގަޔާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަޒަންވެރިވެ އަދި މަތީ ތަޢުލީމު ޙާސިލްކުރުންފަދަ ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާއިރު އެ ފަރާތްތަކަށް މިއީ އުފާވެރި ޚަބަރަކަށްވާނެކަން މީޑިއާނެޓުން ވަނީ ފާހަގަކޮށްފައެވެ. މިފަރާތްތަކަށް ދިވެހި ޗެނަލްތަކުން ދައްކަމުންދާ ތަފާތު ރަހަތަކުގެ މުނިފޫހިފިލުވުމުގެ ޕްރޮގްރާމާއި ރާއްޖޭގެ އެކިކަންކޮޅުތަކުގެ ޚަބަރު ޕްރޮގްރާމްތައް ފަސޭހަކަމާއެކު މި ޚިދުމަތް ބޭނުންކޮށްގެން ބެލޭނެއެވެ.

މީޑިއާނެޓުން ވަނީ ރާއްޖެއިން ބޭރު ގައުމުތަކަށް ޚާއްސަ 2 ޚިދުމަތެއް ތަޢާރަފްކޮށްފައެވެ. އެއީ:

  • އެމް އެސް ލައިޓް ގްލޯބަލް

އެމް އެސް ލައިޓް ގްލޯބަލް މެދުވެރިކޮށް ސީދާ ޓީވީ އިން ޗެނަލްތައް ވަގުތުން ބެލޭނެއެވެ. މިކަމަށް ހަމައެކަނި ބޭނުންވާނީ އިންޓަރނެޓް ކަނެކްޝަނެކެވެ.

މި ޚިދުމަތުގައި ހިމެނޭ ޕެކޭޖުގެ އަގަކީ މަހަކަށް 199 ރުފިޔާ އެވެ. އަދި 12 މަހުގެ ޕްލޭނެއް ނަގާކަމުގައި ވަނީ ނަމަ ޖުމްލަ 1200 ރުފިޔާ, އެއީ މަހަކަށް އެންމެ 100 ރުފިޔާއެވެ. މީގެން ކޮންމެ ޕެކޭޖަކާއެކުވެސް މީޑިއާނެޓުގެ ވީޑިއޯކްލަބް ކޮންޓެންޓްވެސް ފެންނާނެއެވެ.

  • އެމް އެސް ޑިޖިޓަލް ގްލޯބަލް

މީޑިއާނެޓު ޑިޖިޓަލް ގްލޯބަލް ޚިދުމަތާއެކު ކޮންމެ ވަގުތަކު ކޮންމެ ތާކުހުރެވެސް މޮބައިލް ފޯނު އެޕްލިކޭޝަން މެދުވެރިކޮށް ދިވެހި ޗެނަލްތަކާއި ވީޑިއޯކްލަބް ކޮންޓެންޓް ބެލޭނެއެވެ.

މި ޚިދުމަތުގައި ހިމެނޭ ޕެކޭޖުގެ އަގަކީ މަހަކަށް އެންމެ 74 ރުފިޔާއެވެ. އަދި 12 މަހުގެ ޕްލޭނެއް ނަގާކަމުގައި ވަނީ ނަމަ ޖުމްލަ 600 ރުފިޔާ, އެއީ މަހަކަށް އެންމެ 50 ރުފިޔާއެވެ. މީގެން ކޮންމެ ޕެކޭޖަކާއެކުވެސް މީޑިއާނެޓުގެ ވީޑިއޯކްލަބް ކޮންޓެންޓްވެސް ފެންނާނެއެވެ.

މި ދެ ޚިދުމަތުގައިވެސް ތަފާތު ފީޗަރ ތަކެއް ހިމެނިފައިވާއިރު، އެގޮތުން ކެޗަޕް ފީޗަރ މެދުވެރިކޮށް ފާއިތުވި 04 ދުވަހު ޗެނަލްތަކުން ވަގުތުން ދެއްކި ޕްރޮގްރާމްތައް އަލުން ބެލޭނެއެވެ. މީގެ އިތުރުން ވަގުތުން ދައްކަމުންދާ ޕްރޮގްރާމްތައް ޕޯސް ކޮށް، ރިވައިންޑްކޮށް އަދި ކުރިއަށް އަންނަން ހުރި ޝައުގުވެރި ޕްރޮގްރާމްތައް އީޕީޖީ މެދުވެރިކޮށް ބަލާލާ, ރިމައިންޑަރ ވެސް ސެޓްކޮށްލެވޭނެއެވެ.

މި ޚިދުމަތްތަކަށް ރަޖިސްޓަރ ކުރުމަށް މީޑިއާނެޓުގެ ރަޖިސްޓްރޭޝަން ޕޯރޓަލްއަށް އިން މައުލޫމާތު ފުރިހަމަކުރުމުން ލޮގިން ޑީޓެއިލްސް އީމެއިލް މެދުވެރިކޮށް ކަސްޓަމަރަށް ލިބޭނެއެވެ.

ޕެކޭޖަށް ފައިސާ ދެއްކުމަށާއި ވައުޗަރ ގަތުމަށް މީޑިއާނެޓުގެ ކުއިކްޕޭ ޕޭމަންޓް ޕޯރޓަލް ބޭނުން ކުރެވޭނެއެވެ.

ދިވެހިރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާ އިތުރަށް ފުޅާވެ ދިވެހިރާއްޖޭގައި ހިނގަމުންދާ ކަންކަމާއި ޙަރަކާތްތަކުގެ މައުލޫމާތު ގައުމުން ބޭރުގައި ތިބި ފަރާތްތަކަށް ފަސޭހަކަމާއެކު ބެލޭނެގޮތް މި ޚިދުމަތާއި އެކު މަގުފަހިވެގެންދާނެއެވެ.

މީޑިއާނެޓުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ދިވެހިންނަށް މުނިފޫހިފިލުމުގެ އިތުރު ލުއިފަސޭހަ ގޮތްތައް ފޯރުކޮށްދިނުމަށްކަމަށް އެކުންފުނިން ބުނެއެވެ.