ގައުމީ އެއާލައިން މޯލްޑިވިއަންއިން މުޅިން އަލަށް އިންޑިއާގެ ބެންގަލޫރަށް ދަތުރު ފެށުމަށް ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ ބެންގަލޫރަށް ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.

އޮކްޓޫބަރުމަހު މޯލްޑިވިއަންގެ ދަތުރުތައް ބެންގަލޫރަށް ފަށާއިރު ހަފްތާއަކު ދެ ދަތުރު ބާއްވާނެއެވެ. އެއީ ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހުއެވެ.

އެ އާލައިނުން ބުނިގޮތުގައި، ބެންގަލޫރަށް ދަތުރު ފަށަން ނިންމީ އިންޓަނޭޝަނަލް މަންޒިލްތަކަށް ކުރާ ދަތުރު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ.

މޯލްޑިވިއަނުން ބެންގަލޫރަށް ކުރާ ދަތުރުތަކުގެ ޓިކެޓު މިއަދުން ފެށިގެން ބުކްކުރެވޭނެ ކަމަށް އެ އެއާލައިނުން ބުނާއިރު، ބެންގަލޫރަކީ ދިވެހިން ބޭސްފަރުވާއާއި އަދި އެހެނިހެންވެސް ބޭނުންތަކަށް ވަރަށް ގިނައިން ދަތުރުކުރާ މަންޒިލެކެވެ.

އެ އެއާލައިނުން އަލަށް ފަށަން ތައްޔާރުވާ ދަތުރުތަކާއިއެކު ބެންގަލޫރާއި ރާއްޖެއާއި ދެމެދު ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އިިތުރު ލުއިފަސޭހަތަކެއް ލިބެންދާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.

އިންޑިއާއަކީ މިހާރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމު ކަމަށްވާއިރު، މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން ރާއްޖެއަށް 123،151 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މޯލްޑިވިއަނުން ބައިނަލްއަޤްވާމީ ދަތުރުތައް މިހާރު ކުރަމުންދަނީ އިންޑިއާގެ ޓްރިވެންޑްރަމާއި، ކޮޗިންގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށެވެ.