ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް އިއްވި 3 އަހަރުގެ ޖަލު ހުކުމުގެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް ޕާކިސްތާނުގައި ހައި ކޯޓުގައި އަންނަ ހަފްތާއަށް ތާވަލްކޮށްފިއެވެ.

އިމްރާން ޚާން މިމަހުގެ ތެރޭގައި ތިން އަހަރަށް ޖަލަށް ލާފައިވަނީ ކޮރަޕްޝަންގެ ކުށް ސާބިތުވެގެންނެވެ.

ތިން އަހަރަށް ޖަލަށްލުމުގެ އިތުރުން، ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުންވެސް 5 އަހަރަށް މަނާކޮށްފައި ވެއެވެ.

ނަތީޖާއެއްގެގޮތުން މިއަހަރު ޕާކިސްތާނުގައި ބާއްވާ އާންމު އިންތިޚާބުގައި އިމްރާން ޚާއަށް ވާދައެއް ނުކުރެއްވޭނެއެވެ.

އިމްރާން ޚާންއާއި އޭނާގެ އާއިލާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ، އިމްރާން ޚާން 2018 އިން 2022 އަށް ބޮޑުވަޒީރުކަމުގައި ހުންނެވިއިރު ލިބިވަޑައިގެންނެވި ހަދިޔާތައް ގާނޫނާ ޚިލާފަށް ވިއްކަވާލެއްވިކަމުގެ ކުށެވެ. އެތަކެތި ބެލެވިފައިވަނީ ދައުލަތުގެ މުދަލުގެ ގޮތުގައެވެ.

މިއާ ގުޅުވައި، އިމްރާން ޚާންގެ މައްޗަށް ކޮރަޕްޝާންގެ ކުށް ސާބިތުވާ ކަމަށް ކޯޓުން ނިންމި ނަމަވެސް، އެ ދައުވާތަކަށް އިމްރާން ޚާން އިންކާރު ކުރައްވައެވެ.

އަދި ތުހުމަތު ކުރައްވާފައިވަނީ، މިކަމަކީ، އިންތިޚާބުގައި ވާދަކުރިޔަ ނުދިނުމަށް އިދިކޮޅު ވާދަވެރިން ރާވައިގެން ހިންގި ޖަރީމާއެއްގެ ގޮތުގައެވެ.

އިމްރާން ޚާންގެ ގާނޫނީ ވަކީލު ނައީމް ޕަންޖުތާ ވިދާޅުވީ، އިސްތިއުނާފީ އަޑުއެހުން އޮގަސްޓް 22 އަށް ތާވަލް ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އިމްރާން ޚާންގެ މައްޗަށް އިއްވާފައިވާ ޖަލުހުމުގެ އިސްތިއުނާފީ މަރްހަލާ ނިމެންދެން، ހައި ކޯޓުން ބެއިލްގެ ދަށުން އިމްރާން ޚާން މިނިވަންކޮށް ދޫކޮށްލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޕާކިސްތާނުގެ ޕާލަމެންޓުން މިދިޔަ އަހަރު އިތުބާރުނެތް ކަމުގެ ވޯޓުނަގައި އޭނާ މަގާމުން ދުރުކުރިފަހުން ޕާކިސްތާނަށް ސިޔާސީ ހަމަޖެހުމެއް ނާދެއެވެ.

އިމްރާން ޚާން ތުހުމަތު ކުރައްވާފައިވަނީ، އޭނާ މަގާމުން ދުރުކުރުމުގެ އަޑީގައި ތިބީ އެމެރިކާއާއި، ޕާކިސްތާނުގެ ނުފޫޒުގަދަ އަސްކަރިއްޔާ ކަމަށެވެ.