ޔުނިވާރސަލް ފައުންޑޭޝަނުން ސްޕޮންސަރ ކޮށްގެން ވިލާ ކޮލެޖާ ގުޅިގެން ހިންގާ ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމްގެ ފަސްވަނަ ބެޗުގެ ކިޔެވުމާއި ތަމްރީނުތައް ފަށައިފިއެވެ.
މި ޕްރޮގުރާމަކީ 2017 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ދިވެހި ޒުވާނުން ތަމްރީނުކޮށް، މިދާއިރާގައި ކުރިއަށް ދިއުމަށް އެފަދަ ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށް ދިނުމެވެ.
މިހާތަނަށް ޖުމުލަ 103 ދިވެހި ޒުވާނުން މިޕްރޮގްރާމުގެ ތެރެއިން ތަމްރީނުވެ، ވިލާކޮލެޖުގެ ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ ސެޓްފިކެޓް ވަނީ ޙާޞިލުކޮށްފައެވެ.
މި ކޯސް ނިންމި ދަރިވަރުންގެ ތެރެއިން 80 ޕަސަންޓަށްވުރެ ގިނަ ކުދިން ތިބީ އެކިއެކި ވަޒީފާތަކުގައެވެ. މީގެތެރެއިން ގިނަކުދިން މަސައްކަތްކުރަމުން ދަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. މި ކޯސްތަކުގައި ރާއްޖޭގެ އެކި ރަށްރަށުން އަންހެން އަދި ފިރިހެން ކުދިން ބައިވެރިވަމުންދާކަން ފާހަގަކުރެވެއެވެ.
މިޕްރޮގްރާމުގެ ދަށުން ހިންގާ ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ ކޯހަކީ 4 މަސްދުވަހުގެ މުއްދަތަށް ހިންގާ ކޯހެކެވެ. މި ކޯހުގެ ތިއަރީ ކްލާސްތައް ހިންގަނީ މާލޭގައި ހުންނަ ވިލާކޮލެޖުގެ ޤާސިމް އިބްރާހީމް ކެމްޕަސްގައެވެ. އަމަލީ ތަޖުރިބާ ހޯދަނީ ޔުނިވާސަލްގެ ރިސޯޓުތަކުގައެވެ. މި ކޯހުގައި ދަރިވަރުން ތަމްރީނު ހޯދާނީ ފްރޮންޓް އޮފީސް، ހައުސް ކީޕިން އަދި ފުޑް އެންޑް ބެވަރޭޖް ސާވިސަސް ޑިޕާޓްމަންޓުތަކުގައެވެ. ކޯހުގެ މުއްދަތުގައި މަހަކު 3000 ރުފިޔާގެ އެލަވަންސެއް އެކުއްޖަކު ތަމްރީނު ހޯދަމުންދާ ރިސޯޓުން ލިބޭނެއެވެ.
ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމުގެ 4 ވަނަ ބެޗްގައި ތަމްރީނުވި 37 ދަރިވަރުުންނަށް ސެޓްފިކެޓް ދިނުމާއި 5 ވަނަ ބެޗުގެ ދަރިވަރުުންގެ ކިޔެވުމާއި ތަމްރީނުތައް ފެށުމުގެ ރަސްމިއްޔާތު، 15 އޮގަސްޓް 2023 ވީ އަންގާރަ ދުވަހުގެ ހަވީރު މެންހަޓަން ބިޒްނަސް ހޮޓަލުގައި ވަނީ ބާއްވާފައެވެ.
މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ފަތުރުވެރިކަމާބެހޭ ވަޒީރު، ޑރ. އަބުދުﷲ މައުޞޫމްއެވެ. މި ރަސްމިއްޔާތުގައި ޔުނިވާރސަލް އެންޓަރޕްރައިސަސްގެ ޗެއަރމަން މުޙައްމަދު އުމަރު މަނިކު، ވިލާކޮލެޖުގެ ރެކްޓަރ ޑޮކްޓަރ އަޙުމަދު އަންވަރުގެ އިތުރުން ޔުނިވާރސަލް އެންޓަރޕްރައިސަސްގެ އިސްވެރިންނާއި، ޔުނިވާރސަލް ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި ވިލާކޮލެޖުގެ އިސްވެރިން އަދި ބައިވެރިންގެ ބެލެނިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ޔުނިވާރސަލް އެންޓަރޕްރައިސަސްގެ ޗެއަރމަން މުޙައްމަދު އުމަރު މަނިކު ވިދާޅުވީ، ޔުނިވާރސަލް ފައުންޑޭޝަނާ ވިލާކޮލެޖު ގުޅިގެން މިޕްރޮގްރާމް ހިންގޭ މޮޑެލްއަކީ ވަރަށް ކާމިޔާބު މޮޑެލްއެއް ކަމަށެވެ. އަދި މި ޕްރޮގްރާމުން ޙާޞިލުކުރަން ބޭނުންވާ އެންމެ މުހިއްމު ކަމަކީ، ތަމްރީނަށްފަހު ފަތުރުވެރިކަމުގެ ދާއިރާގައި ވީހާވެސް ގިނަކުދިން ވަޒީފާއަދާކުރުން ކަމުގައިވެސް ޗެއަރމަންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ހަފްލާގެ ބައިވެރިންނާ މުޚާތަބުކުރައްވާ މިނިސްޓަރ މައުޞޫމް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގެ މަތީފަންތީގެ މަޤާމުތަކުގައި ދިވެހިން ގިނައަދަދަކަށް ފެނިގެން ދިއުމަކީ ސަރުކާރުގެ ވަރަށް ބޮޑު އުއްމީދެއްކަމުގައެވެ. މިގޮތުުން ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމަކީ މިކަން ކާމިޔާބުކުރުމަށް އަދުގެ ޒުވާނުންނަށް ފަހިކޮށްދެވިފައިވާ ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށާއި، މިކުދިން ކުރިމަގުގައި މިދާއިރާގެ މަތީ މަޤާމުތަކުން ފެނިގެންދިއުމަށް އުއްމީދު ކުރައްވާކަމަށެވެ.
ޔުނިވާރސަލް ފައުންޑޭޝަނަކީ، ޔުނިވާރސަލް އެންޓަރޕްރައިސަސް އިން ފަންޑުކޮށްގެން ހިންގާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ.
ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމުގެ އިތުރުންވެސް އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ގިނަ ސުކޮލާރޝިޕްތަކެއް އަންނަނީ ދެމުންނެވެ. މިހާތަނަށް ސަތޭކައަށްވުރެ ގިނަ މިފަދަ ސްކޮލާރޝިޕް ވަނީދީފައެވެ.
މިގޮތުން ޚާއްޞަކޮށް މެޑިކަލް ދާއިރާއިން ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށްދެވޭ ސްކޮލާޝިޕްތައް ފާހަގަކުރެވެއެވެ. މިހާތަނަށް 51 ޑޮކްޓަރަކު ވަނީ ޔުނިވާސަލް ފައުންޑޭޝަންގެ ސްކޮލާރޝިޕްގެ ދަށުން ކިޔެވުން ފުރިހަމަކޮށްފައެވެ.