ބޭންކް އޮފް މޯލްޑިވްސްގެ ޕްރައިމެރީ އެކައުންޓް ރުފިޔާ އެކައުންޓާއި ލިންކުކޮށްފައިވާ އެމެރިކަން އެކްސްޕްރެސް ޑެބިޑް ކާޑު މިހާރު ރާއްޖޭން ބޭރުގައި ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ބީއެމްއެލްގެ އެމެކްސް ޑެބިޓް ކާޑު، ރުފިޔާ އެކައުންޓާއި ލިންކުކޮށްގެން ރާއްޖޭން ބޭރުގައި ބޭނުންކުރެވޭ ގޮތައް މިހާރު ހަމަޖައްސާފައިވާއިރު، މިދިޔަ އަހަރުގެ އޮގަސްޓް މަހު، ބީއެމްއެލްއިން ވަނީ، އެމެކްސް ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް، ޔޫއެސް ޑޮލަރު އެކައުންޓާއި ލިންކު ކުރުމުން 3،000 ޑޮލަރާ ހަމަޔަށް ރާއްޖޭން ބޭރުގައި ބޭނުންކުރެވޭގޮތަށް ހަމަޖައްސާފައެވެ. އޭގެ ކުރިން، ބީއެމްއެލްއިން ދޫކުރާ އެމެކްސް ޑެބިޓް ކާޑު ބޭނުންކުރެވެނީ ހަމައެކަނި ރާއްޖޭގައެވެ.

ބީއެމްއެލްގެ ޕްރައިމެރީ އެކައުންޓް ރުފިޔާ އެކައުންޓާއި ލިންކުކޮށްފައިވާ އެމެރިކަން އެކްސްޕްރެސް ޑެބިޑް ކާޑު މިހާރު ރާއްޖޭން ބޭރުގައި ބޭނުންކުރެވޭ ގޮތަށް ހެދި ނަމަވެސް، އެހެން ކާޑުތަކެކޭ އެއްގޮތަށް އެމެކްސް ޑެބިޓް ކާޑުން ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރެވޭނީ 250 ޑޮލަރާ ހަމައަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މިހާރުވެސް ބީއެމްއެލްއިން ދޫކުރާ ވިސާ އާއި މާސްޓާ ޑެބިޓް ކާޑްތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރެވެއެވެ. އަދި ހުރިހާ ބާވަތެއްގެ ކްރެޑިޓް ކާޑްތަކުން ވެސް 750 ޑޮލަރާ ހަމައަށް ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރެވެއެވެ.