ސިންގަޕޫރުގެ ރައީސްކަމަށް ވާދަކުރައްވަން 3 ބޭފުޅަކު ކޮލިފައިވެއްޖެއެވެ.
ސިންގަޕޫރުގެ އިލެކްޝަންސް ޑިޕާޓްމަންޓުން، ކޮލިފައިވާ ކަމަށް މިއަދު އިއުލާންކުރި 3 ބޭފުޅުންނަކީ، ތާރމަން ޝަންމުގަރަތުނަމްއާއި، އެންގް ކޮކް ސޮންގާއި، ތަން ކިން ލިއަންއެވެ.
ރައީސްކަމަށް ވާދަކުރައްވަން އެޕްލިކޭޝަން ހުށަހަޅުއްވައި، ކޮލިފައި ނުވާކަމަށް އިލެކްޝަންސް ޑިޕާޓްމަންޓުން ކަނޑައެޅީ ޖޯޖް ގޯ ނަމަކަށްކިޔާ ބޭފުޅެކެވެ.
ސިންގަޕޫރުގެ ރައީސްކަމަށް ވާދަކުރެއްވެނީ، އިންތިޚާބުގައި ވާދަކުރައްވަން ހުށަހަޅުއްވައި، ސިންގަޕޫރުގެ އިލެކްޝަންސް ޑިޕާޓްމަންޓުން "ސެޓްފިކޭޓް އޮފް އެލިޖިބިލިޓީ" ލިބިވަޑައިގަންނަވާ ބޭފުޅުންނަށެވެ.
އެ ސެޓްފިކެޓް ލިބިވަޑައިގަތުމަކީ، ވަކިފަރާތަކަށް ޖެހިވަޑައިނުގަތުމާއި، ރަނގަޅު ޝަޚްސިއްޔަތެއްގެވެރި، ފަސްބައިގައި ކިލަނބުކަމެއްނެތް އަދި ގައުމަށް ޚިދުމަތް ކުރެއްވުމުގެ ރިކުއައިރްމަންޓް ފުރިހަމަވެ ރައީސްކަމުގެ މަގާމަށް ވާދަކުރެއްވުމުގެ ޝަރުތު ފުރިހަމަވުމެވެ.
ތާރމަން ޝަންމުގަރަތުނަމްއާއި، އެންގް ކޮކް ސޮންގާއި، ތަން ކިން ލިއަންއަށް ދެންއޮތް މަރްހަލާއަކީ ކެންޑިޑޭޓުންގެ ގޮތުގައި އެ ބޭފުޅުން ރަސްމީގޮތުން ނޮމިނޭޓްކުރުމުގެ މަރްހަލާއެވެ.
ރައީސްކަމަށް ވާދަކުރައްވަން، އެކަމުގެ ލިޔެކިއުންތައް ހުށަހަޅަންޖެހެނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެއް ކެންޑިޑޭޓަށްވުރެ ގިނަ ކެންޑިޑޭޓުން ނޮމިނޭޓްވެއްޖެނަމަ ސެޕްޓެމްބަރު 1 ގައި އާންމު ވޯޓަކަށް ދާނެއެވެ.
ރައީސްކަމުގެ އިންތިޚާބުގައި ވާދަކުރައްވަން 3 ބޭފުޅަކު ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައެޅިއިރު، ރައީސްކަމުގެ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ބޭފުޅަކީ ސިންގަޕޫރު ސަރުކާރުގެ ސީނިއަރ މިނިސްޓަރުކަން ކުރައްވާފައިވާ، އުމުރުފުޅުން 66 އަހަރުގެ ތާރމަން ޝަންމުގަރަތުނަމް ކަމަށް މީޑިއާއިން ރިޕޯޓްކުރެއެވެ.
22 އަހަރު ސިންގަޕޫރުގެ ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވާފައިވާ ތާރމަން ޝަންމުގަރަތުނަމްއަކީ ސިންގަޕޫރު ރައްޔިތުންގެ މެދުގައި ވަރަށް މަގްބޫލް ބޭފުޅެކެވެ.
ތާރމަން ޝަންމުގަރަތުނަމް، ސިންގަޕޫރުގެ ސީނިއަރ މިނިސްޓަރ އަދި ކޯޑިނޭޓިންގ މިނިސްޓަރ ފޮރ ސޯޝަލް ޕޮލިސީސް އަދި ޕާލަމެންޓް މެމްބަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ މިއަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.
ތާރމަން ޝަންމުގަރަތުނަމްއަކީ އިކޮނޮމިސްޓެކެވެ. އޭނާ ސިވިލް ސާވަންޓެއްގެގޮތުގައި ގިނަދުވަހު ޚިދުމަތް ކުރެއްވީ މަނިޓަރީ އޮތޯރިޓީ އޮފް ސިންގަޕޫރުގައެވެ. އޭނާ ސިޔާސީ މައިދާނަށް ނުކުމެވަޑައި ގެންނެވީ 2001 ވަނަ އަހަރުއެވެ.
އޭނާވަނީ، ސިންގަޕޫރު ސަރުކާރުގެ މިނިސްޓަރ އޮފް އެޑިއުކޭޝަންގެ މަގާމާއި، މިނިސްޓަރ އޮފް ފައިނޭންސް އަދި 2011 އިން 2019 އަށް ޑެޕިއުޓީ ޕްރައިމް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.
މީގެއިތުރުން، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑާއި، ވޯރލްޑް އިކޮނޮމިކް ފޯރަމާއި، އދގައިވެސް އޭނާ ޚިދުމަތް ކުރައްވާފައި ވެއެވެ.
ސިންގަޕޫރުގެ ރައީސްކަމަށް ބޭފުޅަކު އިންތިޚާބުކުރަން މި އުޅެނީ ރައީސްކަމުގައި މިހާރު ހުންނެވި ހަލީމާ ޔައުގޫބުގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ.
ހަލީމާ ޔައުގޫބް ސިންގަޕޫރުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 14 ވަނަ ދުވަހުއެވެ.
ހަލީމާ ޔައުގޫބަކީ ސިންގަޕޫރުގެ ފުރަތަމަ އަންހެން ރައީސާއެވެ.
ސިންގަޕޫރުގެ ރައީސާކަމުގެ މަގާމާ ހަވާލުވެވަޑައި ގަތުމުގެކުރިން ހަލީމާ ޔައުގޫބް ހުންނެވީ ސިންގަޕޫރު ޕާލަމެންޓުގެ ރައީސާގެ މަގާމުގައެވެ. 2001 އިން 2017 އަށް އެކަމަނާއަކީ ސިންގަޕޫރު ޕާލަމެންޓް މެމްބަރެކެވެ.