ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރަ މިމަހުގެ 22 ވަނަ ދުވަހު އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް، އޭނާގެ ހަގު ދަރިކަނބަލުން ޕެއިތޮންގތާރން ޝިނަވަޓްރަ ވިދާޅުވެއްޖެއެވެ.
އުމުރުފުޅުން މިހާރު 74 އަހަރުގެ ބިލިނަރ ތަކްސިން ބޮޑުވަޒީރުކަމުން ދުކުރީ، 2006 ވަނަ އަހަރު އަސްކަރީން ގެނައި އިންގިލާބެއްގައެވެ.
އޭނާ އަމިއްލަފުޅަށް އަރުވާލެވިގެން ގައުމުން ބޭރުގައި ދިރިއުޅުއްވާތާ 15 އަހަރު ވެއްޖެއެވެ. 2008 ގެ ފަހުން ތަކްސިން ދިރިއުޅުއްވަމުން ގެންދެވީ ދުބާއީގައެވެ.
އޭނާ ގައުމަށް ވަޑައިނުގެން ހުންނަވަނީ، އޭނާގެ މައްޗަށް ޖިނާއީ ހަތަރު ކުށެއް ސާބިތުކޮށް، ޣައިރުހާޟިރުގައި އިއްވާފައިވާ ހުކުމްތަކާ ގުޅިގެންނެވެ. އެ ދައުވާތަކަކީ ސިޔާސީ މަގްސަދެއްގައި ކޮށްފައިވާ ދައުވާތަކެއް ކަމަށް ތަކްސިން ޝިނަވަޓްރަ ވިދާޅުވަމުން ގެންދަވައެވެ.
އެހެން ނަމަވެސް، މިފަހަރު އެނބުރި ގައުމަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ، ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރަ ގައުމަށް ވަޑައިގަތުމާއެކު، ކޯޓަށް ހާޟިރުކުރަން ހައްޔަރުކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
ތަކްސިންގެ ދަރިކަނބަލުން ޕެއިތޮންގތާރން އިންސްޓަގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޮގަސްޓްމަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 9 ޖަހާއިރު، ޑޮން މުއަންގް އެއަރޕޯޓުން ބައްޕާފުޅު ޕިކް ކުރައްވާނެ ކަމަށެވެ.
ޕެއިތޮންގތާރން ޝިނަވަޓްރައަކީ، ފެއު ތައި ޕާޓީން ބޮޑުވަޒީރު ކަމަށް ވަޑައިގެންފާނެ ކަމަށް ބެލެވޭ އެއް ކެންޑިޑޭޓެވެ. ފެއު ތައި ޕާޓީއަކީ ތަކްސިން ޝިނަވަޓްރައާ ގުޅިފައިވާ ޕާޓީއެކެވެ.
ތަކްސިން ޝިނަވަޓްރަ އެނބުރި ގައުމަށް ވަޑައިގަންނަވާ ދުވަހުގެ މެންދުރުފަހު ތައިލެންޑްގެ ޕާލަމެންޓުން ބޮޑުވަޒީރުކަމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ވޯޓު ނަގަންވެސް އޮތީ ތާވަލްކޮށްފައެވެ.
ފެއު ތައި ޕާޓީން ބޮޑުވަޒީރުކަމަށް މިހާރު ހުށަހަޅާފައިވަނީ ވިޔަފާރިވެރިޔާ އަދި ޕެއު ތައި ޕާޓީގެ މެމްބަރު ސްރެތާ ތަވިސިންއެވެ.
ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް ތައިލެންޑްގެ ޕާލަމެންޓްގެ ދަށުގޭގައި ހިމެނޭ 500 މެމްބަރުންނާއި، މަތިގޭގައި ހިމެނޭ 250 މެމްބަރުންގެ އަޣުލަބިއްޔަތު ވޯޓު ބޭނުންވާނެއެވެ.
މިއަހަރުގެ މެއިމަހުގެ 14 ވަނަ ދުވަހު ތައިލެންޑްގައި ބޭއްވި އާންމު އިންތިޚާބުގައި ބޮޑެތި ދުވަސްވީ ޕާޓީތައް ބަލިކޮށް، އިންތިޚާބުން އެންމެ ގިނަ ގޮނޑި ނެގީ، އިދިކޮޅު ލީޑަރު ޕީތާ ލިމްޖަރޮއެންރާތުގެ މޫވް ފޯވަރޑް ޕާޓީންނެވެ. ދެވަނައަށް އެންމެ ގިނަ ގޮނޑި ނެތީ ފެއު ތައި ޕާޓީއެވެ.
ފެއު ތައި ޕާޓީ ހިމެނޭގޮތުން އިތުރު 7 ޕާޓީއާ ކޯލިޝަން ހަދައިގެން މޫވް ފޯވަރޑް ޕާޓީން ޕާލަމެންޓުގެ އަޣުލަބިއްޔަތު ނެގި ނަމަވެސް، ޕާލަމެންޓުގެ ދެގޭގެ އަޣުލަބިއްޔަތު ނުލިބުމުން ޕިތާއަށް ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތުވަނީ ގެއްލިފައެވެ.
އެހެންވެ، މޫވް ފޯވަރޑް ޕާޓީ ނުލައި، ސަރުކާރެއް އެކުލަވާލުވުމުގެ ފުރުސަތު މިހާރުއޮތީ ފެއު ތައި ޕާޓީއަށް ލިބިފައެވެ. ފެއު ތައި ޕާޓީވަނީ އިތުރު 8 ޕާޓީއާ ކޯލިޝަން ހަދާފައެވެ.