ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް ޤާސިމް އިބްރާހީމްގެ ވެރިކަމެއްގައި، ރޭސް ޖަހަން ބޭނުންވާ ފަރާތްތައް މަގުމަތިވެފައި ތިބެން ނުޖެހޭނެ ކަމަށާއި، އެ ފަރާތްތަކަށް ރޭސް ޓްރެކު އަޅައިދޭނެކަމަށް، ގާސިމްގެ އިންތިހާބީ އެޖެންޓް އަލީ ވަހީދު ވިދާޅުވެއްޖެއެެވެ.
ޒުވާނުންނާއި ކުޅިވަރު އާއިލާއާ އަބަދުވެސް ގާތްގުޅުމެއް ބާއްވަމުން ގެންދަވާ އަލީ ވަހީދު މިފަދައިން ވިދާޅުވީ، ށ. މިލަންދޫގައި ބޭއްވި ޖޭޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކުޅިވަރެއްގެ ގޮތުގައި މުޅި ދުނިޔޭގައި ވެސް އެތައް ބައެއްގެ މެދުގައި މަގުބޫލު މޮޓޯ ރޭސިންގަށް ޝައުގުވެރިވާ ނުވަތަ އެ ކުޅިވަރުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ރާއްޖޭގައި އެކަން ކުރެވޭނެ އެކަށީގެންވާ ވަސީލަތްތަކެއް ނެތެވެ. އެކިފަހަރުމަތިން މި ސަރުކާރުން ވަނީ ރޭސް ޖަހަން ބޭނުންވާ ފަރާތްތަކަށް، ވަކިން ރޭސިންގ ޓްރެކެއް އަޅައިދޭނެކަމުގެ ވައުދުވެފައެވެ.
އެހެންނަމަވެސް އެފަދަ ދާއިމީ ޓްރެކެއް މިއަދާ ހަމައަށް އައި އިރުވެސް ލިބިފައިނުވާއިރު، އެކަމުގެ ކަންބޮޑުވުން އެފަރާތްތަކުން އަންނަނީ ފާޅުކުރަމުންނެވެ.
ރޭސް ޓްރެކެއް ނެތުުމުގެ ސަބަބުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އޮތް ހަމައެކަނި ފުރުސަތަކީ، ހަފްތާ ބަންދުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން ހުސް މަގެއްގައި ރޭސް ޖެހުމެވެ. ނުވަތަ އެފަދަ މުބާރާތެއް އިންތިޒާމުކޮށް، މަގުތައް ބަންދުކޮށްގެން އެކަން ކުރުމެވެ.
ރޭސް ޓްރެކެއް ގުޅީފަޅުގައި އަޅާނެކަމަށް ކުޅިވަރާބެހޭ ވަޒީރު މީގެކުރިން އެތައް ފަހަރުމަތިން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް މިއަދާ ޖެހެންދެން ވެސް އެކަން ކުރެވިފައެއް ނުވެއެވެ.
ރޭސް ޖަހަން ޝައުގުވެރިވާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނީ ޤާސިމް ކަން ފާހަގަކުރައްވައި އަލީ ވަހީދު ވިދާޅުވީ، "މަގު ކަންމަތީގައި ރޭސް ޖަހައި މީހެއްގެ ގައިގައި ޖެހި އަނިޔާވާގޮތަށް" އެކަން ކުރަން ނުޖެހޭނެ ކަމަށާއި، ޤާސިމްގެ ވެރިކަމެއްގައި މި ގައުމުގައި ރޭސް ޓްރެކެއް އަޅާނެކަމަށެވެ.
އީ ގޭމިންގ އަކީ ރާއްޖޭގައި މިހާރު ކުރިއަރަމުން އަންނަ ކުޅިވަރެއްކަން ފާހަގަކުރައްވައި އަލީ ވިދާޅުވީ، ޤާސިމްގެ ވެރިކަމެއްގައި އީ ގޭމިންގ ސްޕޯޓްސްމަނުންނަށް ގައުމީ ހައިސިއްޔަތު ހޯދައިދޭނެ ކަމަށެވެ.
މައިގަނޑު 15 އަސާސެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޤާސިމް އިބްރާހީމްގެ ރިޔާސީ މެނިފެސްޓޯގައި ކުޅިވަރުތަކާއި އެތުލީޓުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ހިމަނާފައިވެއެވެ.
އީ ގޭމިންގް ސްޕޯޓްސްމަނުންނަށް ގައުމީ ހައިސިއްޔަތު، ޤާސިމްގެ ވެރިކަމެއްގައި ހޯދައިދެއްވާނެކަމަށް އަލީ ވަހީދު ވިދާޅުވިއިރު، ގައުމީ ހައިސިއްޔަތު ލިބިފައިވާ ކުޅިވަރު އެސޯސިއޭޝަން ތަކުގެ އެތުލީޓުން އިންޝުއަރ ކުރުމަށް ވެސް މެނިފެސްޓޯގައި ވެއެވެ. އަދި ރަސްމީ ހުރިހައި ކުޅިވަރު އެސޯސިއޭޝަންތަކަށް ބިން މިލްކްވެރިކޮށް، ދާއިމީ ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެކަމަށް ވެސް މި މެނިފެސްޓޯގައި ވާއިރު، ކުޅިވަރު ވަސީލަތްތަކާއި އިންފްރާސްޓްރަކްޗަރ ގާއިމްކޮށްދިނުމަކީ ވެސް ޤާސިމް އިބްރާހީމްގެ ރިޔާސީ ވައުދުފުޅެކެވެ.