އިމްޕޯޓް އެކްސްޕޯޓުން މިދިޔަ ޖުލައި މަހު ދައުލަަތަށް 361 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން، ފާއިތުވި ޖުލައި މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2022 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 12 އިންސައްތަ ވަނީ އިތުރުވެފައެވެ. އެގޮތުން، 2022 ވަނަ އަހަރުގެ ޖުލައި މަހު ދިވެހި ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި ޢަދަދުވަނީ 4.7 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
މީގެއިތުރުން، ފާއިތުވި ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 15 އިންސައްތަ އިތުރުވެފައިވާ ކަމަށް ކަސްޓަމްސުން ބުނެއެވެ. އެގޮތުން، 2022 ވަނަ އަހަރުގެ ޖުލައި މަހު 315 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި ޢަދަދުވަނީ 361 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އިންޑިއާ، އޮމާން، ޗައިނާ، ޔޫ.އޭ.އީ އަދި މެލޭޝިއާއެވެ. އިންޑިއާއިން 724 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާން އިން 667 މިލިއަން ރުފިޔާގެ މުދާ، ޗައިނާއިން 610 މިލިއަން ރުފިޔާގެ މުދާ، ޔޫ.އޭ.އީއިން 521 މިލިއަން ރުފިޔާގެ މުދާ އަދި މެލޭޝިއާ އިން 406 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.
މިިދިޔަ މަހު އެންމެ ގިނައިން ރާއްޖޭން މުދާ އެކްސްޕޯޓްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ، ތައިލޭންޑް، ޖަރުމަނުވިލާތް، އިންގިރޭސިވިލާތް އަދި އެމެރިކާގެ އިތުރުން ފަރެންސޭސި ވިލާތެވެ.