ގައުމަށް ދިމާވެފައިވާ އިގްތިސާދީ ދަތިތަކާއި ހުރަސްތަކާ އެކުވެސް ސްރީލަންކާއިން ބަނގްލަދޭޝްއަށް ދައްކަންޖެހޭ 200 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދައްކައިފިއެވެ.
މި ފައިސާ ސްރީލަންކާ ސަރުކާރުން ދައްކާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ފައިސާ ޖަމާކޮށްފައިވަނީ މަރުކަޒީ ބޭންކް "ބަނގްލަދޭޝް ބޭންކް (ބީބީ)" އަށެވެ. މިކަން އެ ބޭންކްގެ ތަރުޖަމާނުވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ސްރީލަންކާ ސަރުކާރުން ބަނގްލަދޭޝްއަށް ދައްކަންޖެހޭ 200 މިލިއަން ޑޮލަރުގެ ލޯނަކީ، ކަރަންސީ ސްވޮޕް މެކޭނިޒަމެއްގެ ދަށުން ސްރީލަންކާ ސަރުކާރުން މީގެ ދެއަހަރު ކުރިން ބަނގްލަދޭޝްއިން ނެގި ލޯނެކެވެ.
އަނބުރާ ދެއްކި 50 މިލިއަން ޑޮލަރުގެ ލޯނަކީ ލޯނުގެ ފުރަތަމަ އިންސްޓޯލްމަންޓެވެ.
ބަނގްލަދޭޝް މަރުކަޒީ ބޭންކްގެ ތަރުޖަމާނު އެމްޑީ ހިޒްބުލް ހައްގު ވިދާޅުވީ، އެއްބަސްވެފައިވާ ގޮތަށް ލޯނުގެ ދެވަނަ އިންސްޓޯލްމަންޓްވެސް މިމަހުގެ ތެރޭގައި ޖަމާވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ދެވަނަ އިންސްޓޯލްމަންޓްގައި ޖަމާކުރަން ހަމަޖެހިފައިވަނީ ކިހާވަރެއް ކަމެއް ތަރުޖަމާނު ހާމައެއް ނުކުރައްވައެވެ.
ބަނގްލަދޭޝްގެ މަރުކަޒީ ބޭންކުގެ ފޮރިން ރިޒާވުން ސްރީލަންކާއަށް 200 މިލިއަން ޑޮލަރުގެ ލޯނެއް ދިނީ، ސްރީލަންކާއަށް ދިމާވި އިގްތިސާދީ ކާރިޘާއިން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުންނެވެ.
ލޯނު ދިނީ، އެއް އަހަރު ދުވަހުން އަނބުރާ ދައްކާގޮތަށެވެ. އެގޮތުން، ލޯނު އަނބުރާ ދައްކަން ދިން މުއްދަތު މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުވަނީ ހަމަވެފައެވެ.
ލޯނު އަނބުރާ ދައްކަން ދިން މުހުލަތު ދެފަހަރަށް އިތުރުކޮށް، އެންމެފަހުން ދިން މުއްދަތު މި އަހަރުގެ މާޗްމަހު ހަމަވީއިރުވެސް ލޯނު އަނބުރާ ނުދެއްކުމުން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށްވަނީ މުއްދަތު އިތުރުކޮށްދީފައެވެ.
46 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަންޏާއެކު ސްރީލަންކާ ޑިފޯލްޓަކަށް ދިޔައީ މިދިޔަ އަހަރުގެ އޭޕްރީލްމަހުއެވެ. އޭގެތެރެއިން 14 ބިލިއަން ޑޮލަރަކީ ބޭރު ގައުމުތަކުގެ ސަރުކާރުތަކަށް ދައްކަންޖެހޭ ދަރަންޏެވެ.
14 ބިލިއަން ޑޮލަރުގެ 52 އިންސައްތަ ދައްކަންޖެހެނީ ޗައިނާ ސަރުކާރަށެވެ.
ސްރީލަންކާގެ އިގްތިސާދު ފޫވެއްޓި، ކާބޯތަކެތި ހުސްވެ، ތެލާއި ބޭހަށްޖެހި، ކަރަންޓުގެ ޚިދުމަތްފަދަ އަސާސީ ޚިދުމަތްތަކުން ރައްޔިތުން މަހްރޫމްވެ، އިންފްލޭޝަން އިންތިހާއަށް މައްޗަށް ދިއުމުން، ގައުމު ސަލާމަތްކޮށްދިނީ އަވަށްޓެރި ގައުމުތަކާއި، ދުނިޔޭގެ މާލީ އިދާރާތަކުންނެވެ.
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ދިން 3 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނާއެކު، ސްރީލަންކާ މިހާރުދަނީ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅެމުންނެވެ.
އައިއެފްގެ ޝަރުތުތަކާ އެއްގޮތަށް ސަރުކާރުން ގެންދަނީ، ޓެކްސް ނެގުން އިސްލާހްކުރުމާއި، ފަގީރުންގެ އިޖުތިމާއީ ރައްކާތެރިކަމާއި، ޚާއްސަކޮށް ކޮރަޕްޝަން ނައްތާލުމުގެ އިސްލާހްތައް ގެންނަމުންނެވެ.
ސްރީލަންކާ އިގްތިސާދީ ކާރިޘާއެއްގެ ތެރެއަށް ވެއްޓިގެންދިޔަ މައިގަނޑު ސަބަބެއް ކަމަށް ގަބޫލުކުރެވިފައިވަނީ ކޮރަޕްޝަންގެ ކަންތައްގަނޑު ބޮޑުވެގެން ދިއުމެވެ.
22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާ ސަރުކާރަށް ގައުމުގެ އިގްތިސާދު މެނޭޖް ނުކުރެވި، ގައުމުގެ ހާލަތު ގޯސްވެ ރައްޔިތުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާކުރަން ފެށުމުގެ ނަތީޖާއަކަށްވީ، ރައީސްކަމުގައި ހުންނެވި ގޮޓަބާޔަ ރާޖަޕަކްސަ ފިއްވަލައިގެން ގައުމުން ބޭރަށް ވަޑައިގެން ރައީސްކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތުމެވެ.