މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނާ ގާތްކޮށްފިކަމަށް މިނިސްޓްރީ އޮފް ޓުއަރިޒަމްއިން އާންމުކުރި ތަފާސްހިސާބުން ދައްކައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި އެންމެފަހުގެ ތަފާސްހިސާބުން ދައްކާގޮތުން، މި އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، އޮގަސްޓް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް 1،181،093 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 13.9 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެ ޒިޔާރަތްކުރީ 1،036،655 ފަތުރުވެރިންނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިންނެވެ. އެ ގައުމުން ރާއްޖެއަށް 139،944 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރާއްޖެ ޒިޔާރަތްކުރި އެއްމިލިޔަން ވަނަ ފަތުރުވެރިޔާއަކީ ވެސް ރަޝިޔާގެ ރައްޔިތެކެވެ.

ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ، އިންޑިއާއިންނެވެ. އެ ގައުމުން ރާއްޖެއަށް 130،487 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިންވަނައިގައި އޮތް ޗައިނާއިން މި މުއްދަތުގައި 112،781 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

މި ލިސްޓުގައި ދެން ހިމެނެނީ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީ، އެމެރިކާ، ފްރާންސް، ސްވިޓްޒަލޭންޑްގެ އިތުރުން ސްޕެއިންއެވެ.

ތަފާސްހިސާބުން ދައްކާގޮތުން ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮގްސްޓްމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ ގޮތެއްގައި ކޮންމެ ދުވަހަކު ރާއްޖެއަށް 5،113 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ފަތުރުވެރިން އެވްރެޖްކޮށް ރާއްޖޭގައި ހޭދަކުރަނީ 7 ދުވަހެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 1،263 ތަނަކަށް މިހާރު ހުއްދަ ދީފައިވާއިރު، އޭގެތެރެއިން މިހާރު ހިދުމަތްދެމުން އަންނަނީ، 1،260 ތަނަކުންނެވެ. އެއީ 173 ރިސޯޓާއި، 13 ހޮޓަލާއި، 912 ގެސްޓްހައުސްގެ އިތުރުން 162 ސަފާރީއެވެ.

މި އަހަރަށް ސަރުކާރުން އަމާޒުހިފާފައި ވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ޓޫރިޒަމްގެ ރެކޯޑެއް ހެދުމަށެވެ. މިދިޔަ 2022 ވަނަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފީ 1.6 މިލިއަން ފަތުރުވެރިނެވެ. މި އަމާޒު ވާސިލްވެ، މިދިޔަ އަހަރު ރާއްޖެއަށް 1،675،303 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.