ފެއު ތައި ޕާޓީގެ ކެންޑިޑޭޓް އަދި ވިޔަފާރިވެރިޔާ ސްރެތަ ތަވިސިން، ތައިލެންޑްގެ ޕާލަމެންޓުން ބޮޑުވަޒީރުކަމަށް ރުހުން ދީފިއެވެ.
ސްރެތަ ތަވިސިން ބޮޑުވަޒީރުކަމަށް އިންތިޚާބު ކުރުމަށް ތައިލެންޑް ޕާލަމެންޓްގެ ދަށުގޭގައި ހިމެނޭ 500 މެމްބަރުންނާއި، މަތިގޭގައި ހިމެނޭ 250 މެމްބަރުންގެ މެދުގައި މިއަދު ވޯޓު ނެގިއިރު، ސްރެތައަށް ދެގޭގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިވަޑައިގެންނެވިއެވެ.
ސްރެތައަށް ޕާލަމެންޓުން ރުހުން ދިނުމުގެ ސަބަބުން ކޯލިޝަން ސަރުކާރެއް އުފެއްދުމުގެ ފުރުސަތު ވަނީ ފަހިވެގެން ގޮސްފައެވެ.
ތައިލެންޑްގެ ބޮޑުވަޒީރުކަމަށް ޕާލަމެންޓުން ބޭފުޅަކަށް ރުހުން މިދިނީ، އާންމު އިންތިޚާބު ބޭއްވިތާ ސަތޭކަދުވަސް ފަހުންނެވެ.
ބޮޑުވަޒީރަކު ކަނޑަނޭޅި ސަރުކާރެއް އެކުލަވާނުލެވި ލަސްވެގެން މިދިޔައީ، މެއިމަހުގެ 14 ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބު ކާމިޔާބުކުރި މޫވް ފޯވަރޑް ޕާޓިގެ ޒުވާން ލީޑަރު ޕިތާ ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް ޕާލަމެންޓުން ރުހުން ނުދިނުމުންނެވެ.
ޕިތާއަށް ޕާލަމެންޓުން ރުހުން ނުދިނީ، އޭނާ ގެންގުޅުއްވާ އިސްލާހީ އެޖެންޑާއަކީ ތައިލެންޑްގެ ރަސްކަމަށާއި، އަދި ނުފޫޒުގަދަ އަސްކަރިއްޔާއަށް ނުރައްކާއޮތް ކަމަކަށްވާތީއެވެ.
މޫވް ފޯވަރޑް ޕާޓީން ހެދި ކޯލިޝަނަށް ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ނުލިބުމުން ދެން އެކަމަށް ފައިނެގީ އިންތިޚާބުން ދެވަނަ ހޯދި ފެއު ތައި ޕާޓީންނެވެ.
މޫވް ފޯވަރޑް ޕާޓީ ނުހިމަނައި 14 ޕާޓީ ހިމެނޭ ކޯލިޝަނެއް ހަދައި، ފެއު ތައި ޕާޓީން ބޮޑުވަޒީރުކަމަށް ހުށަހެޅީ، ޕްރޮޕަޓީ މޯގަލް، އުމުރުފުޅުން 60 އަހަރުގެ ސްރެތަ ތަވިސިންގެ ނަންފުޅެވެ.
ޕާލަމެންޓުން ރުހުން ދިނުމާއެކު، ސްރެތަވަނީ ގާބިލްކަން ތަންދިން އެންމެ ބޮޑަށް ރައްޔިތުންނަށް ޚިދުމަތް ކުރައްވާނެ ކަމަށެވެ.
ސްރެތަ ތަވިސިން ބޮޑުވަޒީރުކަމަށް އިންތިޚާބު ކުރުމުގެ ވޯޓު ޕާލަމެންޓުގައި މިއަދު ނެގީ، ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރަ 15 އަހަރު، އަމިއްލަފުޅަށް އަރުވާލެވިގެން ގައުމުން ބޭރުގައި ހުންނެވުމަށްފަހު ގައުމަށް އެނބުރި ވަޑައިގަތުމާ ގުޅިގެން މަސްރަހް ނުތަނަވަސްކަމެއްގެ ތެރޭގައި އޮއްވައެވެ.
ސަރުކާރު އެކުލަވާލަން ފުރުސަތު ލިބުނު ފެއު ތައި ޕާޓީއަކީ ތަކްސިން ޝިނަޓްރަގެ ހަގު ދަރިކަނބަލުން އިސްވެ ހުންނަވައި އުފައްދަވައިގެން އުޅޭ ޕާޓީއެކެވެ. ތަކްސިންގެ ހިއްސާވެސް އޮތް ޕާޓީއެކެވެ.
ތަކްސިން ޝިނަވަޓްރަ ގައުމަށް ވަޑައިގަތުމާއެކު އެއަރޕޯޓުން ހައްޔަރުކޮށްގެން ސުޕްރީމް ކޯޓަށް ގެންދިއުމަށްފަހު ފަހުން ވަނީ ޖަލަށް ގެންގޮސްފައެވެ.
އެއީ، ކޮރަޕްޝަންގެ ކުށްތަކުގައި އޭނާގެ މައްޗަށް ޣައިރު ހާޟިރުގައި އިއްވާފައިވާ ޖަލުހުކުމް ތަންފީޒު ކުރުމަށެވެ. ތަކްސިންގެ މައްޗަށް އިއްވާފައިވާ ހުކުމްތަކުން އަދި ބާކީ 8 އަހަރު އެބައޮތެވެ.
ތަކްސިން ޝިނަވަޓްރަ ވަޑައިގަންނަވާތީ އެއަރޕޯޓަށާއި، އަދި ސުޕްރީމް ކޯޓު ދޮށަށް ރަތްކުލައިގެ ޓީޝާޓްލައިގެން އެތައްހާސް ސަޕޯޓަރުން ޖަމާވިއެވެ.
އެއަރޕޯޓުގައި ތަކްސިން، ފެއު ތައި ޕާޓީގެ ޕާލަމެންޓް މެމްބަރުންނާވެސް އިރުކޮޅަކަށް ބައްދަލު ކުރެއްވިއެވެ.
ތަކްސިންއަކީ އަދިވެސް ތައިލެންޑްގައި އެންމެ މަގްބޫލް ސިޔާސީ ޝަޚްސިއްޔަތެވެ.
ޚާއްސަކޮށް ތައިލެންޑްގެ ރަށްފުށުގެ މީހުންނާއި ފަގީރުންނާއި މަދުން އާމްދަނީ ލިބޭ މީހުންގެ ތާއީދު ތަކްސިންއަށް ލިބިގެންދިޔައީ، އޭނާގެ ވެރިކަމުގައި ނިކަމެތީންނަށް މާލީގޮތުންނާއި އެނޫންގޮތްގޮތުން އެހީވުމާއި، ރަށްފުށު ލޯނު ދެއްވުމާއި، ސަބްސިޑީއާއި، ނިކަމެތީންނަށް ބޭސްފަރުވާ ލިބޭނެގޮތް ހަމަޖެއްސެވި ލީޑަރަކީ ތަކްސިން ކަމަށްވާތީއެވެ.