އެމެރިކާގެ ރައްޔިތުންނަށް އޭނާ ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، އެހެންކަމުން، ރިޕަބްލިކަން ޕާޓީގެ ރިޔާސީ ބަހުސްގައި ބައިވެރި ނުވާނޭ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ރިޕަބްލިކަން ޕާޓީގެ ރިޔާސީ ބަހުސްގެ ފުރަތަމަ ބަހުސް ބާއްވަން ތާވަލްކޮށްފައިވަނީ މި ހަފްތާގެ ބުދަދުވަހުއެވެ.
ނަމަވެސް، އަމިއްލަފުޅު "ޓުރުތު ސޯޝަލް" ގައި ޝާއިއު ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވާދަކުރަން ޕާޓީގެ ޓިކެޓް ހޯދުމަށް ވާދަވެރިންނާއެކު ބަހުސްކޮށްގެން އެމެރިކާގެ ރައްޔިތުންނަށް ދައްކާނެ އިތުރު ކަމެއް ނެތް ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ، ވަރަށް ކާމިޔާބު ރައީސެއްކަމުގެ ރެކޯޑް އޭނާއަށް އެބައޮތް ކަމަށާއި، އަދި އޭނާއަކީ އެމެރިކާ ރައްޔިތުންގެ މެދުގައި ވަރަށް މަގްބޫލް ލީޑަރެއް ކަމަށެވެ.
ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ މެދުގައި މިހާތަނަށް ނެގި އެތައް ޚިޔާލުހޯދުމުގެ ވޯޓުތަކުން ދައްކަނީ، އެ ޕާޓީން ޓިކެޓަށް ވާދަކުރައްފާނެ ކަމަށް ބެލެވޭ އެހެން ބޭފުޅުންނަށްވުރެ ޓްރަމްޕް ވަރަށް ބޮޑުތަނުން ކުރީގައި އުޅުއްވާ ކަމެވެ.
މިކަންވެސް ޓްރަމްޕްގެ ޕޯސްޓުގައި ފާހަގަ ކުރައްވާފައި ވެއެވެ.
ސީބީއެސްއިން އެންމެފަހުން ހެދި ސާވޭގައި ބައިވެރިވި 62 އިންސައްތަ މީހުން ބުނެފައިވަނީ ޓްރަމްޕަށް ވޯޓުލާނޭ ކަމަށެވެ. ޓްރަމްޕާ އެންމެ ގާތުން ވާދަކުރައްވާނެ ކަމަށް ބެލެވޭ ފްލޮރިޑާގެ ގަވަރްނަރ ރޮން ޑިސަންޓިސްއަށް ވޯޓުލާނެ ކަމަށް ބުނީ އެންމެ 16 އިންސައްތަ މީހުންނެވެ.
ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޕްރައިމެރީ އޮންނާނީ 2024 ވަނަ އަހަރުއެވެ. ނަމަވެސް ވަރަށް ދުރާލާ މިވަނީ ބަހުސްތައް އިންތިޒާމުކުރަން ފަށާފައެވެ.
އުމުރުފުޅުން މިހާރު 77 ވެފައިވާ ޓްރަމްޕްގެ އިތުރުން، އިތުރު 7 ކެންޑިޑޭޓުންވަނީ ބަހުސަށް ކޮލިފައި ވެއެވެ. އޭގެތެރޭގައި ރޮން ޑިސަންޓިސްގެ އިތުރުން، ކުރީގެ ނައިބް ރައީސް މައިކް ޕެންސާއި، ޑަގް ބާރގަމްއާއި، ޓްރަމްޕްގެ ވެރިކަމުގައި އދއަށް ކަނޑައެޅުއްވި ނިކީ ހޭލީއާއި، ސައުތު ކެރޮލައިނާ ސެނެޓަރ ޓިމް ސްކޮޓްވެސް ހިމެނިވަޑައި ގަންނަވައެވެ.
އެމެރިކާގެ ނޫސްތަކުން ބުނަނީ، ޕާޓީގެ ބަހުސްގައި ބައިވެރިވެވަޑައި ނުގެންނެވި ނަމަވެސް ޓްރަމްޕްގެ މައްޗަށް ހިންގަން އުޅޭ ޝަރީޢަތްތަކުގެ ވާހަކަތައް ބަހުސްގައި ދެކެވޭނެ ކަމަށެވެ.
ޓްރަމްޕްގެ މައްޗަށް ޖިނާއީ ހަތަރު މައްސަލައާއި، މަދަނީ ތިން މައްސަލައެއްގެ ޝަރީއަތް ހިންގަން ތައްޔާރުވަމުންދާއިރު، މި މައްސަލަތަކުގެ އަސަރު، ޓްރަމްޕް ރައީސްކަމަށް އަލުން ވަޑައިގަތުމަށް ކުރައްވާ މަސައްކަތަށް ކުރާނޭ ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. އަދި ޓްރަމްޕަށް އިންތިޚާބަށް ކުރިމަތި ލެއްވޭނެ ކަމެއްވެސް ނޭނގެއެވެ.
ޓްރަމްޕްގެ މައްޗަށް ޝަރީއަތް ހިންގަން ތައްޔާރުވަމުންދާ މައްސަލަތަކުގެ ތެރޭގައި، އޭނާ ވެރިކަމަށް ވަޑައިގަތުމުގެ ކުރިންނާއި، ވެރިކަމުގެ ތެރޭގައާއި އަދި ވެރިކަމުން ވަކިވެވަޑައިގެންނެވިފަހުން ހިނގާފައިވާ ކަންކަން ހިމެނެއެވެ.