ތިލަމާލެ ކަނެކްޓިވިޓީ ބްރިޖް އެޅުމުގެ މަސައްކަތްކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުންޏަކީ، ކަނޑުގައި ބްރިޖެއް އެޅުމުގެ ގާބިލުކަން ހުރި ކުންފުންޏެއް ނޫންކަމާއި، ދިވެހި ސަރުކާރުން އުޅެނީ މި ގައުމު ދަރުވާލަން ކަމުގެ އިންޒާރު، އިންޑިއާގެ އާންމު ރައްޔިތަކު ދިންކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
މެމްބަރު އަލީ ހުސެއިން މިފަދައިން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ކެމްޕެއިނަށް ނ. ލަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
ތައުލީމު ހާސިލުކުރައްވަން އިންޑިއާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވިކަން ހާމަކުރައްވައި މެމްބަރު އަލީ ވިދާޅުވީ، އިންޑިއާ އަކީ އޭނާގެ "ސެކަންޑް ހޯމް" ކަމަށެވެ. އެހެންކަމުން، އިންޑިއާގެ ބެންގަލޫރުގައި ތިބި އޭނާގެ ރަށްޓެހިންނާ ބައްދަލުކޮށްލެއްވުމަށް މިފަހުން އިންޑިއާއަށް ވަޑައިގެންނެވި ކަމަށާއި، އެފްކޮންސް އަށް ރާއްޖޭގައި ބްރިޖު ނޭޅޭނެކަމަށް ބުނީ، މި ދަތުރުފުޅުގައި ދިމާވި އިންޑިއާގެ އާންމު ރައްޔިތެއްކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
އެފްކޮންސް ކުންފުންޏަށް ކަނޑުގައި ބްރިޖެއް އެޅުމުގެ ގާބިލުކަން ލިބިފައިނުވާކަމަށް އިންޑިއާގެ ރައްޔިތަކު ބުނިކަމަށް މެމްބަރު އަލީ ހުސެއިން ވިދާޅުވިއިރު، ތިލަމާލެ ބްރިޖު މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ދުވެލި ލަސްކަމަށް ބުނެ ގިނަބަޔަކު އަންނަނީ ދިވެހި ސަރުކާރަށާއި އެފްކޮންސް ކުންފުންޏަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެއެވެ.
އަދި ބްރިޖުގެ މަސައްކަތް ކުރުމުގައި އެފްކޮންސް އިން ބޭނުންކުރާ ބައެއް ވަސީލަތްތަކުގެ ފެންވަރުދަށްކަމަށް ބުނެ، އެ ބްރިޖު އަޅާ ނިމޭއިރު އޭގެ ފެންވަރާ މެދުވެސް ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން، ތިލަމާލެ ބްރިޖް އެޅުމުގައި، ކޮންކްރީޓް އުފުލަން ދޮލަނގު ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވެފައިވާއިރު، އެކަމާ ގުޅިގެން ވެސް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.
ހާއްސަގޮތެއްގައި، އިންޑިއާގެ ބައެއް ކުންފުނިތަކުން އެ ގައުމުގައި، ކޯރަކުން ވަކިވެފައިވާ ދެ ސަރަހައްދެއް ގުޅުވައިދިނުމަށް އަޅާފައިވާ ބައެއް ބްރިޖުތައް ވެއްޓި، މަރުގެ އެތައް ހާދިސާތަކެއް ހިނގާފައިވާއިރު، އެފްކޮންސް އަކީ، އޮއެގަދަ ކަނޑެއްގައި ބްރިޖެއް އެޅުމުގެ ގާބިލުކަން ހުރި ކުންފުންޏެއްތޯ އަހައި، ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން މިއަދު ވެސް، އިންޑިއާގެ މިޒޮރާމް ސްޓޭޓުގައި ރެއިލްވޭ ބްރިޖެއް ވެއްޓި، އެތައް ބަޔަކު މަރުވެފައިވެއެވެ.
މި ބްރިޖުގެ މަޝްރޫޢާ ގުޅިގެން ރާއްޖެ ދަރަނިވެރިވެދާނެކަމަށް އިންޑިއާ ރައްޔިތަކު ބުނިކަމަށް އަލީ ހުސެއިން ވިދާޅުވިއިރު، ސަރުކާރުން އެންމެފުރަތަމަ ބުނީ، އިންޑިއާގެ ލޯނު އެހީގައި ހިންގާ މި މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވާކަމަށެވެ. އެހެންނަމަވެސް މަސައްކަތް އަވަސްކުރުމަށް ފަހުން ދިން ފައިސާ އާއެކު މިހާރު ބްރިޖަށް ކުރަންޖެހޭ ހޭދަ 700 މިލިއަން ޑޮލަރަށް އަރާ ކަމަށް މައުލޫމާތު ލިބެއެވެ.
ބްރިޖު އެޅުމުގެ މަސައްކަތް މިއަހަރަށް ނިންމަން ސަރުކާރުން ބުނިނަމަވެސް ފަހުންވަނީ މި މުއްދަތު ދަންމާލާފައެވެ.