ވެގްނަރ ގްރޫޕްގެ ވެރިޔާ ޖެނެރަލް ޔެވްގެނީ ޕްރިގޯޒިން ދަތުރުކުރި ޕްރައިވެޓް މަތިންދާ ބޯޓު ވެއްޓިއްޖެއެވެ.
ރަޝިޔާގެ ރަސްމީ ނޫސް އޭޖެންސީ ޓާސްއިން ބުނެފައިވަނީ، ބޯޓު ވެއްޓުނުއިރު އޭގައި 10 މީހުން ދަތުރުކުރި ކަމަށެވެ.
ރަޝިޔާ ސަރުކާރުގެ މިނިސްޓްރީ އޮފް އިމަޖެންސީ ސިޗުއޭޝަނުން އާންމުކުރި ޓެލެގްރާމް މެސެއްގައި ބުނެފައިވަނީ، މިހާދިސާގައި ބޯޓުގައި ތިބި އެންމެން މަރުވެފައިވާ ކަމަށެވެ.
ބޯޓުގައި 7 ފަސިންޖަރުންނާއި، 3 ކްރޫ މެމްބަރުން ތިބި ކަމަށާއި، ފަސިންޖަރުންގެ ލިސްޓުގައި ވެގްނަރ ގްރޫޕްގެ ވެރިޔާ ޔެވްގެނީ ޕްރިގޯޒިން ހިމެނޭ ކަމަށްވެސް އިޓާސްއިން ބުނެފައި ވެއެވެ.
ޕްރައިވެޓް މަތިންދާ ބޯޓު ވެއްޓުނީ ވެރިރަށް މޮސްކޯއިން ފުރައިގެން ޕީޓަރސްބާގަށް ދަތުރުކުރަނިކޮށް ކަމަށާއި، ވެއްޓުނީ ޓްވަރ ރީޖަންގެ އަވަށެއް ކަމަށްވާ ކުޝެންކިނޯ ކައިރިއަށް ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނަނީ، މަތިންދާ ބޯޓު ވެއްޓުނީ ކަމެއް ނުވަތަ ވައްޓާލީކަމެއް ސާފު ނުވާ ކަމަށެވެ.
ވެގްނަރ ގްރޫޕަކީ، ޔޫކްރެއިންގައި، ފްރަންޓްލައިންގައި ރަޝިޔާއާ އެއްކޮޅަށް ހަނގުރާމަ ކުރަމުންދިޔަ ހަތިޔާރުއެޅި ކުލީސިފައިންގެ ގްރޫޕެވެ.
ނަމަވެސް، ރަޝިޔާގެ އަސްކަރިއްޔާއާއި މައްސަލަޖެހި ވެގްނަރ ގްރޫޕް ފަހުންވަނީ ހަނގުރާމައިގެ މައިދާނުން ފަހަށްޖެހިފައެވެ.
އަދި ފަހުން ވެގްނަރ ގްރޫޕްގެ ހަނގުރާމަވެރިން ތިބި ކޭމްޕަކަށް ރަޝިޔާއިން ބޮންއެޅި ކަމަށްބުނެ ވެގްނަރ ގްރޫޕްގެ ވެރިޔާ ރުޅިއައިސް، ހަނގުރާމަވެރިންގެ ފައުޖަކާއެކު ވެރިރަށް މޮސްކޯއާ ދިމާއަށް މިސްރާބުޖެހުން ވެގެންދިޔައީ ރަޝިޔާގެ ރައީސް ޕޫޓިން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައި ގެންނެވި ކަމަށެވެ. އަދި މޮސްކޯ ވަށައިގެން ސަލާމަތީ ފިޔަވަޅު ވަރަށް ވަރުގަދަ ކުރިއެވެ.
ނަމަވެސް، ވެގްނަރ ގްރޫޕްގެ ވެރިޔާ ޖެނެރަލް ޔެވްގެނީ ޕްރިގޯޒިން ވަނީ، ލޭއޮހޮރުވުމަކަށް ދާން ބޭނުން ނުވާކަމަށް ބުނެ އޭނާގެ ފައުޖު އަނބުރާ ގެންގޮސްފައެވެ.
ވެންގަރ ގްރޫޕްގެ ވެރިޔާއާއި ޕޫޓިންއާ ދެމެދު މައްސަލަ ޖެހިފައިވާކަން އެކަމުން ހާމަވެގެންދިޔައެވެ.
އަދި ވެގްނަރ ގްރޫޕްގެ ކިބައިން ޕޫޓިން ބަދަލުހިފާނެ ކަމަށް ރިޕޯޓްތައް ބުނަމުން ގޮސްފައި ވެއެވެ.
ވެއްޓުނު ބޯޓުގެ ފަސިންޖަރުންގެ ލިސްޓުގައި ޖެނެރަލް ޔެވްގެނީ ޕްރިގޯޒިންގެ ނަން ހިމެނުނު ނަމަވެސް، ބޯޓުގައި އޭނާ ދަތުރުކުރިކަން ރަޝިޔާ ސަރުކާރުގެ ތަރުޖަމާނު އަދި ކަށަވަރުކޮށް ނުދޭ ކަމަށް ނޫސްވެރިން ބުނެއެވެ.
އެކަމަކު، އެހެން މީޑިއާ ރިޕޯޓުތަކުން ބުނަނީ ޔެވްގެނީ ޕްރިގޯޒިން މަރުވެފައިވާކަން ކަށަވަރުވެއްޖެ ކަމަށެވެ.