ދައުލަތުގެ ހަރަދު 27.6 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސްގެ އެންމެ ފަހު ހަފްތާގެ ތަފާސްހިސާބުން ދައްކާގޮތުން، މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، މިމަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދު 27.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ހަރަދު ހުރީ 23 ބިލިއަން ރުފިޔާގައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ހޭދަކުރިވަރާ އަޅާބަލާއިރު، 19.9 އިންސައްތައިގެ އިތުރުވުމެކެވެ.

ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ހަރަދުކުރި 27.6 ބިލިއަން ރުފިޔާގެ ތެރޭގައި މުސާރަ އާއި އިދާރީ އަދި ހިންގުމަށްކުރި ހަރަދާއި ލޯނުތައް އަނބުރާ ދެއްކުމަށް ކުރި ހަރަދު ހިމެނެއެވެ.

އެގޮތުން ދައުލަތުގެ ހަރަދުތަކުގެ ތެރެއިން 11.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ އިދާރީ އަދި ހިންގުމުގެ ހަރަދަށެވެ.

ކެޕިޓަލް ހަރަދުގެ ގޮތުގައި 8.6 ބިލިއަން ރުފިޔާ އަދި ލޯނުތައް އަނބުރާ ދެއްކުމަށް 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ދައުލަތުން ކުރި ހަރަދުތަކުގެ ތެރޭގައި ސަބްސިޑީތަކަށް ހޭދަކުރި 2.6 ބިލިއަން ރުފިޔާ ހިމެނޭއިރު، ތަރައްގީގެ މަޝްރޫއުތައް ވަނީ 7.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

ތަފާސްހިސާބުން ދައްކާގޮތުން އާމްދަނީގެ ގޮތުގައި ދައުލަތަށް މިއަހަރުގެ މިހާތަނަށް ލިބުނީ 21.3 ބިލިއަން ރުފިޔާއެވެ. އޭގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ ކަމަށް ވާއިރު، ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތައް ލިބިފައިވަނީ 16.3 ބިލިއަން ރުފިޔާއެވެ.

އެއީ ޖުމްލަކޮށް ދައުލަތައް ލިބުނު އާމްދަނީގެ 76 އިންސައްތައެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތައް ލިބުނީ 4.7 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ޖޫރިމަނާގެ ގޮތުގައި ނެގި 100 މިލިއަން ރުފިޔާ ހިމެނޭއިރު، ކުރީ އަހަރުގެ މި މުއްދަތުގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބުނީ 166 މިލިއަން ރުފިޔާއެވެ.