ސުނާމީއަށްފަހު ގައުމު އަލުން އާރާސްތުކުރުމުގެ ބުރަ މަސްއޫލިއްޔަތު، އޭރުގެ ރައީސް އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމް ހަވާލުކުރެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާ ގައުމީ ކެންޑިޑޭޓް، ގާސިމް އިބްރާހިމާކަމަށް އެމަނިކުފާނުގެ އިންތިހާބީ އެޖެންޓް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓްގެ އަރިހުގައި އދ. މަހިބަދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަލީ ވިދާޅުވީ، ސަރުކާރުން ކޮންމެ ގޮތަކަށް ވާހަކަދެއްކިޔަސް ކިތަންމެ ވަރަކަށް ދިފާއުކުރަން އުޅުނަސް ރާއްޖެ ބަނގުރޫޓުވުމަށް މިސްރާބު ޖަހާފައިވާކަމަކީ ފައިނޭންސް ސިސްޓަމް ދަންނަ ކޮންމެ ދިވެހި ދަރިޔަކުވެސް ދަންނަ ކަމެއްކަމަށެވެ. ކޮވިޑުގެ ދުވަސްވަރުން ފެށިގެން ސަރުކާރުން ދިޔައީ ފައިސާ ޗާޕްކުރަމުންކަން އަލީ ވަހީދު ފާހަގަކުރެއްވިއެވެ.

މިފަދަ ނާޒުކު ދަނޑިވަޅުގައި ރައީސަކަށް އައްޔަންކުރަންވާނީ ފައިސާއަކީ ކޮބައިކަމާއި ލޯނު ނަގަންވީ ކިހިނެތްކަމާއި ލޯނު އަނބުރާ ދައްކާނީ ކިހިނެތްކަން ރަނގަޅަށް އެނގޭ ފަރާތެއްކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

" ސުނާމީގެ ހާދިސާއަށްފަހު ގައުމު ވެއްޓުނީ ވަރަށް ދަށަށް. ގައުމުގެ އާންމު ހާލަތުވެސް ދިޔައީ ދަށަށް. އެވަގުތު ރާއްޖެ ވެއްޓިފައި އޮތް ހާލަތުން ނަގައި އެމަނިކުފާނުގެ ސަރުކާރުގެ ބައިތުލްމާލު ރަނގަޅުކުރަން އިގްތިސާދު ރަނގަޅުކުރަން އޭރުގެ ރައީސް މައުމޫން ހަވާލުކުރެއްވީ ގާސިމްއާ. އެއީ ސަބަބުތަކެއް ނެތިއެއްނޫން. ރާއްޖޭގައި ވިޔަފާރިވެރިންނާއި ސިޔާސީ ފަރާތްތައްވެސް ތިބި. ގައުމު ގައި އޭރުވެސް ހުރި މިއަދުވެސް ހުރި އެންމެ ތަޖުރިބާކާރު ސިޔާސީ މުފައްކިރު ގައުމު އަލުން އާރާސްތުކުރަން ހަވާލުކުރެއްވީ ގާސިމްއާ."
ގާސިމްގެ އިންތިހާބީ އެޖެންޓް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

އިގްތިސާދީ ގޮތުން ރާއްޖޭގެ ހާލަތު ގޯސްވެ ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ އިންޒާރުތައްވެސް ރާއްޖެއަށް އަންނަނީ ލިބެމުންނެވެ. އެހެންނަމަވެސް ސަރުކާރުން އަންނަނީ އިގްތިސާދު ދަނީ ކުރިއަށްކަމަށް ބުނެ މާލީ އިދާރާތަކުގެ އިންޒާރުތަކަށް ބީރުކަންފަތެއް ދެމުންނެވެ.

ދަރަނިން ނެއްޓި ދެމެހެއްޓެނިވި އިގްތިސާދަކަށް ވާސިލްވުމަށް ޤާސިމްގެ މެނިފެސްޓޯގައި އެކަށައަޅާފައިވާ ވައުދުނާމާގެ ތެރެއިން 3 އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނި ޖީ.ޑީ.ޕީގެ 120 އިންސައްތައިން 90 އިންސައްތައަށް ތިރިކުރުމާއި، ދައުލަތުގެ ހަރަދު ޖީ.ޑީ.ޕީގެ 35 އިންސައްތައިގައި ހިފެހެއްޓުމާއި، ދައުލަތުގެ އާއްމުދަނީ ޖީ.ޑީ.ޕީގެ 30 އިންސައްތައަށް މަތިކުރުން ހިމެނެއެވެ.

2026 ވަނަ އަހަރަކީ ބިލިއަނެއްހާ ޑޮލަރުގެ މުއާމަލާތެއް އެއްފަހަރާ ދައްކަންޖެހޭ އަހަރެއްކަމުން ރައްޔިތުންނަށްދޭ ހިދުމަތްތަކަށް ބުރޫ ނާރާނެ އިންތިޒާމެއް ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ހަމަޖެއްސުމާއި، ބޮޑެތި އިގްތިސާދީ މަޝްރޫއުތަކަށް ދިގު މުއްދަތެއްގެ އިންޓްރެސްޓް ކުޑަ ލޯނު ހޯދުމާއި، މަދުވެގެން 3 މަސްދުވަހުގެ އަސާސީ ކާބޯތަކެތި އަބަދުވެސް ރައްކާކޮށްފައި ބެއްޓުމަށްވެސް ގާސިމް ވަނީ ވައުދުވެވަޑައިގެންފައެވެ.

6 މަސްދުވަހުގެ ތެޔޮ ރިޒާވެއް ރައްކާކުރުމާއި ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އިސްރާފު ކުޑަކުރުމުގެ އިތުރުން ސަބްސިޑީތަކަަކީ އިންސާފުވެރި ގޮތެއްގައި ދެވޭ އެއްޗަކަށް ހެދުމުގެ އިތުރުން ފަގީރުންގެ މިންގަނޑެއް ކަނޑައަޅައި ފަގީރުންނަށް ދައުލަތުން މަހަކު 3000 ރުފިޔާގެ ސީދާ އެހީ ދިނުމަށް ގާސިމްގެ މެނިފެންސްޓޯގައި ވަނީ ކަނޑައަޅާފައެވެ.