ހިންދޫ އަންހެން ޓީޗަރަކު ކްލާހުގައި، އުމުރުން 7 އަހަރުގެ މުސްލިމް ފިރިހެން ކުއްޖެއްގެ ގައިގައި ޖަހައި އަނިޔާކުރަން ކްލާހުގެ ހިންދޫ ކުދިންނަށް އަންގައި އަދި ހިންދޫ ކުދިން އެކަންކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ގިނަބައެއްގެ ނުރުހުމާއި ދެކޮޅުވެރިކަން ބަންޑުންކުރަމުން އެބަގެންދެއެވެ.

އިންޑިއަން އެކްސްޕްރެސްއިން ޝާއިރުކުރި ރިޕޯޓެއްގައި ބުނެފައިވަނީ، މި ހާދިސާ ހިނގާފައިވަނީ މުޒައްފަރުނަގަރުގެ ޚުއްބަޕޫރު އަވަށުގައި ހުންނަ ނޭހާ ޕަބްލިކް ސްކޫލްގައި ކަމަށެވެ.

އަދި މުސްލިމް ފިރިހެން ކުއްޖާގެ ގައިގައި ތަޅަން އެހެން ކުދިން ގާތު ބުނަމުންދިޔަ ޓްރިޕްޓާ ޓިޔާގީއަކީ އެ ސްކޫލްގެ ވެރިމީހާ ކަމަށްވެސް ނޫހުން ރިޕޯޓް ކޮށްފައި ވެއެވެ.

އާންމުވެފައިވާ ވީޑިއޯގައި އެ އަންހެންމީހާ، ކްލާހުގެ ކުދިން، ފަހަރަކު ކުއްޖަކު މުސްލިމް ފިރިހެން ކުއްޖާގެ ކަންކަށިމަތީގައި ޖެހުމަށް އަންގާ އަޑު އިވެއެވެ. ބައެއް ފަހަރު ބާރަށް ޖެހުމަށްވެސް ބުނާ އަޑު އިވެއެވެ.

މުސްލިމް ކުއްޖާ ރޮމުން ރޮމުން ގެންދިޔައިރު، އެ އަންހެންމީހާ އިސްލާމްދީނަށް ފުރައްސާރަކޮށް ބަސްތައް ބުނާ އަޑުތައްވެސް ވީޑިއޯއިން އިވެއެވެ.

މިހާދިސާއާ ގުޅިގެން، މުސްލިމް ފިރިހެން ކުއްޖާގެ ބައްޕަ، މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ދެން ދަރިފުޅު އެ ސްކޫލަށް ނުފޮނުވާނެ ކަމަށެވެ.

ކުއްޖާގެ މަންމަ ރޫބީނާ އަލްޖަޒީރާއާ ވާހަކަ ދައްކަމުން ބުނެފައިވަނީ، އަނިޔާކުރުމުގެ ސަބަބުން ދަރިފުޅު ހުރީ ނަފްސާނީގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށެވެ.

ރޫބީނާ ބުނެފައިވަނީ، މުސްލިމް ކުދިންގެ ގައިގައި އެހެންކުދިން ލައްވައި ތެޅުވުމަކީ އެ ޓީޗަރު އާންމުކޮށް ކުރާ ކަމެއް ކަމަށާއި، މީގެ ދުވަސްކޮޅެއް ކުރިންވެސް އެކަން ކޮށްފައިވާ ކަމަށެވެ.

ކުއްޖާގެ ބައްޕަ، އަލްޖަޒީރާއާ ވާހަކަ ދައްކަމުން ބުނެފައިވަނީ، މިއީ މުސްލިމުންނާމެދު އިންޑިއާގައި ފަތުރަމުންދާ ނަފްރަތުގެ ނަތީޖާ ކަމަށެވެ.

ކުއްޖާގެ ގައިގައި ތެޅި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުންނާއި، މުޒައްފަރުނަގަރުގެ އެޑިއުކޭޝަން އޮފިސަރާއި، ނޭޝަނަލް ކޮމިޝަން ފޮރ ޕްރޮޓެކްޝަން އޮފް ޗައިލްޑް ރައިޓްސްއިން ބުނެފައިވާއިރު، ވީޑިއޯ ސޯޝަލް މީޑިއާގައި ޝެއަރ ނުކުރަން އެ ކޮމިޝަނުންވަނީ އެދިފައެވެ.

މިހާދިސާއާ ގުޅިގެން އެކްސް ޕްލެޓްފޯމުގައި ކުރެއްވި މެސެޖެއްގައި އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާނދީވަނީ، މިކަމުގެ ޒިންމާ އިންޑިއާގައި މިހާރު ވެރިކަންކުރާ ބީޖޭޕީގެ ބޮލުގައި އަޅުވާފައެވެ.

ރާހުލް ގާނދީގެ މެސެޖްގައި ވިދާޅުވީ، ތުއްތު ކުދިންގެ ހިތްތަކުގައި ނަފްރަތުގެ ވިހަ ފަތުރައި، ތައުލީމުގެ އުނގަންނައިދޭ ތަންތަނަކީ ނަފްރަތު އުފައްދާ ތަންތަނަށް ހެދުމަކީ ޓީޗަރަކަށް ގައުމަށް ކޮށްދެވޭނެ އެންމެ ނުބައި ކަންތައް ކަމަށެވެ.

"މިއީ، ބީޖޭޕީން މުޅި ގައުމުގެ އެކި ކަންކޮޅުތަކުގައި ނަފްރަތުގެ އަލިފާން ރޯކުރަން ބޭނުންކުރާ ކަރާސީނު. ކުޑަކުދިންނަކީ އިންޑިއާގެ މާދަމާގެ މުސްތަގްބަލް. އެ ކުދިންނަށް ނަފްރަތު ނުކުރޭ. އެކުދިންނަށް އުނގަންނައިދޭންވީ ލޯތްބާއެކު"
ރާހުލް ގާނދީ

އިންޑިއާގެ ސޯޝަލް އެކްޓިވިސްޓް ޝަބްނަމް ހާޝިމީވަނީ، މުސްލިމް ކުއްޖާގެ ގައިގައި ތަޅަން އެންގި ޓީޗަރާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އިންޑިއާގެ ރައީސަށާއި، އިންޑިއާގެ ސުޕްރީމް ކޯޓަށް ގޮވާލައްވާފައެވެ.

ޝާބްނަމް ހާޝިމީ ވިދާޅުވީ، އެ އަންހެންމީހާގެ އެ އަމަލަކީ ވަރަށް ލަދުވެތި އަމަލެއް ކަމަށާއި، އެއީ ވަރަށް ނުރައްކާތެރި އަމަލެއް ކަމަށެވެ.

އިންޑިއާގައި އެތައް ބަޔަކު ގެންދަނީ އެ އަންހެންމީހާ މަގާމުން ދުރުކޮށް، އޭނާގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް އަނިޔާކުރަން އެންގި މައްސަލާގައި އޭނާ ހައްޔަރުކޮށް ޝަރީއަތް ހިންގައި އަދަބުދިނުމަށް ގޮވާލަމުންނެވެ.