ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ހަމަވާން ބާކީ އޮތީ ދެމަހެއްހައި ދުވަހެވެ. މިދައުރުގެ ފާއިތުމިވީ ދޮޅުއަހަރެއްހައި ދުވަހުގެ ތެރޭގައި އަބަދުހެން އިވެމުންދިޔައީ ކޮންމެވެސް ކަމެއް ސަރުކާރުން ސިއްރުކޮށްގެން އުޅޭ ވާހަކައެކެވެ. ސަރުކާރުގެ މުއައްސަސާއަކުން ކޮންމެވެސް މައުލޫމާތެއް ނުދީ ސިއްރުކުރަން ބަހަނާތަކެއް ދައްކާ ވާހަކައެވެ. ނޫނީ ކޮންމެވެސް އެއްބަސްވުމެއް ސިއްރުކޮށް، ފޮރުވައިގެން އުޅޭ ވާހަކައެކެވެ.

ރައީސް ޞާލިޙްގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކުގެ ދުލުން އެންމެ ގަދަޔަށް އިވުނު އަދި އިވެމުންދާ އަޑަކަށް "އިންޑިއާ މިލިޓަރީ އައުޓް" ނޫނީ "އިންޑިއާ އައުޓް" ވާނެއެވެ. އެއީ އެކިއެކި ނަންނަމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، އެގައުމާއި ރާއްޖެއާ ދެމެދު ހަދާފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަކުރުމަށް ގޮވައިލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށްގެންދާ ކެމްޕެއިނެކެވެ. ކޮންމެއަކަސް، މިއަޑު ގަދަވުމުން ރައީސުލްޖުމްހޫރިއްޔާއަށް އެއީ މާ ހިތްގައިމު ކަމަކަށް ނުވިއެވެ. އެއާއެކު ދެން ފެށީ މިކެމްޕެއިން ހުއްޓުވުމުގެ މަސައްކަތެވެ.

އިސާހިތަކު ސީދާ ރައީސް ޞާލިޙްގެ ގަރާރަކުން މިހަރަކާތް މަނާކުރިއެވެ. އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުމުގެ ނަމުގައި ރައީސް ޞާލިޙް ނެރުއްވި ގަރާރުންނެވެ.

ރައީސް ޞާލިޙްގެ ގަރާރާއެކު ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައި ނަމަވެސް މި ކެމްޕެއިން މުޅިން ހުއްޓޭ ގޮތެއް ނުވިއެވެ. ސަބަބު ވަރަށް ސާފެވެ. މިގައުމުގެ އުތުރާއި ދެކުނުގައި އިންޑިއާގެ އަސްކަރީ ސިފައިން އެބަ ތިއްބެވެ. އެއްވެސް ގައުމެއްގެ އަސްކަރީން ރާއްޖޭގައި ގާއިމުވެ ތިބުމަކީ ޤާނޫނުއަސާސީ ތަންދޭ ކަމެއް ނޫނެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސީދާ އަދަދެއް ސާފެއް ނޫނެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނުގެ ދަށުން އެމައުލޫމާތު ހޯދަން "ދިޔަރެސް"ގެ ނޫސްވެރިޔާ އަހުމަދު އަޒާން އެދުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް)އިން ކޯޓުގައި ދިނީ ވަރަށް ހެއްވާ ޖަވާބެކެވެ. ބުނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެ ސިފައިންނަށް ދިވެހި ސަރުކާރުން ކުރާ ހަރަދުގެ ތަފްސީލުތައް ހާމަކޮށްފި ނަމަ، ދެ ގައުމުގެ ގުޅުމަށް ނުރަނގަޅު އަސަރުކޮށް، ރާއްޖެއަށް ކާޑު ލިބުމުގެ ދަތިކަން ވެސް ކުރިމަތިވެދާނެ ކަމަށެވެ. މިއީ ދިވެހި ދައުލަތުގެ އެންމެހައި އިދާރާތައް އެއީ ހާމަކަންބޮޑުގޮތެއްގައި މަޢުލޫމާތު ފޯރުކޮށްދީ ރައްޔިތުންނަށް ޖަވާބުދާރީ ވަނިވި އިދާރާ ތަކަކަށް ހެދުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 02 ވަނަ މާއްދާއާއިވާ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ ހ ގައިވާ ގޮތުގެ މަތީން، ގާއިމު ކުރެވިފައިވާ އޮފީހުން ކޯޓުގައި ދިން ޒިންމާދާރުކުޑަ ޖަވާބެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އަދިއަދަށް ދާންދެންވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި އިންޑިއާއާއެކު ސަރުކާރުން ވެފައިވާ އަސްކަރީ އެއްބަސްވުންކުގައިވަނީ ކޮން ކަންތައްތަކެއް ކަމެއް ދިވެހި ރައްޔިތުންނަކަށް ނޭނގެއެވެ. އެ މައުލޫމާތަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތެއް ކަމަށް ބުނެ، މައުލޫމާތު ހާމަ ނުކުރެވޭނެ އިސްތިސްނާ ހާލަތްތަކެއް ޑިފެންސް މިނިސްޓްރީން ފާހަގަކޮށްފައިވާތީ އައިކޮމްއިންވަނީ އެކަން ހާމަނުކުރަން ނިންމާފައެވެ. އެންމެނަށް އެނގޭ ބޮޑު ސިއްރުން ބައެއް އެވަނީ ރައްޔިތުންނަށް ސިއްރުވާނެހެން މުޅީން ވަންހަނާކޮށްފައެވެ.

ދެން އޮތީ އުތުރުތިލަފަޅުގެ އެއްބަސްވުމުގެ ވާހަކައެވެ. އުތުރުތިލަފަޅުގައި ދިވެހި ކޯސްޓްގާޑަށް ޑޮކްޔާޑަކާއި ބަނދަރެއް އިންޑިއާ ސަރުކާރުން އަޅައިދޭން ވެފައިވާ އެއްބަސްވުން ހޯދަން ރައްޔިތުންގެ މަޖިލީހުންވަނީ މަސައްކަތްތަކެއްކޮށްފައެވެ. އިންޑިއާ އާއެކު ވެފައިވާ އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ގެއްލުންވާކަމުގެ ތުހުމަތުކުރެވޭ ކަމަށް ބުނެ، އެ އެއްބަސްވުންތަކުގެ ތަފްސީލް ހޯދަން ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. އެކަމަކު އެ މައުލޫމާތު ހާމަކޮށްފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބުނެ އެ އެއްބަސްވުން ވެސް އަދި އޮތީ ރައްޔިތުންގެ މަޖިލީހަށާއި ދިވެހި ރައްޔިތުންނަށް ހާމަނުކޮށް އޮތް ބޮޑު ސިއްރެއްގެ ގޮތުގައެވެ.

ދެން އިވިގެންދިޔަ އަނެއް ވާހަކައަކީ، މޮރިޝަޝްއަށް ފޯޅަވައްސާ (ޗާގޯސްއާ) އެކު ދިވެހިންގެ މަސްކަނޑާ އެކަނޑު އަޑީގެ ހަަޒާނާތަކާއެކު ސިއްރު ސިޓީއަކުން ދޫކޮށްލި ކަމަށް ބުނާ ވާހަކައެކެވެ. ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއަށް އޮތް ކަމަށް ރާއްޖެއިން އެއްބަސްވެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގެ މައްސަލަ ހޫނުވެ، ބޮޑު ބަހުސަކަށް ވެފައިވީ ނަމަވެސް، އެ ސިޓީ އާންމުކުރުމުގެ ވިސްނުމެއް ނެތްކަމަށް ސަރުކާރުންވަނީ ބުނެފައެވެ.

ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ބުނެ އެ ގައުމުން ކުރާ ދައުވާއަށް ރާއްޖެއިން ގެންދިޔައީ މީގެކުރިން ފާޅުގައި އިންކާރުކޮށް، އދ.ގައި އެކަމާ ދެކޮޅަށް ވޯޓު ދެމުންނެވެ. ނަމަވެސް، އިންޓަނޭޝަނަލް ޓްރިބިއުނަލް ފޯދަ ލޯ އޮފް ދަ ސީޒް (އިޓްލޮސް) އަށް އެ ގައުމުން ލާފައިވާ ކަނޑުގެ އިން ކަނޑައެޅުމުގެ މައްސަލައިގައި ކުރިއަށްދިޔަ އަޑުއެހުންތަކުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ރާއްޖެއިން ބަލައިގަންނަން ނިންމައި ރައީސް ޞާލިޙް ވަނީ މޮރިޝަސްގެ ރައީސްއަށް ސިޓީއަކުން އެކަން ދަންނަވާފައި ކަމަށެވެ.

އެސިޔާސަތު ބަދަލުވިކަން ދިވެހިންނަށް ހާމަނުކުރައްވައި އެކަން ސިއްރިއްޔާތުގައި މޮރިޝަސްއަށް އެންގެވުމުން އާންމުންގެ ފާޑުކިޔުން ބޮޑުވެ ސަރުކާރުވަނީ ހޫނުފެނަށް ވެއްޓިފައެވެ. އެހެންނަމަވެސް، އަދިވެސް ސަރުކާރުން ގޮތް ދޫކުރާކަށް ނޫޅެއެވެ. ބުނަނީ ސިޓީ ހާމަނުކުރާނެ ކަމަށެވެ. މަޖިލީހުގެ 241 ކޮމިޓީން ވެސް އެ ސިޓީފުޅު ހޯދަން ކުރި މަސައްކަތް ދިޔައީ ފަނުފުލުންނެވެ.

މިގޮތަށް އެެތައް ކަމެއް މިސަރުކާރުންވަނީ ރައްޔިތުންނަށް ސިއްރުކޮށްފައެވެ. އެތައް ސިޓީއެކެވެ. އެތައް އެއްބަސްވުމެކެވެ. ހާމަކުރަންޖެހޭ ރައްޔިތުންގެ މަސްލަހަތު ހިމެނޭ އެތައް މައުމޫލޫމާތެކެވެ.

މި ދެއްކީ އެހެން ގައުމެއްގެ ނުފޫޒު ރާއްޖޭގެ މައްޗަށް އޮތް މިންވަރުގެ ވާހަކައެވެ. ސިއްރު އެތައް "ޑީލެއްގެ" ވާހަކައެވެ.

މި އެއްޗެހި ސަރުކާރުގެ އަންބޮނޑީ ތެރޭ ފޮރުވައިގެން އެއުޅޭ ގޮތަކުން ހަމަ ހީވާ ކަހަލައެވެ. މިއީ ވެރިކަމަކަށްވުރެ ބޮޑަށް، އަވަށްޓެރި ގައުމެއްގެ ދަށުވެފައިވާ ސިއްރުވެރިކަމެކެވެ.