ރިޔާސީ އިންތިޚާބު ޑރ. މުހައްމަދު މުޢިއްޒު ކާމިޔާބުކުރައްވައިފިނަމަ ރައީސް ޔާމީންގެ ނަންފުޅު ސިޔާސީ މައިދާނުން ފޮހެވިގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ވީޓީއިން ގެނެސްދިން 'ގާސިމް ފެނިފެސްޓޯ 2023' މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުޢިއްޒަށް ރިޔާސީ އިންތިޚާބު ކާމިޔާވެއްޖެ ނަމަ ރައީސް ޔާމީންގެ ނަންފުޅު ސިޔާސީ މަސްރަހުން ފޮހެވިގެންދާނެ ކަމަށެެވެ.

މިކަން ރައީސް ޔާމީނަށް ތާއީދުކުރައްވާ އިޚްލަސްތެރި ބޭފުޅުން ގަބޫލުކުރައްވާނެ ކަން ފާހަގަކުރައްވާ އިލްހާމް ވަނީ ޕީޕީއެމްގެ މާޒީއަކީ އެހާ ރީތި މާޒީއެއްނޫން ކަމަށް ވިދާޅުވެފައެވެ.

ރައީސް މައުމޫންގެ ޕާޓީއެއް ޕީޕީއެމަކީ. އެ ޕާޓީ އެންމެ ފަހުންވެގެންދިޔައީ ރައީސް ޔާމީންގެ ޕާޓީއަކަށް. ދެވަނައަށް މިދިޔައީ މި ރާއްޖޭގެ އެންމެ ބޮޑު ކިންގެކޭ އަޅުގަނޑު ދަންނަވާލާނީ. ވަރަށް ވަރުގަދަ ފަހުލަވާނެއް ރައީސް ނަޝީދަކީ. އެ ވަރުގަދަ ބޭފުޅާވެސް މަޑުމަޑުން ހުންނެވި ބޭފުޅަކަށް އެ ޕާޓީ ހަވާލުކުރެއްވުން އެމްޑީޕީ ޖައްސަވައިގެން އުދުހިގެން ވަޑައިގެންފި. ދެން މިއޮތީ ޕީޕީއެމް މިހާލަތާއި ވަރަށް ގާތުގަ."
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު

އިލްހާމް ވިދާޅުވީ ޑރ. މުޢިއްޒު އިންތިޚާބުވެއްޖެނަމަ ޕީޕިއެމް ވެގެންދާނީ މުޢިއްޒުގެ ޕާޓީއަކަށް ކަމަށާއި ރައީސް ޔާމީން މުޅި އުމުރުގަ ކުރެއްވި އުންމީދުތައް ވެއްޔާއި މޮޑެވި ފެނަށް ވެގެންދާނެ ކަމަށެވެ.

ސިޔާސީ ވާހަކަތައް ދައްކަވާނީ ފޮރުވިގެން ހުރެ ނޫން ކަށާއި ޕީޕީއެމަށް ސަޕޯޓުކުރާ ފަރާތްތަކަށް މި ވާހަކަތައް އަޑުއަހަން އުނދަގޫވާނެ ކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ވެރިކަން އަދި ނުލިބެނީސް މި ފަންޒަރުތައް އިދިކޮޅު ޕާޓީން ފެންނަން ފަށާފައިވާ ކަމަށެވެ.

އަޅުގަނޑު މިދަންނަވާ ވާހަކަތައް ޕީޕީއެމްގެ އިސްސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އުނދަގޫވާނެ. އުނދަގޫވިޔަސް މިދަންނަވަނީ މިހާރުވެސް ތިބޭފުޅުންގެ ސްޓްރެޓީޖިސް ބަދަލުކޮށް ރައީސް ޔާމީންގެ ބޭބޭފުޅުން އެއްފަރާތައް ޖައްސަވަން ފައްްޓަވައިިފި. ތި ފެށުނީ ކުޅިވަރު. މިކުޅިވަރު ނިމޭއިރު ރައީސް ޔާމީންގެ ސަޕޯޓަރުން ވޯޓު ދެއްވާނީ ގާސިމް އިބްރާހީމަށް."
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު

ރައީސް ޔާމީން ޖަލުން މިނިވަންވުމާ ގުޅިފައިވަނީ ގާސިމް އިބްރާހީމަށް ވޯޓު ދެއްވީމަކަން ފާހަގަކުރައްވާ އިލްހާމް ވިދާޅުވީ ރައީސް ޔާމީންވެސް މިވާހަކަތައް ގަބޫލުފުޅު ކުރައްވާނެ ކަމަށެވެ.

މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިލްހާމް ވަނީ ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ގޮސްފިކަމަށްވާނަމަ ޕީޕީއެމް އަދި އެމްޑީޕީ ފަހަތަށް ޖުމްހޫރީ ޕާޓީ ނާރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި މި ގައުމަށް މިއަދު ބޭނުންވަނީ ބޮޑު ޕާޓީއަކުން ނިކުންނަވާ ކެނޑިޑޭޓެއް ނޫން ކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.