ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް މިދުވަސްވަރު އެންމެ ބޮޑަށް، ސިޔާސީގޮތުން ފާޑުވިދާޅުވާ ބޭފުޅަކަށް ހަމަގައިމުވެސް އަދުގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރު އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އެޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް ވެވަޑައިގެންނަވާނެއެވެ.

ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީވެސް ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ކަށަވަރުކޮށްދޭނެ ކަމަށް ވައުދުވެ ދެއްވި ޔަގީންކަމުގެ މައްޗަށް ޖުމްހޫރީ ޕާޓީގެ ހިއްސާއާއެކު ގާއިމުވި ސަރުކާރުގެ ސަބަބުން، ގައުމަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވައި، ރައްޔިތުންގެ އިސްލާހީ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތުމުގެ އަޒުމުގައެވެ. އެއަޒުމުގައި ނުކުމެވަޑައިގެން ސަރުކާރާ އިދިކޮޅު އިއްތިހާދުން ނެރުން ކެންޑިޑޭޓަށްވުރެ ވެސް ބޮޑަަށް އަދުގެ ސަރުކާރާއި ރައީސް ޞާލިހަށް ފާޑުވިދާޅުވާ ނުވަތަ ސަރުކާރުން ހަދާފައިވާ ގޯސްތަކުގެ ވާހަކަދައްކަވާ ބޭފުޅަކީ އެމަނިކުފާނޭ ބުނުމަކުން ދޮގަކަށް ނުވާނެެއެވެ.

މިއީ ޤާސިމް އިބްރާހީމް، ރައީސް ޞާލިޙާ މެދު ޒާތީވެ، އެމަނިކުފާނު ފަލީހަތްކުރެއްވުމުގެ ނިޔަތުގައި ކުރައްވާ ކަމަކަށް ހަމަ ގައިމުވެސް ނުވާނެއެވެ. މާޒީން ހެކިދޭގޮތަށް، ގައުމާއި ދިވެހި ރައްޔިތުންގެ މަސްލަހަތު އިސްކުރުމުގައި ލާމަސީލު ނަމޫނާއެއް ދައްކަވަމުން ގެންދަވާ ޤާސިމްއަށް، ގައުމު "އަލިފާންގަނޑަކާ ދިމާލަށް ފުރޮޅެމުންދާތަން" ބައްލަވަން ހުރެވެން ނެތުމުން އެކަންކަމާ ދެކޮޅަށް އަބަދުވެސް ބަސް ބަސްވިދާޅުވާ މޭރުމުން އެކަން އެގޮތަށް ކުރައްވަނީއެވެ.

އެއީ ސިޔާސީ މައިދާނުގައި ކަން ހިނގާ ގޮތެވެ. ރިވެތި ޑިމޮކްރެޓިކް ވެށްޓެއްގައި ކަންތައް ވެގެންދާތަންވެސް ފެންނަނީ މިބީދައިންނެވެ. ޚިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫނެވެ. ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ވިސްނުމާއި ފިކުރާއި ހިޔާލު އަދި ކަންކުރާ ގޮތް އެއްގޮތެއް ނުވާނެއެވެ. އެކަމަކު އަހަރެމެން އެންމެންނަކީވެސް، އެއް މުޖުތަމައެއްގެ އަފުރާދުންނެވެ. އެއް މިއްލަތެއްގެ، އެއް އެއް އުންމަތެއްގެ، އެއް ބައެކެވެ.

މިއަދު ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ފޮޓޯއެއް ނުވަތަ ތަސްވީރެކެވެ. ފެންނަނީ ގައުމީ ކެންޑިޑޭޓް ޤާސިމްއާއި ރައީސް ޞާލިޙްއެވެ. ފޮޓޯއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގދ. އަތޮޅަށް ފުރާވަޑައިގަތުމަށް ރައީސް ވަޑައިގެންވަގުތާއި، ޅ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޤާސިމް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބައިވަޑައިގެން ވަގުތު ދިމާމެ، ދެ ބޭފުޅުން ބައްދަލުވެވަޑައިގަތުމުން، ނަގާފައިވާ ތަސްވީރެކެވެ. ފެންނަނީ ވަރަށް ހިތްގައިމު މަންޒަރެކެވެ. ރިޔާސީ ކެންޑިޑޭޓުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުން ސަލާންގަލާންކޮށް، ހިނިތުންވުމާއެކު ވާހަކަފުޅުދައްކަވާ މަންޒަރެވެ. ރައީސްގެ އަރިހުގައި ޤާސިމްގެ ދުވަސްވީ އެކުވެރިޔާ އަދި މިފަހަރު ރައީސް ޞާލިޙްގެ ކޯލިޝަން ޕާޓްނަރު، އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް މުޙައްމަދު (ސަން ޝިޔާމް)ވެސް ހުންނެވިއެވެ. އަދި ދެފަރާތުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުންވެސް އަރިހުގައި ތިއްބެވިއެވެ.

ހިތްގައިމު މަންޒަރެއް ނޫންތޯއެވެ؟ އެދެއްކެވީ ނަމޫނާ ނޫންތޯއެވެ؟ ޑިމޮކްރަސީގައި އޮންނަ އެންމެ ރިވެތި ސުލޫކަކީ ނުވަތަ ހަމައަކީ، ޚިޔާލުތަފާތުވި ނަމަވެސް، އިންސާނަކަށް ވީތީ، އެއް އުންމަތަކަށް ވީތީ، އޮންނަންޖެހޭ ރަނގަޅު ގުޅުންތައް، ހީނަރުވިޔަ ނުދީ ބަދަހިކޮށް ބޭއްވުން ނޫންތޯއެވެ؟ ރައްޔިތުން ހިފަންވީ މިފަދަ ނަމޫނާތަކުގައި ނޫންތޯއެވެ؟

ދަންނާށެވެ. އަހަރެމެންގެ ގައުމެވެ. ވަކި މީހެއްގެ ތަރިކަ މުދަލެއް ނޫނެވެ. ކޮންމެ ދިވެހި ރައްޔިތެއްގެ ހައްގުވެސް މިތާވެއެވެ. ސިޔާސީ ޚިޔާލުތަފާތުންވުތަކާއި އެހެނިހެން ޚިޔާލުތަފާތުވުންތައްވެސް ވާނެއެވެ. މިހުރިހާ ޚިޔާލުތަފާތުވުންތަކާއެކުވެސް އަހަރެމެން އެކުއުޅެން އެބަޖެހެއެވެ. އެކުއުޅުމަށްޓަކައި އަނެކާގެ ޚިޔާލަށް ތިބާ އިޙްތިރާމްކުރަން އެބަޖެހެއެވެ. ޚިޔާލުތަފާތުވުމުގެ ފިތުރަތުގެ ޤާނޫނަށް ތަބާވާން އެބަޖެހެއެވެ. ތިބާގެ ޚިޔާލަށް އަނެކާ ތާއީދު ނުކުރުމުގެ މާނައަކީ އަނެކާ ތިބާދެކެ ރުޅިއައުން އަދި ތިބާއަށް ނަފުރަތު ކުރުމެއްވެސް ނުމެނޫނެވެ. ޒާތީވުމެއް ނޫނެވެ. ގަޔަށް ބޮލަށް އަރާ ހިސާބަށް ދިއުމެއް ވެސް ނޫނެވެ.

އެއީ އޭނާގެ ޚިޔާލެވެ. އޭނާގެ ވިސްނުމެވެ. އޭނާ ދެކޭ ގޮތެވެ. ޚިޔާލުތަފާތުވުމަކީ މައްސަލައެއް ނޫންކަން ތިބާ ޤަބޫލުކުރަން އެބަޖެހެއެވެ. ކޮންމެ ޚިޔާލެއްވެސް "ހަޖަމްކުރަން" ދަސްކުރަން އެބަޖެއެވެ. ޚިޔާލާތުގެ އަސަރު، ގުޅުންތަކަށް ކޮށްގެން ނުވާނެއެވެ. އެއީ ދެ އެއްޗެކެވެ.