ހުއްދަ ނެގުމަކާއި ނުލައި ނިއުޔޯކް ސިޓީގެ މިސްކިތްތަކުން ބޭރަށް އަޑުއިވޭގޮތަށް ބަންގިގޮވުމަށް، ނިއުޔޯކް ސިޓީގެ މޭޔަރ ހުއްދަ ދެއްވައިފިއެވެ.

މިކަމަށް ހުއްދަ ލިބުނީ، ނިއުޔޯކް ސިޓީގެ މޭޔަރ އެރިކް އެޑަމްސް ނެރުއްވި އައު ގައިޑްލައިންގައެވެ.

ގައިޑްލައިނާ ހަވާލާ ދެއްވައި މޭޔަރ އެރިކް އެޑަމްސް ވިދާޅުވީ، ހުކުރު ދުވަހުގެ ހުކުރު ނަމާދަށާއި އަދި ރަމަޟާންމަހުގެ ރޯދަ ވީއްލާވަގުތު ޖެހިއްޖެކަން މުސްލިމުންނަށް އަންގަން މިސްކިތްތަކުން ބޭރަށް އަޑު އިވޭގޮތަށް ބަންގިގޮވަން ޚާއްސަ ހުއްދައެއް، ދެން ނަގަން ނުޖެހޭނެ ކަމަށެވެ.

މިސްކިތްތަކުން ބަންގި ގޮވާ އަޑު، އަޑުގަދަކުރާއިން ބަހައްޓަންޖެހޭ މިންވަރާ ގުޅޭގޮތުން މިސްކިތްތަކާއި، އަދި ފުލުހުންގެ ކޮމިއުނިޓީ އެފެއަރޒް ބިއުރޯއާ ގުޅިގެން ކަނޑައެޅުމަށްވެސް، މޭޔަރު ނެރުއްވި ގައިޑްލައިންގައި ހިމަނާފައި ވެއެވެ.

"ނަމާދަށް ބަންގިގޮވާ އަޑުވެސް އިއްވާލުމުގެ ހުއްދަ ނޯންނަކަމުގެ އިހްސާސް ކޮމިއުނިޓީތަކަށް ކުރެވޭތާ ވަރަށް ދުވަސްވެއްޖެ. މިއަދު އަޅުގަނޑުމެން މި ކަނޑާލަނީ އެ ރަތްޓޭޕް. ވަރަށް ސާފުކޮށް އަޅުގަނޑުމެން މިއަދު މި ބުނަނީ، ޚާއްސަ ހުއްދައެއް ނެގުމަކާ ނުލައި ހުކުރު ދުވަހާއި އަދި ރޯދަ ވީއްލާވަގުތު މިސްކިތްތަކުން އަޑުގަދަކޮށް ބަންގި ގޮވޭނެއޭ"
މޭޔަރ އެރިކް އެޑަމްސް

މޭޔަރ އެރިކް އެޑަމްސް މި ވާހަކަތައް ޕްރެސް ކޮންފަރެންސެއްގައި ހިއްސާ ކުރެއްވިއިރު، ސިޓީ ހޯލްގައި ނިއުޔޯކް ސިޓީގެ އިސްލާމީ ލީޑަރުންނާއި މިސްކިތްތަކުގެ ވެރިން ވަޑައިގެން ތިއްބެވިއެވެ.

އެޑަމްސް ވިދާޅުވީ، އޭނާ މޭޔަރުކަމުގައި ހުންނެވިހާ ދުވަހަކު ނިއުޔޯކްގެ މުސްލިމުން "އެމެރިކަން ޑްރީމްސް" ގެ ހިޔަނީގައި އުޅެން ނުޖެހޭނެ ކަމަށެވެ.

އެމެރިކާގައި ވެރިކަންކުރާ ޑިމޮކްރަޓިކް ޕާޓީއަށް ނިސްބަތްވާ އެރިކް އެޑަމްސްއަކީ ނިއުޔޯކް ސިޓީގެ ތަފާތު ދީންތަކުގެ ވެރިންނާ ގާތް ގުޅުމެއް ބާއްވާ ބޭފުޅެކެވެ. އަދި އޭނާއަކީ އާންމު ދިރިއުޅުމުގައި ދީނުގެ ދައުރު ހިމެނުން ވަރަށް ބޮޑަށް ޕްރޮމޯޓްވެސް ކުރައްވާ ބޭފުޅެކެވެ.

ނިއުޔޯކް ސިޓީއަކީ އެމެރިކާގެ އެންމެ އާބާދީބޮޑު ސިޓީއެވެ.

ހުކުރުދުވަހުގެ ހުކުރު ނަމާދަށާއި، ރޯދަ ވީއްލާ ވަގުތު ޚާއްސަ ހުއްދައެއް ނެގުމަކާނުލައި އަޑުގަދަކޮށް ބަންގި ގޮވުމުގެ ހުއްދަ ނިއުޔޯކް ސިޓީން ދިންއިރު، އެމެރިކާގެ މިނިއާޕޮލިސްއިން މިދިޔަ އަހަރުވަނީ، މިސްކިތްތަކުން އަޑުގަދަކޮށް ބަންގިގޮވުމުގެ ހުއްދަ ދީފައެވެ.