ވެގްނަރ ގްރޫޕްގެ ވެރިޔާ ޖެނެރަލް ޔެވްގެނީ ޕްރިގޯޒިން ދަތުރުކުރި މަތިންދާ ބޯޓު ގަސްތުގައި ވައްޓާލީ ކަމަށް ބެލެވޭ ކަމަށް ރަޝިޔާއިން ބުނެފިއެވެ.
މިއީ، ޖެނެރަލް ޔެވްގެނީ ޕްރިގޯޒިން ދަތުރުކުރި މަތިންދާ ބޯޓު މިމަހުގެ 23 ވަނަ ދުވަހު ވެއްޓުނު ހާދިސާއާ ގުޅިގެން، މިއީ އޭނާ މަރާލަން ބަޔަކު ގަސްތުގައި ކުރިކަމެއް ކަމަށް އިޝާރާތްކޮށް ރަޝިޔާއިން އެއްޗެއް ބުނި ފުރަތަމަ ފަހަރެވެ.
ޔޫކްރެއިންގައި ރަޝިޔާއަށް ހަނގުރާމަކޮށްދެމުން ގެންދިޔަ ކުލީ ސިފައިންގެ ގްރޫޕް، ވެގްނަރގެ ވެރިޔާ ދަތުރުކުރި ޕްރައިވެޓް މަތިންދާ ބޯޓު ވެއްޓުނީ، ރަޝިޔާގެ ވެރިރަށް މޮސްކޯއިން ފުރައިގެން ޕީޓަރސްބާގަށް ދަތުރުކުރަނިކޮށް، ޓްވަރ ރީޖަންގެ އަވަށެއް ކަމަށްވާ ކުޝެންކިނޯ ކައިރިއަށެވެ.
މިހާދިސާގައި ޖެނެރަލް ޔެވްގެނީ ޕްރިގޯޒިންއާއެކު، ބޯޓުން ދަތުރުކުރި 10 މީހުންވެސް ވަނީ މަރުވެފައެވެ.
ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންއިން ބުނެފައިވަނީ، މިހާތަނަށް ކުރިއަށްގެންދިޔަ ތަހްގީގުތަކުން، ބޯޓު ގަސްތުގައި ވައްޓާލީ ކަމަށް ގަބޫލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯ ވިދާޅުވީ، ބޯޓު ވެއްޓުނު ހާދިސާ، ވަރަށް ގިނަ ގޮތްގޮތަށް ބަލަމުންދާ ކަމަށާއި، އެގޮތުން، މިއީ ބަޔަކު ގަސްތުގައި ކުރިކަމެއް ކަމަށް ބަލައި، އެކަންވެސް ތަހްގީގުކުރަމުންދާ ކަމަށެވެ.
ބޯޓު ވެއްޓުނު ސީދާ ސަބަބު އެނގޭނީ ރަޝިޔާއިން ކުރިއަށްގެންދާ ތަހްގީގު ނިމި ނަތީޖާ ލިބުމުން ކަމަށްވެސް ޕެސްކޯވް ވިދާޅުވިއެވެ.
ބޯޓު ވެއްޓުނު ސަރަހައްދުން މަންޒަރު ދުށް އާންމުން ބުނެފައިވަނީ، އެ ބޯޓު ވެއްޓުނީ ބާރު އަޑުފަށްގަނޑެއް އިވުމަށްފަހުގައި ކަމަށެވެ.
ވެއްޓުނު ބޯޓަކީ ބްރެޒިލްގެ ކުންފުންޏަކުން އުފައްދާފައިވާ މަތިންދާ ބޯޓެވެ.
ނަމަވެސް، ބައިނަލްއަގްވާމީ ގަވާއިދުގެ ތަކުގެ ދަށުން ތަހްގީގު ކުރިއަށް ނުގެންދާނެ ކަމަށް ރަޝިޔާއިން ބްރެޒީލަށް އަންގާފައިވާ ކަމަށް މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ. އޭގެ ބަދަލުގައި ރަޝިޔާއިން ކުރިއަށް ގެންދާނީ އަމިއްލަ ތަހްގީގެއް ކަމަށް ބުނެފައި ވެއެވެ.
ޖެނެރަލް ޔެވްގެނީ ޕްރިގޯޒިން ދަތުރުކުރި މަތިންދާ ބޯޓު ވެއްޓި އޭނާ މަރުވީ، ޕްރިގޯޒިން ރަޝިޔާ ސިފައިންގެ ވެރިންދެކެ ރުޅިއައިސް، ޔޫކްރެއިން ހަނގުރާމައިގެ ކުރީ ސަފު ދޫކޮށް ފައިބައި އަދި ޔޫކްރެއިނާ އިންވެގެން އޮންނަ ރަޝިޔާގެ ރޮސްޓޮވް ސިޓީ ހިފިތާ ބަރާބަރު ދެމަސް ފުރުނު ދުވަހުއެވެ.
ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންއާއި، މުޅި ރަޝިޔާއަށް ސިހުން ލިބިގެންދިޔައީ، ވެގްނަރ ގްރޫޕްގެ ހަނގުރާމަވެރިން ތިބި ކޭމްޕަކަށް ރަޝިޔާއިން ބޮންއެޅި ކަމަށްބުނެ ޕްރިގޯޒިން ވަރަށް ރުޅިއައިސް، ހަނގުރާމަވެރިންގެ ފައުޖަކާއެކު ވެރިރަށް މޮސްކޯއާ ދިމާއަށް މިސްރާބުޖެހުމެވެ.
މިކަމާހެދި ރައީސް ޕޫޓިން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައި ގެންނެވިއެވެ. އަދި މޮސްކޯ ވަށައިގެން ސަލާމަތީ ފިޔަވަޅު ވަރަށް ވަރުގަދަ ކުރިއެވެ.
ނަމަވެސް، ޖެނެރަލް ޔެވްގެނީ ޕްރިގޯޒިން ފަހުން ވަނީ، ލޭއޮހޮރުވުމަކަށް ދާން ބޭނުން ނުވާކަމަށް ބުނެ އޭނާގެ ފައުޖު އަނބުރާ ގެންގޮސްފައެވެ.
މިކަމާހެދި ވެގްނަރ ގްރޫޕްގެ ކިބައިން ޕޫޓިން ބަދަލުހިފާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ.
ޖެނެރަލް ޔެވްގެނީ ޕްރިގޯޒިން ދަތުރުކުރި ބޯޓު ވައްޓާލީ ރަޝިޔާއިން ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.