ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ދާންޖެހުނަސް ޕީޕީއެމް ފަހަތަށް އަރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ވީޓީވީން ގެނެސްދިން 'ގާސިމް މެނިފެސްޓޯ 2023' މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ ދެވަނަ ބުރެއްގައި ވޯޓުލާން ޖެހުނަސް ޕީޕިއެމް އަދި އެމްޑީޕީގެ ފަހަތަށް އަރަން ޖެހޭ އެއްވެސް ހާލަތެއް ނޯންނާނެ ކަމަށެވެ.

ގާސިމް އިބްރާހީމް ދެވަނަ ބުރަކުން ޖާގަ ހޯއްދަވާނެކަން ފާހަގަކުރައްވާ އިލްހާމް ވިދާޅުވީ އިންތިޚާބުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ.

ޕީޕީއެމަކަށް އަޅުގަނޑުމެންގެ ޝައުގުވެރިކަމެއް ނެތޭ. ބައެއް ބޭފުޅުން ހީކުރައްވަނީ ޕީޕީއެމާ ދިމާލަށް އަޅުގަނޑުމެން ގޮސްދާނެއޭ. އެކަމަށް އެއްވެސް އިންޓްރެސްޓެއް ނެތް. ހީފުޅުކޮށްގެން ނުވާނެ އަޅުގަނޑުމެން ޕީޕީއެމާ ދިމާލަށް ގޮސްދާނެއޭ. ނޫން. އެއްވެސް ޝައުގުވެރިކަމެއް ނެތް. މިތިބީ ގަދަކޮށް. ޕީޕީއެމާ ދިމާލަށް ދިޔުމުގެ އެއްވެސް ވިސްނުމެއް ނެތް. އެއްވެސް ހާލަތެއް އަޔަސް ޕީޕީއެމާ ދިމާލަށް ދިޔުމުގެ ވިސްނުމެއް ނެތް. އުނދަގޫވިޔަސް ހެޔޮ މި ދަންނަވަނީ ތެދު ބަހުން. ބޮޑު ޕާޓީއަކަށް ވެރިކަން ލިބިދާނެ ކަމަށް ލަފާކޮށް ދާ ބަޔަކު ދާންވީ. އަޅުގަނޑުމެންގެ ޝައުގުވެރިކަމެއް ނެތް."
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު

އިލްހާމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައްޔިތުންގެ މުހުތާދުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ފުއްދަވައިދެއްވާނެ ކެންޑިޑޭޓް ކަމަށާއި އެމަނިކުފާނު ރައްޔިތުންނަށް އަނިޔާވެރި ނުވާނެ ކަމަށެވެ.

ރާއްޖޭގެ ސެކިއުރިޓީ ކަށަވަރުކޮށްދާނެކަން ފާހަގަކުރައްވާ އިލްހާމް ވިދާޅުވީ ރާއްޖޭގެ ތިންވަނަ ޕާޓީއެއް ވެރިކަން ކުރުމަށް ޕީޕީއެމް އަދި އެމްޑީޕީވެސް ނޭދޭ ކަމަށެވެ.

އެމްޑީޕީ އާއި ޕީޕީއެމްގެ މައިގަނޑު ސްޓްރެޓީޖިކް ވިސްނުމަކީ ފަސް އަހަރުން ފަސް އަހަރުން ދެ ޕާޓީ ވެރިކަން ކުރުން ކަމަށާއި މިކަމަކީ ވަރަށް ބޮޑަށް ރޭވިގެން ހިންގާ ބޮޑު ޖަރީމާއެއް ކަަމަށެވެ.