ދިމާވާ އެކި ގޮންޖެހުންތަކަށް ރޫހާނީ ފަރުވާ ހޯދައިދޭނެ ކަމަށް ބުނެ ރާއްޖޭގައި ހިންދޫ ދީން ފަތުރަން މަސައްކަތް ކުރި ފާދިރީ އަށް ފުލުހުން ހިމާޔަތް ދީފިއެވެ.

އޭނާގެ ސޯޝަލް މީޑިއާ ޕޭޖުގައްޔާއި މީސްމީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި އޭނާ ވަނީ ރާއްޖޭގައި އެކި ކުލާސްތައްް ނަގައިދޭން ބާއްވާފައިވާ ކަން އިޝްތިހާރު ކޮށްފައެވެ.

މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް މި ކުލާސްތައް ބާއްވަނީ އެމްޑީޕީއަށް ނިސްބަތްވާ ކެލާ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފުގެ ހިއްސާ އޮންނަ އުނިމާ ގުރޭންޑުގައި އޮންލައިންކޮށް ކަމަށް އިޝްތިހާރުގައި ބުނެފައި ވެއެވެ.

މި މައްސަލަ ފެންމަތި ވުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ސޯޝަލް މީޑިއާގައި އެކަމާ މެދު ނުރުހުން ފާޅުކޮށް ގިނަ ބަޔަކު ޕޯސްޓް ކުރަން ފެށުމުން ފުލުހުން ވަނީ ގަނޭޝް ޑުބޭ ނަމަކަށް ކިޔާމި ފާދިރީ އުނިމާ ގްރޭންޑުން ނެރެ އޭނާއަށް ހިމާޔަތް ދީފައެވެ.

މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޓުއަރިސްޓް ވިސާގައި ރާއްޖެ އައިސް، ދިމާވާ ގޮންޖެހުންތަކަށް ރޫހާނީ ހައްލު ހޯދައިދޭން ދަސްކޮށްދޭ ކްލާސްތަކެއް ހިންގާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓު ކޮށްފައިވާ ކަން އެ މުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެކަމާ ގުޅިގެން އެ ފާދިރީ އާއި އެކަމުގައި ބައިވެރިވާ ކަމަށް ބެލެވޭ އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެއިތުރުން، މައްސަލަ އަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާ ބެހޭ ގާނޫނާއި އިމިގްރޭޝަން ގާނޫނާ ޚިލާފު ކަމަކަށް ވާތީ، ކަމާގުޅޭ އިދާރާތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

މިއީ ރާއްޖޭގައި ހިންދޫ ދީން އުނގަންނައިދިނުމުގެ އަމަލެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ބުނަމުން އަންނައިރު މިއީ މިފަދަ ކްލާސްތަކެއް އާންމުކޮށް އިޝްތިހާރުކޮށްގެން ބާއްވަން އުޅުނު ފުރަތަމަ ފަހަރެވެ. އިސްލާމްދީނުގެ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ހަވަނަ މާއްދާއާއި ނުވަ ވަނަ މާއްދާއާ ކަނޑައެޅިގެން ހިލާފުކަމެއް ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ސަރުކާރާއި ގާތްގުޅުމެއް އޮންނަ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީއަކީ ހަރުކަށި ހިންދޫ ފިކުރުގެ ޕާޓީއެއްކަމަށްވާއިރު ރާއްޖެއިން އިސްލާމްދީން ފުހެލުމަކީ އިންޑިއާގެ އަމާޒެއްކަމަށްގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

މިކަމުގައި ސަރުކާރުން މިހާތަނަށް ބަހެއް އާއްމުކޮށްފައި ނުވާއިރު އޭނާއަށް ފުލުހުން ހިމާޔަތްދިން ސަބަބުވެސް ހާމަކޮށްފައެއް ނުވެއެވެ.