ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް ގާސިމް އިބްރާހީމް ދެކެ ސިޔާސީ ބޭފުޅުން ޖެހިލުންވަނީ އެމަނިކުފާނުގެ ހިތްވަރުގަދަ ކަމާއި ހަރުދަނާކަން އެ ބޭފުޅުންނަށް ފަހުމުވާތީ ކަމަށް ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖުމްހޫރީ ޕާޓީގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ، ގާސިމްއަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެމަނިކުފާނުގެ އަގު ވައްޓާލުމަށް ވާދަވެރި ފަރާތްތަކުން ތާ އަބަދު މަސައްކަތް ކުރަމުންދިޔުމުން، އެފަދަ މީހުން ގާސިމް ދެކެ ޖެހިލުންވާ މިންވަރު ފެނިގެންދާ ކަމަށެވެ.

ހުރިހާ ދާއިރާއަކުން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ހަމައެކަނި ބޭފުޅަކީ ގާސިމް އިބްރާހީމްކަން ފާހަގަކުރައްވައި އިލްހާމް ވިދާޅުވީ، އެމަނިކުފާނުގެ ވާދަވެރިންނަށް އެ ވާހަކަތައް އަޑުއަހަން ވަރަށް އުދަނގޫ ވާނެ ކަމަށެވެ.

އިލްހާމް ވިދާޅުވީ އެއީ ބަދަލު ނުކުރެވޭނެ ހަގީގަތެއް ކަމަށާއި، އެމަނިކުފާނުގެ ތަޖުރިބާ އާއި ގާބިލުކަމާމެދު ޝައްކު ކުރުމުގެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

ބައެއް ބޭފުޅުންނަށް ވާ ގޮތަކީ ގާސިމް އިބްރާހީމްގެ ސްޓްރެންތު އިނގޭތީ ކުޑަކޮށް ޖެހިލުން ވަނީ. ޒަމާނުއްސުރެ އޮނަރަބަލް ގާސިމް އިބްރާހީމް އާ ބެހޭގޮތުން ދޮގު ވާހަކަތައް ދައްކާ. ދާދިފަހުން ވެސް ވަނީ ތަފާތު ވާހަކަތަކެއް ދައްކާފަ. ގާސިމް ގެ މުދާވެރިކަން ގިނަ ކުރާށޭ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ. އެންމެ ކަމެއް ވިދާޅުދެއްވަބަލާ ގާސިމް އިބްރާހީމް އަށް ލިބުނު އެއްޗެއްގެ ނަން.
ގާސިމްގެ އިބްރާހީމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު

ވަކި ދާއިރާއަކަށް ވަކި މީހަކަށް ބެލުމެއްނެތި އެންމެންގެ ބޭނުންތައް އެނގިވަޑައިގެން ޚިދުމަތް ކުރެއްވި ހަމައެކަނި ވެރިޔަކީ ގާސިމް ކަމަށް އިލްހާމް ވިދާޅުވިއެވެ.

ގާސިމް އިބްރާހީމް ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާތީ، އެމަނިކުފާނުގެ ތާއީދު އިދިކޮޅު ޕީޕީއެމްއަށް އޮތް ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކޮށް އެފަދަ ވާހަކަތައް ފަތުރަމުން ދާކަމަށް އިލްހާމް ވިދާޅުވިއެވެ.

ނަމަވެސް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އަނިޔާވެރިކަން ރައްޔިތުންނަށް ފެނިގެން ގޮސްފައިވާ ކަމަށާއި، ޕީޕީއެމަށް ވެރިކަން ހޯދައި ދިނުމަށް ގާސިމް އިބްރާހީމް އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީފާގެ ފުރުސަތާއި ބޭސްފަރުވާއާއި ނަން ހުސްކޮށް ކަން ހުސްކޮށް ކަންތައްތައް ކޮށްދެވޭނެ ބޭފުޅަކީ ގާސިމް އިބްރާހީމް. އެމަނިކުފާނަށް ވޯޓު ދެއްވާށޭ. އެއްކޮޅުން އޮތީ ގައުމުގެ ސެކިއުރިޓީ، އަނެއްކޮޅުން އޮތީ އަނިޔާވެރިކަން. އެދުވަސް އަނބުރާ ނުގެންނަވާތި.
އިލްހާމް އަހުމަދު

މީގެއިތުރުން އިލްހާމް ވަނީ ދިވެހި ފުލުހުންނާއި ސިފައިންނަށް އިލްތިމާސެއް ކުރައްވާފައެވެ.

ގައުމު މިއަދު އަޅުވެތިވެފައިވާ މިންވަރު ފާހަގަކުރައްވައި އިލްހާމް ވިދާޅުވީ އިންތިޚާބުގައި ވޯޓު ލާނެ ކެންޑިޑޭޓަކީ އަންނަން އޮތް ޖީލާއި ދިވެހި ރައްޔިތުންގެ ހައްގުގައި އުފެދޭ ސުވާލެއް ކަމަށެވެ. އަދި ގައުމަށް ހެޔޮ އެދޭނަމަ ގާސިމް ފަދަ އިޚުލާސްތެރި ޚިދުމަތްތެރި ވެރިއަކަށް ވޯޓު ދިނުމަށް އިލްހާމް ވަނީ ގޮވާލާފައެވެ.