ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިކުމެވަޑައިގަތް ޤައުމީ ކެންޑިޑޭޓް އޮނަރަބްލް ޤާސިމް އިބްރާހީމް އަކީ ސިޔާސީ ރޮނގުން އެންމެ ކުރީގައި އެހެން ހުރިހާ މީހުނަށް ހުރި ގޮންޖެހުމެކޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެންމެ ފުރަތަމަ އެމަނިކުފާނުގެ ސިޔާސީ ހައިބަތު ފެނިވަޑައިގަތީ ރައީސް މައުމޫނަށެވެ. ކެތްކުރެއްވޭ ގޮތެއް ނުވިއެވެ. ގިނަ ދުވަސްތަކެއް ވަންދެން އެކި ގޮތްގޮތުން ދަތި އުނދަގޫ ޖައްސަވައި އެކަމުން ބަލިކަށިކަމެއް ފެނިވަޑައިނުގަތުމުން ގެންގޮސް ލެއްވެވީ ޖަލަށެވެ.
އެހިސާބުން ރާއްޖޭގެ އެންމެނަށް އެމަނިކުފާނުގެ ސިޔާސީ ޙަޔާތްޕުޅުގެ ހުރި އާރާއި ބާރު ފެނިގެންދިޔައެވެ. ނަތީޖާއަކަށްވީ ރާއްޖޭގެ ރިޔާސަތުގެ ހުންގާނުގައި ހިތްޕެވުމަށް ކެތްމަދުވެވަޑައިގެން ތިއްބެވި ބޭފުޅުންނަށް އެކަން ތަޙައްމަލު ކުރައްވަން އުނދަގޫވެ ވަޑައިގަތުމެވެ. އަދި ވެރިކަމުގެ އާރާއި ބާރުގައި ތިއްބެވި ބޭފުޅުން ޤާސިމާއި މެދު ކަންކަން ކުރައްވަމުން ގެންދެވި އިހާނެތި ގޮތްތައް ވެގެންދިޔައީ މިދެންނެވި ބޭފުޅުންނަށް ލިބިވަޑައިގެންނެވި ބާރަކަށެވެ. އަދި އެކަމުގެ ފައިދާ ނަންގަވައިގެން އެކި ދުވަސްވަރު އެކި ގޮތްގޮތަށް އެމަނިކުފާނުގެ ޙިކުމަތު ޢަމަލީ ބަލިކަށި ކުރެއްވުމަށް ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ. ގޮތްގޮތަށް އެ މަނިކުފާނާއި މެދު މީހުންގެ ހިތުގައި ޝައްކު އުފެދޭނޭހެން ވާހަކަތައް ފަތުރަމުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ތަނަވަސްކަމަކީ ދިވެހީން އޮހޮރި ދަލުން ނެރުނު އެއްޗެއްގެގޮތުގައި ދެއްކޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. އެއީ ބޭރުގެ ބޭންކަކުން ވިޔަސް އެތެރޭގެ ބޭންކަކުން ކަމުގައިވިޔަސް ދިވެހި ދައުލަތް ރަހުނުކޮށްގެން ނަންގަވާ އެއްޗެއްކަމަށާއި އެހެންވީމާ އެންމެނަށް ބައިއަޅަން މަޖުބޫރު ކަމަށް ބުނެ ހަން ފަތުރަމުން ގެންދިޔައެވެ. އަދި އެއިން ކަމަކަށް މިހާތަނަށް އެމަނިކުފާނު ރައްދެއް ދެއްވައިފައި ނުވިނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެކަމުގެ ޙަޤީޤަތްތައް ބަޔާން ކޮށްދެއްވައިފިއެވެ.
ޤާސިމްގެ އުފެއްދުންތެރިކަމާއި ޢާންމު ޚިދުމަތުން ދިވެހީންނަށް ލުއިފަސޭހަ ލިބި ދިރިއުޅުން އާރާސްތުކުރުމަށްޓަކައި އެހީތެރިކަން ދެއްވަމުން ވަޑައިގަތުންވެސް ވީ އެމަނިކުފާނާއި ދިވެހި ރައްޔިތުން ދުޝްމަނު ކުރުވަން އެބޭފުޅުން ބޭނުންކުރެއްވި ހަތިޔާރަކަށެވެ. ނަމަވެސް އެއިން ކަމަށް ނުބައްލަވައި ދިވެހީންނަށް އެންމެ ބޮޑު މުސާރައެއް ދެއްވައިގެން ވަޒީފާތައް އިތުރުކުރައްވަމުން ގެންދެވިއެވެ. މިއީ އެހެން ވިޔަފާރިވެރީންނަށްވެސް ހަޖަމު ކުރައްވަން އުނދަގޫފުޅު ކަމަކަށް ވިއެވެ. ސަބަބަކީ އެބޭފުޅުން ދިވެހީން ލައްވައި ބުރަ މަސައްކަތް ކުރައްވަމުން ހޯއްދަވަމުން ގެންދަވާ ނަފާއިން ޙަލާލު މިންވަރަށް ދެއްވެވެން އޮތް އިރުވެސް އަންބޮނޑި ބޮޑުކުރައްވަން އުޅުއްވުމެވެ. ނަމަވެސް ޤާސިމްގެ ދެމެހެއްޓެނިވި ސިޔާސަތުގެ ސަބަބުން ނަފާ އިތުރުކޮށްގެން އަންބޮނޑި ބޮޑުކުރަމުންދިޔަ ފަރާތްތަކަށް ޖެހުނީ މުސާރަވެރީންނަށް ޙަލާލު މިންވަރު ދެއްވާށެވެ. އެމީހުން އޮހޮރާދަލުގެ އަގު ދޭށެވެ. މިއީ ދިވެހީންގެ ޤަދީމީ ޒަމާނުއްސުރެ ގެންގުޅުނު އަޅުވެތިކަމުގެ ކަސްތޮޅުތަކުން ދިވެހީންނަށް މިންޖުވާން ލިބުނު ވަރަށް ބޮޑު އެހީއަކަށް ވިއެވެ.
ޤާސިމް އިބްރާހީމް ރިޔާސީ ރޭހަށް ނިކުމެވަޑައިގަތުމުގެ ކުރީން އެމަނިކުފާނު އެފަދަ ކަމެއް ކުރައްވައިފިނަމަ ވާނެގޮތް އެނގިވަޑައިގެން ތިއްބެވި ވެރިކަމުގެ ހައިބަތާއި ޤަދަރުގައި ދާއިމަށް އުޅުއްވަން ބޭނުންފުޅުވި ބޭފުޅުން އެމަނިކުފާނުގެ އަބުރު ގެއްލުވައިލުމަށް އެތައް މަސައްކަތްތަކެއް ކުރެއްވިއެވެ. އެހެން ނަމަވެސް ޤާސިމްގެ ފަރާތްޕުޅުން ފެނިގެންދިޔައީ ދިވެހި ދައުލަތަށް ވަފާތެރި ދިވެހީންގެ ދުޅަހެޔޮ ދިރިއުޅުމަށް މަގުތައް ކޮށްޓަވައިދެއްވަމުން ވަޑައިގަތްތަނެވެ. ދިވެހި ދައުލަތުގެ ބަޖެޓަކީ ރާއްޖޭގެ ތަރައްޤީއާއި އިޤުޞާދު ކުރިއެރުވުމަށް އަޅުއްވައިދެއްވި ފިޔަވަޅަކަށްވުމެވެ. ރާއްޖޭގެ މާލީ ވަޒީރުކަމާއި ފުރަތަމަ ފަހަރަށް ދައުލަތުގެ ސިއްކައިގެ ޝަރަފުވެރިކަން ލިބިވަޑައިގަތް ބޭފުޅަކަށްވުން ވެގެންދިޔައީވެސް ސިޔާސީ ގޮތުން އެމަނިކުފާނާއި ދިމާކޮށްލައިގެން އުޅުނު މީހުންގެ އުއްމީދުތަކުގައި ހުއްޓުމެއްގެ ސިއްކަ ޖެހުނު ކަމެއްކަމަށް ހީވެގެން ދިއުމެވެ. އެއީ އެމަނިކުފާނާއި މެދު އެމީހުންގެ ހިތުގައި ޙަސައްދަވެރިކަން އިތުރުވެގެން ދިޔަކަމެއް ނޫނެކޭ ބުނެވޭކަށްނެތެވެ.
ދާދިފަހުން ހިނގައިދިޔަ ކަމެއް މިތަނުގައި އަޅުގަނޑު ފާހަގަ ކޮށްލާނަމެވެ. އޯގަސްޓު މަހުގެ 22 ވަނަ ދުވަހު ރާއްޖޭގެ ރަށެއްގައި ކެމްޕޭން ކުރައްވަމުން ޤާސިމް ގެންދެވިއިރު މީހެއްގެ ގައިގާ ޤާސިމް ޖެއްސެވިކަމަށް ބުނެ މީހުނަށް ޙަޤީޤަތް އޮޅުވާލުމަށް ވީޑިއޯއެއް ވައިރަލް ކުރަމުން ގެންދަނީއެވެ. ނަމަވެސް އެ ވީޑިއޯގެ ޙަޤީޤަތް ވަރަށް ގާތުން ދުށް މީހަކަށް އަޅުގަނޑުވާތީ އެވާހަކަ މިތާނގައި ޙިއްޞާ ކޮށްލާނަމެވެ. އެއީ ފަހަރެއްގައިވެސް މީހެއްގެ ގައިގާ ޤާސިމް ޖައްސަވައި ނުވަތަ އެފަދަ ކަމަކަށްވެސް ޙަރަކާތެއް ކުރެއްވި ޙާދިޘާއެއް ނޫނެވެ. އެއީ ކޮންމެވެސް ކަމަކަށް ލިބިވަޑައިގަތް އިޝާރާތަކަށް ކުއްލިއަކަށް އަތްޕުޅު ތިރިކޮށްލެއްވެވި ޙާދިޘާއެކެވެ. ބަލާ މީހަކަށްވެސް ފުންކޮށް ވިސްނައިފިނަމަ ޤާސިމްގެ އަތްޕުޅާއި އެމީހަކާއި ދެމެދުގައި ހުރި ދުރުމިން ފާހަގަ ކުރެވެން ވާނެއެވެ. މީގެ އިތުރުން އެމީހެއްގެ ގައިގާ ނުވަތަ އެކަން ގޮތްގޮތަށް އަނބުރަމުން ގެންދާ މީހުން، އޭނާގެ ބޮލުގައި ޖެއްސެވިކަމަށް ބުނާއިރު އެމީހެއްގެ ބޮލުގައި އޮތް ތޮތްޕަށްވެސް ގުޑުމެއް އަރަން ވާނެއެވެ. ނަމަވެސް އެފަދަ ކަމެއްވެސް ނެތްކަން ހަމަ އެބަޔަކަށް ނުފެންނަނީ ބާވައެވެ؟ ނުވަތަ ފެންނާން ހުންނަ ޙަޤީޤަތްވެސް އެހެން މީހުންނަށް އޮޅުވައިލައިގެން ޙަސަދަ ވެރިކަން އިތުރުކުރުވަނީ ބާވައެވެ؟
ދަންނަވަންތޯއެވެ. އެތަނުގައި ޓެކްނީޝަނެއްގެ ގޮތުގައި އެހުރީ އަޅުގަނޑެވެ. ބްރޯޑްކާސްޓިންގ ސްޓޭޝަނެއްގައި މަލްޓިޓާސްކް މަސައްކަތްކުރާތީ އެއީވެސް އަޅުގަނޑުމެން ކުރާ މަސައްކަތެކެވެ. އެހެން ނަމަވެސް ކަމުގެ ޙަޤީޤަތް އޮޅުންފިލުއްވަވަން އުޅުއްވި ބޭފުޅެއް ނެތެވެ. އޭގެ ބަދަލުގައި ސިޔާސީ ގޮތުން ވަރުގަދަ، އިޖުތިމާޢީ ގޮތުން މަދަދުވެރި، އިޤުތިޞާދީ ގޮތުން އުފެއްދުންތެރި ޢާންމު ޚިދުމަތްތެރިއަކަށްވެފައި، ހިންގުމުގެ ދާއިރާއިން އަރައި ހަމަކޮށްނުލެވޭ ތާނގައި ގޮންޖަހައިވެސް ލެވޭނެ ވަރު މިފަހަރުގެ ރިޔާސީ ރޭހުގައި ނިކުތް ރުއްގިނަކުރައްވާ ބޭފުޅުންނަށް ނެތުމުން އާ ގޭހެއް އަނބުރުއްވަން ފެއްޓެވީއެވެ. އަދި އެއްކަމެއް ސާފުކޮސްދިނީމާ އެހެން ކަމެއް އުފައްދަވައިގެން އެހެން ގޭހެއް އަނބުރުއްވަވަން މަސައްކަތް ކުރައްވަވާތަން އެބަ ފެނެއެވެ.
އެ ވީޑިއޯއަށް އަދިވެސް އެއްފަހަރު ނަޒަރު ހިންގަވައިލައްވާށެވެ. އޭރުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާއި މެދު އެ ވިޑިއޯ މެދުވެރި ކުރައްވަވައިގެން ދައްކަވާ ވާހަކަފުޅަކީ ހައްދަވައިގެން އުފައްދަވައިފައިވާ ފާސިޤުންގެ ސިފައެއްކަމުގައި ބެއްލެވޭތަން އަމިއްލަފުޅަށްވެސް ފެނިވަޑައިގަންނަވާނެއެވެ. ތިމާގެ އަމިއްލަ ނަފްސަކީ ތަޤުވާގެ އެއްވެސް ސިފައެއްނެތް އެއްޗެއްކަމަށް އަމިއްލަފުޅަށް ޤަބޫލުކުރެއްވެވޭނެއެވެ. އެހެނީ އެ ވީޑިއޯއިން ފެންނަ މަންޒަރު އެއީ ތުރީ ޑިމެންޝަނަލް މަންޒަރެއްނަމަ ޤާސިމާއި އަޅުގަނޑާއި ދެމެދު ހުރި ދުރުމިނާއި ޤާސިމް ބައްލަވަމުން ގެންދަވަނީ އަޅުގަނޑު ފަހަނައަޅައި އެއަށްވުރެ ދުރަށްކަން އެނގިވަޑައިގަންނަވާނެއެވެ. ނަމަވެސް އެއީ ޓޫ ޑިމެންޝަނަލް ވީޑިއޯއެއްވީމާ ޑެޕްތު ފެންނާކަށް ނުހުންނާނެއެވެ. ކޮންމެ އެއްޗެއްވެސް ހީވާނީ އެކަތި އަނެކައްޗާއި ޖެހި ފިތިފައިވާހެންނެވެ. ނަމަވެސް ޙަޤީޤަތް އޮންނަނީ ވެއްޓިފައި އޮންނަ ބިއްލޫރި ކޮޅަކަށް އިރުގެ ދޯދި އެޅިގެން އެއީ އަލިމަހެއްހެން ހީވާފަދައިންނެވެ. ނުވަތަ އޭގެ އަނެއްކޮޅަށެވެ. އެހެން ނޫނީ ދުނިޔެއާއި އިރާއި ދެމެދަށް ހަނދު ވަނީމާ ކޭތަހިފާހެން އިރުގެ ތެރެއަށް ހަނދު ވެދެގެންގޮސްފައިވާހެނެވެ. ނުވަތަ ކުޅަދާނަ ޖާދޫގަރުން ދައްކާ އިލޫޝަނެއް ފަދައިންނެވެ.