ޕްރީ ސްކޫލް އުމުރުފުރައިގެ ކުދިންނަށް ޚާއްސަ ޕްރޮގްރާމްތަކަށް މުޅި ދުނިޔެއިން ވެސް އެންމެ މަގްބޫލު ޗެނަލް ކަމުގައިވާ "މޫންބަގް" ޗެނަލް މީޑީއާނެޓް މެދުވެރިކޮށް ވަރަށް އަވަހަށް ފެންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިއުޒިކާއި، ކުޅިވަރު އަދި ތައުލީމީ ޕްރޮގްރާމްތަކެއް ހިމެނޭ މި ޗެނަލް ޚާއްސަ ވެގެންދާ އެންމެ ބޮޑު އެއް ސަބަބަކީ މި ޗެނަލްގައި ހިމެނޭ ޕްރޮގްރާމްތަކަކީ ހަމައެކަނި ޓީވީ އިން ބަލާލުމުގެ އިތުރަށް ކުޑަކުދިން އެ ޕްރޮގްރާމްތަކުގައި ހިމެނޭ ކޮންޓެންޓްގައި ޝާމިލުވެވޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމްތަކަކަށް ވުމުން ކަމަށް މީޑިއާނެޓުން ބުނެއެވެ.
"މޫންބަގް" ޗެނަލްގައި ޔޫޓިއުބް ސްޓްރީމިން ޕްލެޓްފޯމްގައި މަޝްހޫރު އަދި ދިވެހި ކުޑަކުދިންގެ މެދުގައި މަގްބޫލު ގިނަ ޝޯވތައް ހިމެނެއެވެ. އޭގެ ތެރޭގައި ތުއްތު ކުދިންގެ މެދުގައި އެންމެ މަގްބޫލު މިއުޒިކަލް ޝޯވް "ކޮކޯ މެލަން"، އިންޓަރެކްޓިވް އެޑިއުކޭޝަނަލް ޝޯވް "ބްލިއްޕީ" އަދި ކުޅިވަރު ކާޓޫން ޝޯވ "ސުޕަ ސްޓައިކާޒް" ފާހަގަކޮށްލެވެއެވެ. މި ޕްރޮގްރާމްތަކުގެ އިތުރުންވެސް ޝައުގުވެރި އެތައް ޝޯވްތަކެއް މިޗެނަލުން ކޮންމެ ދުވަހަކުވެސް ދައްކާނެއެވެ.
އިންޓަނެޓް ބޭނުންކުރާ މިންވަރު މަދުކޮށް، ފޯން ސްކްރީނުން ދުރުވެ، ޓީވީ އިން ބޮޑު ސްކްރީނުގައި މި ޕްރޮގްރާމްތައް ބަލާލުމުގެ ފުރުސަތު ބެލުންތެރިންނަށް ލިބިގެންދާނެ ކަމަށް މީޑިއާނެޓުން ބުނެއެވެ.
ވަކި އުމުރުފުރައަކަށް ބެލުމެއްނެތި ހުރިހާ އުމުރަކާ ގުޅޭ ޝޯވތަކާއި ކޮންޓެންޓް ގެނެސްދިނުމަށް މީޑިއާނެޓުން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންމެ މަގްބޫލު ޗެނަލްތަކާއެކު މަޝްވަރާކޮށް ދިވެހިންގެ ޓީވީ ސްކްރީންތަކާއި ހިސާބަށް ގެނެސްދިނުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ "މޫންބަގް" ފަދަ 100 މިލިއަނަށް ވުރެން ގިނަ ޔޫޓިއުބް ސަބްސްކްރައިބަރުން ހިމެނޭ ޗެނަލެއް މީޑިއާނެޓުގެ ޚިދުމަތައް އިތުރުކުރެވުމަކީ މި ޚިދުމަތުގެ ކުރިއެރުމަށް އެޅޭ އިތުރު ފިޔަވަޅެއްކަމަށް އެ ކުންފުނިން ބުނެއެވެ.
ދިވެހިރާއްޖޭގެ އެންމެ ބޮޑު ޓީވީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްކަމުގައިވާ މީޑިއާނެޓަކީ އެ ފަރާތުގެ ޗެނަލް ލައިނަޕުގައި ހުރިހާ އުމުރެއްގެ ފަރާތްތަކާއި ގުޅޭ އަދި ގަޔާވާ ޗެނަލްތަކާއި ޕްރޮގްރާމްތައް ގެނެސްދިނުމަށް ޚާއްސަ އިސްކަމެއްދޭ ފަރާތެކެވެ. ކުޅިވަރާއި މުނިފޫހިފިލުވުމުގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ޗެނަލްތަކާއި ޕްރޮގްރާމްތައް މީޑިއާނެޓު މެދުވެރިކޮށް ޓީވީ އިން ބަލާލެވެއެވެ. އެގޮތުން ކާޓޫން ނެޓްވޯކް އަދި ނިކަލޯޑިއަން ފަދަ ޗެނަލްތަކުން ދައްކާ ޕަވަ ޕަފް ގާލްސް، ޑެކްސްޓާޒް ލެބޯރެޓޮރީ އަދި ޖިމީ ނިއުޓްރޮން ފަދަ ޕްރޮގްރާމްތަކަކީ ޒަމާންވީ ފޭވަރިޓްސްގެ ގޮތުގައި ފާހަގަކޮށްލެވޭ ޕްރޮގްރާމްތަކެކެވެ.